މިއީ ދިވެހިރާއްޖޭގައި ދާއިމީ ގާއިމުވުމެއް (ޕާމަނަންޓް އެސްޓަބްލިޝްމަންޓެއް) ނެތި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކުން ފޯރުކޮށްދޭ ޓޫރިޒަމްގެ ޕްރޮޑަކްޓްތަކާއި އެއާ ގުޅުންހުރި ބުކިން ޚިދުމަތްތަކުން، ރާއްޖޭގައި މިހާރުވެސް ނަގަމުންދާ 17 އިންސައްތައިގެ ޓީޖީއެސްޓީ ނެގުމަށް ކަނޑައެޅި އުސޫލެކެވެ. މި އޮނިގަނޑުގެ ދަށުން، ރާއްޖޭގައި ހުރުމާއި، ކެއިންބުއިމާއި، ދަތުރުފަތުރާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ވިއްކާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން އަދި އޮފްޝޯ ބުކިން ޕްލެޓްފޯމްތައް ހިމެނެއެވެ.
މި ބަދަލު ގުޅިފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 8 ވަނަ އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީގުކުރެއްވީ އޮގަސްޓް 31 ގައެވެ.
އެ އިސްލާހަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރުމަށް ކަނޑައަޅާފައި ވަނިކޮށް، ރާއްޖޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަމީން ވިދާޅުވީ، އެގޮތަށް ކަނޑައެޅުމާއެކު ޓޫރިޒަމް ދާއިރާ އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކެއް ލިބުނު ކަމަށެވެ.
"މިއާ އެކީގައި އިންޑަސްޓްރީގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އަދި ޓްރެވަލް އެޖެންޓުންގެ ކަންބޮޑުވުންތަކެއްވެސް ހުރިކަން ފާހަގަކުރެވުނު، އެއީ މުއްދަތާ ގުޅިގެންނާއި އަދި ބައެއް މިކަމުގަހުރި ސަބަބުތަކުގެ ތެރޭގައި. މިކަމާ ގުޅިގެން އިންޑަސްޓްރީގެ އިސް ފަރާތްތަކުންނާއި އަދި ޓްރެވަލް އެޖެންޓުންގެ ވަރަށް ގިނަ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށްވަނީ ގިނަ ރިކުއެސްޓްތަކެއް ފޮނުވާފައި. މިވަގުތު ރައީސް ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް." އަމީން ވިދާޅުވި އެވެ.
ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ނިންމިކަން އިއުލާން ކުރެއްވި ނަމަވެސް، އެކަން ބަދަލުކުރަނީ ކޮން ގޮތަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ. ދާއިރާގެ ގިނަ ފަރާތްތަކުން ގޮވާލަމުން އަންނަނީ އެ ބަދަލު އެއްކޮށް އުވާލުމަށެވެ.
އެ ގާނޫނަށް ގެނައި ބަދަލުތަކާ ހެދި ޔޫރަޕްގެ ބައެއް ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ބުކިން ހެދުން ވެސް ވަނީ މެދުކަނޑާލައިފައެވެ.
އެ ބަދަލުތަކާ އެކު ޓެކްސް ނަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ޓޫރިޒަމް ދުވަހުގެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ޓޫރިޒަމް ސެކްޓަރަށް 54 އަހަރު ފުރިގެން ދިޔަ އިރު ރާއްޖޭގެ ޓޫރިޒަމަކީ ދުނިޔޭގެ އެންމެ ބޮޑު މަގްބޫލުކަމެއް ލިބިފައިވާ އެއް މަންޒިލް ކަމަށާއި އެ ހިސާބަށް އާދެވުނީ ދާއިރާގައި މަސައްކަތް ކުރި ފަރާތްތަކުގެ ބޮޑު މަސައްކަތަކުން ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާ އެކު ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރި ކަމަށާއި އެކަމަކު އަނެއްކާ ވެސް އެ ގޮންޖެހުންތަކާ ކުރިމަތިލައި ޓޫރިސްޓުން އަންނަ ވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެ ދާއިރާ ކުރީގެ އޮތް ހާލަތަށް މިހާރު ވާސިލުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހަށް ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 3.4 ޕަސެންޓް ދަށްވުމެކެވެ.




