މަންޓާގެ ދަތުރުތައް މާފަރަށް ފަށަން ހުއްދަ ނުދީ ހިފަހައްޓާކަމުގެ ތުހުމަތު ތަކާއެކު އެ އެއާލައިންގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސާ އަޙުމަދު މައުމޫން (މާނު) މީޑިއާއަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވެފައި ވަނީ މިގޮތަށް ހުއްދަ ނުލިބި ލަސްވެގެން މިދާ ކޮންމެ ލަސްވުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާ، ކޮންމެ ދުވަހަކު މެ އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށެވެ.
އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައި ވާނޭކަމަށް ވިދާޅުވެ މާނު ވިދާޅުވީ އެކަމަށް އެ މިނިސްޓްރީން އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށެވެ. އެހެން އެކަން އޮތްއިރު މާފަރު އެއާޕޯޓަށް އެ އެއަރލައިން އިން ދަތުރު ނުކުރާ ކަމުގެ ޝަކުވާ އެ އަތޮޅުގެ އާންމުންނާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން އެ އެއާލައިންގައި މިހާރު ވެސް މެދުކެނޑުމެއްނެތި ކުރަމުން ގެންދާ ކަމަށްވެސް މާނު ވިދާޅުވެފައިވެއެވެ.
މާފަރު އެއާޕޯޓަށް ދަތުރުތައް ފެށުމަށް މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައިކަން ފާހަގަ ކުރައްވަމުން މައުމޫން ވިދާޅުވީ މިކަމުގެ ގެއްލުން ހާއްސަކޮށް ނ. އަތޮޅުގެ ރައްޔިތުންނާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ވަރަށް ބޮޑަށް ކުރާނެކަމަށެވެ.
އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އިޔާސް މި މައްސަލައިގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މަންޓާގެ ދަތުރުތަކަށް ހުއްދަ ނުދެވިގެން އުޅެނީ ވަރަށް ކުރިޔާލާ ޖެޓުތަކަށް އެއާޕޯޓުގެ ސްލޮޓްތައް ވިއްކިފައިހުރުމުން ކަމަށާ، އަދި މަންޓާއިން ހުއްދައަށް އެދުނީ ވެސް ވަރަށް ފަހުން ކަމަށެވެ. އަދި އޭރު ހުރީ ޖެޓްތަކަށް ސްލޮޓްތައް ވިއްކައި ހުރިހާ ޖާގައެއް ފުރިފައި ކަމަށް ވެސް އިޔާސް ވިދާޅުވެއެވެ.
ސްލޮޓްތައް އެވޭލަބަލް ވީހާ އަވަހަކަށް ދަތުރުތައް ފެށޭނޭ ކަމަށް މަންޓާއަށް މިހާރު އަންގާފައި ވާނެ ކަމަށް ވިދާޅުވެ އިޔާސް ވިދާޅުވީ މާފަރު އެއާޕޯޓުގެ ޖާގައިގެ ދަތިކަން މިހާރު ހައްލުކުރަން އޭޕްރޮން ބޮޑުކުރުމާއި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަސައްކަތް ނިމޭނޭ ތާރީހެއް އިޔާސް ވިދާޅެއްނުވެއެވެ.
ނ.އަތޮޅުގައި އެންމެ ފުޅާދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރައްވަމުން ގެންދަވާ އެއަތޮޅު ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް މީސް މީޑިއާގައި ރޭ ވިދާޅުވެފައި ވަނީ މާފަރު އެއާޕޯޓަށް އެންމެ އެދެވޭ ގޮތުގައި ޝެޑިއުލް ދަތުރުތައް ނުކުރުމަކީ އެ އަތޮޅުގެ ރައްޔިތުންނާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ، މާފަރު އެއާޕޯޓަކީ ހަމައެކަނި ޖެޓްތައް ޖައްސާ ތަނަކަށް މިހާރު ވެފައި އޮންނަ އޮތުން ބަދަލުކޮށް، އަތޮޅުގެ ރައްޔިތުންނަށް ފަސޭހަތައް ގެނެސްދީ މާފަރު އެއާޕޯޓަކީ މަންފާވާ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.
"ހެނދުނު އަންނަ ފަތުރުވެެރިޔާ 6 ގަޑިއިރު މާލެ އެއަރޕޯރޓްގައި ބަހައްޓައިގެން ހަވީރު، ނުވަތަ ރޭގަނޑު ގެނައުންތޯ ފަތުރުވެެރިކަމަށް ނަފާވާނީ؟" އައްބާސް ވިދާޅުވިއެވެ.
މިހާލަތު ބަދަލުކޮށް ރަނގަޅު ޚިދުމަތެއް ފަތުރުވެރިންނަށް އަދި އަތޮޅުގެ ރައްޔިތުންއަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ލިބިގެން ނޫނީ ރިޒޯޓް ތަކާއި ލޯކަލް ޓޫރިޒަމް ކުރިއަރާ ނުދާނޭ ކަމަށް ވެސް މެންބަރު އައްބާސް ވިދާޅުވިއެވެ.