
ހުޅުމާލޭގައި މަދިރި ގިނަވަމުން އަންނާތީ އެކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، މި މައްސަލަ މާލެ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ މިއަދު ބޭއްވި އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.
މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން މިކަން ފާސްކޮށްފައި ވާއިރު، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި މަދިރި ނައްތާލުމަށްޓަކައި ފޮގް ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ވަގުތުން ފެށުމަށް މިއަދުގެ ޖަލްސާގައި އެދިވަޑައިގެން ޒާޔާ ވިދާޅުވީ، އަވައްޓެރި ސްރީލަންކާގައި މިހާރު ޑެންގޫ އިތުރުވުމުގެ ސަބަބުން ރެޑް އެލާޓް ނެރެ، ސިފައިން ވެސް ނެރެގެން މަސައްކަތް ކުރަމުންއަންނަ ކަމަށާ، އެހެންކަމުން ރާއްޖޭގެ ހާލަތު ވެސް އެ މިންވަރަށް ދަންދެން ހިމޭނުން ތިބެގެން ނުވާނެ ކަމަށެވެ.
ހާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގައި އުސް އިމާރާތްތައް ގިނަވުމާއެކު، އެ ތަންތަނުން މަދިރި ނައްތާލެވޭނެ ގޮތަކަށް ފޮގް ކުރުން ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، ކުރިއަށް މިއޮތީ ވިއްސާރަ މޫސުން ކަމަށްވާތީ، މި ހަރަކާތް ހުޅުމާލޭގެ އިތުރުން މާލެ އާއި ވިލިމާލޭގައި ވެސް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާ ކަމަށެވެ.
މާލެ ސަރަހައްދުން ވެސް ހާއްސަކޮށް ހުޅުމާލޭގައި މަދިރި ގިނަވަމުންދާ ކަމުގެ ޝަކުވާ ހުޅުމާލޭގެ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ، މަދިރި ނައްތާލުމަށް އެޗްޑީސީން ކުރިން ކުރި މަސައްކަތްތަކަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވުނު ކަންތައްތައް ކަމަށް އެ ރައްޔިތުން ނުދެކޭ ކަމަށެވެ.
އެގޮތުން ޒާޔާ ފާހަގަކުރެއްވި ގޮތުގައި، އެޗްޑީސީން ކުރިން ހުޅުމާލެ ފޮގް ކުރިއިރު އެންމެ މުހިންމު ހިސާބުތަކަށް ފޮގް ކޮށްފައި ނުވާކަމަށް ރައްޔިތުުންގެ ފަރާތުން ލިބުނު މައުލޫމާތުންނާއި، ހޯދި ހޯދުންތަކުން ހާމަވެގެން ދެއެވެ.
ހުޅުމާލޭގެ ރައްޔިތުންގެ ހައްގުގައި އެރައްޔިތުންނަށް ބޭނުންވާ މުހިންމު ގިނަ ކަންކަން ހައްލުކޮށްދެއްވުމަށް ޒާޔާ އަންނަނީ ވަކާލާތުކުރައްވަމުން ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ފޭސް-2 ގެ ދޯދި ޓަވަރުތައް ކައިރީ އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީ އަށް މާލޭ ސިޓީކައުންސިލުން އަންގަވައި ދެއްވުމަށް ފާސްކޮށްދެއްވުން އެދިވަޑައިގެން ޒާޔާ ވަނީ މީގެކުރިން ބޭއްވި ސިޓީކައުންސިލްގެ ޖަލްސާގައި ހުށަހަޅުއްވާފައި ކަން ފާހަގަކޮށްލެވެއެވެ.
އަދި ޒާޔާގެ އެ ހުށަހެޅުއްވުން އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކޮށްދެއްވާފައި ވާއިރު، ޒާޔާ ވަނީ ހުޅުމާލެ ފޭސް-2 ގައި ދިރިއުޅޭ ރައްޔިތުންނަށް ހުރި ދަތިތައް ފާހަގަކުރައްވާ މީގެ ކުރިން ވެސް ފިޔެސް އާ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ފިޔެސްއަށް މައުލޫމާތު ދެއްވަމުން ޒާޔާ ވިދާޅުވެފައި ވަނީ، ހުޅުމާލެ ފްލެޓްތަކުގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި އެޗްޑީސީން ވަނީ ވަރަށްބޮޑަށް އިހުމާލުވެފައި ކަމަށާ، އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަންޖެހޭ މިސްކިތްތައް ނޭޅި ދިގުލައިގެން ގޮސް، އެ ސަރަހައްދުތަކުގައި މަދިރި ގިނަވުން ފަދަ އެތައް މައްސަލަތަކެއް އެއްވެސް ހައްލެއް ނުލިބި އެބަހުރިކަމަށެވެ.
މީގެއިތުރުން ވެސް ޒާޔާ ވަނީ، މާލޭސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި ވެސް އެފަދަ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކަންބޮޑުވުން ފާޅުކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން، ވިނަރެސް އަދި ހިޔާ ފްލެޓްތަކުގައި ދިރިއުޅުވާއް ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީ އިން ބޮޑުތަނުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ އެ ސަރަހައްދުގައި އިމާރާތް ކުރަން ފަށައިފައިވާ މިސްކިތްތަކުގެ މަސައްކަތް ހުއްޓިފައި ހުރުން ކަމަށެވެ.
އެ ގޮތުން، ހިޔާ ފްލެޓް ސަރަހައްދާއި ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އަޅަން ފެށި ތިން މިސްކިތެއްގެ މަސައްކަތް ހުއްޓިފައި އޮންނާތާ، ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ހުކުރު ދުވަސްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް، މިހާރު ހުރި މިސްކިތްތަކުން ޖާގަ ނުލިބުމުގެ ސަބަބުން، އަވީގައި ތިބެގެން ނަމާދުކުރަން ޖެހުމުގެ ދަތިކަން ތަހައްމަލްކުރަން ޖެހިފައިވާކަމަށް ވެސް ބުދަ ދުވަހުގެ ބައްދަލުވުމުގައި ޒާޔާ ވިދާޅުވިއެވެ.
ޕާކިންގްގެ މައްސަލައަކީ ވެސް އެ ސަރަހައްދުގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާ، ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އިއުލާން ކުރެއްވި ޕާކިންގް ބިލްޑިންގްތަކުގެ މަސައްކަތް ކުރިއަށް ނުދާކަމާއި، ވިނަރެސް ފްލެޓްތައް ވިއްކިއިރު ބުނެފައިވާ ފަދަ، ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ހެދުމުގެ އެއްވެސް މަސައްކަތެއް އެޗްޑީސީއާއި، އެފްޑީސީން ކޮށްފައި ނުވާކަން ވެސް ޒާޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފްލެޓްތައް ރަނގަޅަށް މެއިންޓެއިން ނުކުރުމުގެ ސަބަބުން، ކުދި ކުރަފި ފަދަ ސޫފިތައް އާލާވުން އިތުރުވެފައިވާ ކަމަށާ، ކަރަންޓު ކެނޑޭ ވަގުތުތަކުގައި ލިފްޓާއި ފެން ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ޒާޔާ ވިދާޅުވިއެވެ.
އަދި ބައެއް މަގުތައް އާދަޔާ ހިލާފަށް އަނދިރިކޮށް އޮތް ނަމަވެސް، އެ ކަން ހައްލުކުރުމަށް އެޗްޑީސީން އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ވިދާޅުވެ ޒާޔާ ވިދާޅުވީ، މިއީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ދިނުމުގައި އެޗްޑީސީ ފެއިލްވެފައިވާކަން ހާމަކޮށްދޭ ހެކިތަކެއް ކަމަށެވެ.




