
މިގޮތުން ބަލާއިރު، އިސްލާމްދީނަކީ އިންސާނާގެ މުޅި ހަޔާތް ބާއްޖަވެރިކޮށްދޭ ދީނެކެވެ. މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަނީ ހަލާލު ކުރައްވާފައިވާ ކަންކަމާއި ހަރާމް ކުރައްވާފައިވާ ކަންކަން ކީރިތި ގުރުއާނާއި ކައު ރަސޫލާ ﷺ ގެ ސުންނަތުން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. މިގޮތުން މާއިދާ ސޫރަތުގެ 87 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. 'يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلَا تَعْتَدُوا إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ.' މި އާޔަތުގެ މަފުހޫމަކީ، އީމާންވެއްޖެ މީސްތަކުންނޭވެ! މާތް ﷲ ތިޔަބައިމީހުންނަށް ހަލާލުކުރެއްވި ރަނގަޅު ތަކެތި، ތިޔަބައިމީހުން ހަރާމް ނުކުރާށެވެ! އަދި ތިޔަބައިމީހުން ބޮޑާވެ ހައްދުފަހަނަޅައިނުދާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ މާތް ﷲ ލޯބިވޮޑިގެނެއް ނުވެއެވެ.
ހަމައެއާއެކު، ހަލާލާއި ހަރާމުގެ މިންގަނޑުތައް އުންމަތަށް ބަޔާންކޮށްދެއްވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާފައިވެއެވެ. 'إِنَّ الْحَلَالَ بَيِّنٌ وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ.' މި ހަދީސްގެ މަފުހޫމަކީ، ހަމަކަށަވަރުން ހަލާލުކަންތައްތައްވަނީ ބަޔާންވެ އެނގޭށެވެ. އަދި ހަމަކަށަވަރުން ހަރާމްކަންތައްތައްވަނީ ބަޔާންވެ އެނގޭށެވެ. އަދި އެދެމެދުގައި (އެބަހީ، ހަލާލެއް ނުވަތަ ހަރާމެއްކަން) ކަނޑައެޅިގެން ނޭނގޭ، ޝައްކުހުރި ކަންތައްތަކެއްވެއެވެ. މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް އެކަންތައްތަކެއް ނޭނގެއެވެ. ނަމަވެސް، ޒަމާނަށް އަންނަ ބަދަލުތަކާއެކު އުފެދޭ އައު މުއާމަލާތްތަކާއި ސިނާއަތްތަކަށް ހަލާލު ނުވަތަ ހަރާމް މި ލަފުޒުތައް އިތުރުކޮށްގެން ބޭނުންކުރުމަކީ މިއަދު އާންމުވެފައިވާ ކަމެކެވެ. މީގެ ތެރެއިން އެއް ކަމަކީ ހަލާލު ޓޫރިޒަމާއި ހަރާމް ޓޫރިޒަމް ގެ ނަމުގައި ދެކެވޭ ވާހަކަތަކެވެ. އިލްމީ އަދި ފިގުހީ ނަޒަރަކުން ބަލާއިރު، މި ލަފުޒުތަކަކީ ދީނީ ނައްސެއްގައި ސީދާ އެގޮތަށް އައިސްފައިވާ މުސްތަލަހުތަކެއް ނޫނެވެ. މިއީ ޒަމާނީ އިއިގުތިސޯދީ އަދި މާކެޓިން ބޭނުމަކަށް އުފެދިފައިވާ ނަންތަކެކެވެ.
ކަންކަމުގެ އަސްލަކީ ހަލާލުވުން
އިސްލާމީ ފިގުހުގެ ތަރުތީބާއި، ރޭވުންތެރިކަމާއި، އުސޫލުތަކަށް ބަލާއިރު، އަޅުކަން ފިޔަވައި އާންމު ދިރިއުޅުމުގެ ކަންކަމާއި، މުއާމަލާތްތަކާއި، ދަތުރުފަތުރު ކުރުމަކީ ހުއްދަވެގެންވާ ހަލާލުކަމެކެވެ. މަޝްހޫރު ފިގުހީ ގާއިދާއެއްގައި ވެއެވެ. 'الأَصْلُ فِي الأَشْيَاءِ الإِبَاحَةُ حَتَّى يَدُلَّ الدَّلِيلُ عَلَى التَّحْرِيمِ' މި ގާއިދާގެ މަފުހޫމަކީ، ކަންކަމުގެ އަސްލަކީ ހުއްދަވުމެވެ. އެކަމެއް ހަރާމްކަމުގެ ދަލީލެއް ފެންނަންދެންނެވެ. މީގެ އިތުރުން 'الأُمُورُ بِمَقَاصِدِهَا' (މަފުހޫމަކީ، ކަންކަން ބިނާވަނީ އެކަމެއްގެ މަގުސަދުގެ މައްޗަށެވެ.) މި ގާއިދާއަށް ބަލާއިރު، ދަތުރުކުރުމުގެ މަގުސަދާއި އެ ދަތުރުގެ ތެރޭގައި ކުރެވޭ އަމަލުތަކަށް ބަލައި، އެ ދަތުރަކީ ހަލާލު ނުވަތަ ހަރާމް ދަތުރެއްގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ. ހަމައެއާއެކު، 'الْوَسَائِلُ لَهَا أَحْكاَمُ الْمَقَاصِدِ' (މަފުހޫމަކީ، މަގުސަދުތަކަށް ވާސިލުވުމަށް ބޭނުންކުރާ ވަސީލަތްތަކަށް ލިބެނީ މަގުސަދުގެ ހުކުމެވެ.) މި ގާއިދާއަށް ރިއާޔަތްކޮށް ފަތުރުވެރިކަމަކީ ހަލާލު މަގުސަދެއް ހާސިލުކުރަން ބޭނުންކުރާ ވަސީލަތަކަށް ވާނަމަ އެއީ ހަލާލު ކަމެކެވެ. އަދި ހަރާމް ކަމަކަށް މަގުފަހިކުރާ ވަސީލަތެއްނަމަ އެއީ ހަރާމް ކަމެކެވެ. އެހެންކަމުން، ފަތުރުވެރިކަން ނުވަތަ ދަތުރުކުރުން އެއީ އަމިއްލަ ޒާތުގައި ހަރާމް އެއްޗެއް ނޫނެވެ.
ކީރިތި ގުރުއާނާއި ސުންނަތުގެ ދަލީލުތައް
ދަތުރުފަތުރު ކުރުމަކީ ނުވަތަ ބިމުގައި ހިނގައި ބިނގައިވެ އުޅުމަކީ ކީރިތި ޤުރުއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. މާތް ﷲ ވަނީ ބިމުގައި ދަތުރުކޮށް، އެކަލާނގެ މުއުޖިޒާތްތަކާއި ކުރީގެ އުންމަތްތަކަށް ވީގޮތް ދެނެގަތުމަށް ގޮވާލައްވާފައެވެ. އަންއާމް ސޫރަތު ގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. 'قُلْ سِيرُوا فِي الْأَرْضِ ثُمَّ انظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ.' މި އާޔަތުގެ މަފުހޫމަކީ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އެއަށްފަހު، ރަސޫލުން ދޮގުކުރި މީހުންގެ ނަތީޖާ އޮތީ ކިހިނެއްކަން ތިޔަބައިމީހުން ބަލާށެވެ! މީގެ އިތުރުން، ދުނިޔޭގެ ޒީނަތްތަކާއި ހަލާލު ރިޒުގުތަކަކީ މުއުމިނުންނަށް ހުއްދަ އެއްޗެއްކަން ބަޔާންކުރައްވައި އައުރާފު ސޫރަތު ގެ 32 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. 'قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ.' މި އާޔަތުގެ މަފުހޫމަކީ، ކަލޭގެފާނު ވިދާޅުވާށެވެ! މާތް ﷲ، އެއިލާހުގެ އަޅުތަކުންނަށްޓަކައި ނެރުއްވި ޒީނަތްތެރިކަމާއި، ރިޒުގުތަކުގެ ތެރެއިން މީރުތަކެތި ހަރާމްކުރީ ކާކުހެއްޔެވެ؟
ކައު އިތުރު ރަސޫލާ ﷺ ވަނީ ދަތުރުވެރިޔާގެ ދުއާއަކީ އިޖާބަކުރެއްވުން އަވަސް ވެގެންވާ ދުއާއެއްކަން ބަޔާން ކުރައްވާފައެވެ. މި ގޮތުން ހަދީސްކުރައްވަފައިވެއެވެ. 'ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ لَا شَكَّ فِيهِنَّ: دَعْوَةُ الْمَظْلُومِ، وَدَعْوَةُ الْمُسَافِرِ، وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ' މި ހަދީސްގެ މަފުހޫމަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި އިޖާބަކުރެވޭ ތިން ދުއާއެއްވެއެވެ. އެއީ އަނިޔާލިބިފައިވާ މީހާގެ ދުއާއާއި، ދަތުރުވެރިޔާގެ ދުއާއާއި، ބަފައިމީހާ އެނާގެ ދަރިޔާގެ މައްޗަށް ކުރާ ދުއާއެވެ.
އިސްލާމީ ޝަރީއަތުގެ މަގުސަދުތަކާއި ފަތުރުވެރިކަން
އިސްލާމީ ޝަރީއަތުގެ މަގުސަދުތައް ބިނާވެގެންވަނީ އިންސާނުންގެ ދީނާއި، ނަފްސާއި، ބުއްދިއާއި، ނަސްލާއި، އަދި މުދާ ރައްކާތެރިކުރުމުގެ މައްޗަށެވެ. ދަތުރުފަތުރު ކުރުމަކީ އޭގެ ސަބަބުން އިންސާނާގެ ބުއްދިއަށް ތަނަވަސްކަން ލިބޭ ކަމެކެވެ. ސިއްހީ ގޮތުން ހަށިގަނޑާއި ނަފްސަށް އަރާމު ލިއްބައިދޭ ކަމެކެވެ. މިއީ އިސްލާމީ ޝަރީއަތުގައި ހުއްދަވެގެންވާ ކަންކަމެކެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ތެރެއިން ބަނގުރާ ބުޔުމާއި، އޫރުމަސް ކެއުމަކީ ބުއްދިއާއި މުދާ ހަލާކުވުމަށް މަގުފަހިވާ ކަންކަމެވެ. އެފަދަ ކަންކަމަކީ އެއީ ޝަރީއަތުގެ މަގުސަދުތަކާ ސީދާ ފުށުއަރާ ކަންކަމެވެ. އެހެންކަމުން، ފަތުރުވެރިކަމަކީ އިސްލާމީ އަގުތައް ހިމާޔަތްކުރާ ސިނާއަތަކަށް ހެދުމަކީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހަލާލު ޓޫރިޒަމް ގެ ހަގީގަތާއި އޭގެ ސިފަތައް
'ހަލާލު ޓޫރިޒަމް' އަކީ އިސްލާމީ ނައްސުތަކުގައި ސީދާ އެ ނަމުން ބަޔާންވެގެންވާ ކަމެއް ނޫނެވެ. މިއީ މުސްލިމް ފަތުރުވެރިންނަށް އެމީހުންގެ ދީނީ ވާޖިބުތަކަށް ހުރަހެއް ނޭޅޭ ގޮތަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ކިޔާ އިގުތިސޯދީ މާކެޓިން ނަމެކެވެ. އިސްލާމީ ޝަރީއަތުގެ ނަޒަރުގައި، މީގެ މާނައަކީ ހަމައެކަނި ހުއްދަވެގެންވާ މާހަލެއްގައި ދަތުރުކުރުމެވެ. މިފަދަ ހިދުމަތްތަކުގެ ތެރޭގައި އޫރުމަހާއި ރާ ފަދަ ތަކެތިން ސަލާމަތްވެފައިވާ ހަލާލު ކާބޯތަކެތި ލިބެން ހުންނަށްވާނެއެވެ. އަދި ހޮޓާތަކާއި، ރިސޯޓުތަކުގައި ނަމާދުކުރާނެ ތަންތަނާއި ގިބްލަ ދައްކައިދޭ ނިޝާންތައް ފެންނަށް ހުންނަށްވާނެއެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށް ހާއްސަ ސްވިމިން ޕޫލުތަކާއި، ސްޕާ ފަދަ އާއިލީ އަދި ފަރުދީ ނިވާކަން ކަށަވަރުކޮށްދޭ ވަސީލަތްތައް ހުރުމަކީ މީގެ ތެރެއިން ބައެކެވެ. އެހެންކަމުން، މިއީ ދީނަށް އަލަށް އިތުރުވި ކަމެއް ނޫނެވެ. އެހެނަސް، މުސްލިމުންނަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުތައް ހުރި ތަންތަން ފާހަގަކުރުމަށް ބޭނުންކުރާ ވިޔަފާރީގެ ލޭބަލެކެވެ.
ހަރާމް ޓޫރިޒަމްގެ ފިގުހީ މާނަކުރުން
ދީނީ ގޮތުން 'ހަރާމް ޓޫރިޒަމް' އެއީ ވަކި ސިނާއަތެއްގެ ގޮތުގައި ބަޔާންވެފައި އޮތްކަމެއް ނޫނެވެ. ނަމަވެސް ދަތުރުކުރުމުގެ މަގުސަދަށް ނުވަތަ އެ ދަތުރުގައި ކުރެވޭ އަމަލުތަކަށް ބަލައި އެއީ ފާފައެއްގެ ގޮތުގައި އިލްމުވެރިން ކަނޑައަޅުއްވާ ދަތުރުތަކެވެ. މިފަދަ ދަތުރުތަކަށް އިސްލާމީ ފިގުހުގައި ދެވިފައިވަނީ 'ސަފަރުލްމައުސިޔާ' (ފާފަކުރުމުގެ ދަތުރު) އެވެ. މީގެ ތެރޭގައި މާތް ﷲ ނަހީކުރެއްވި ކަމެއް ކުރުމަށް، މިސާލަކަށް ޖުވާ ކުޅުމުގެ ހިދުމަތްތައް ބޭނުންކުރުމާއި، ބަނގުރާ ބުއިން، ނުވަތަ ފާހިޝް އަމަލުތައް ހިންގުމާއި ރޭގަނޑުގެ ކްލަބްތަކުގެ ސަގާފަތަށް ހާއްސަކޮށް ކުރާ ދަތުރުތައް ހިމެނެއެވެ. ހަމައެހެންމެ، އާންމު ގޮނޑުދޮށްތަކާއި ޕޫލްތަކުގައި އައުރަ ނިވާނުކޮށް އުޅުން އާންމުވުން ފަދަ، އިސްލާމްދީނާއި، އަގީދާއަށް ނުރައްކާވާ ފަދަ މާހައުލުތައް ވެސް މީގެ ތެރެއަށް ވަދެއެވެ. މާތް ﷲ ކީރިތި ގުރުއާނުގެ މާއިދާ ސޫރަތު ގެ 2 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ. 'وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ.' މި އާޔަތުގެ މަފުހޫމަކީ، އަދި ހެޔޮކަންތަކާއި، ތަގުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވާށެވެ! އަދި ފާފަކުރުމާއި، އަދާވަތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިނުވާށެވެ! އެހެންކަމުން، ފަތުރުވެރިކަމުގެ ނަމުގައި ވިޔަސް، މާތް ﷲ ނަހީކުރެއްވި ކަންކަމަށް މަގުފަހިކުރުމާއި އެފަދަ ވިޔަފާރިތައް ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ.
ދިވެހިރާއްޖޭގެ މިކްސްޑް މޮޑެލް
މިއަދުގެ ދުނިޔޭގައި އިސްލާމިކް ޓޫރިޒަމް ނުވަތަ ހަލާލު ޓޫރިޒަމް އަކީ އެތައް ބިލިއަން ޑޮލަރެއްގެ ބޮޑު ބާޒާރެކެވެ. މުސްލިމް އާބާދީ ބޮޑުވުމާއި، މުސްލިމުންގެ މާލީ ތަނަވަސްކަން އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދަނީ މި ބާޒާރު ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލް ބިނާވެފައިވަނީ ވަރަށް ތަފާތު 'މިކްސްޑް' އުސޫލެއް އެކުލެވިގެންވާ ފަރުމާއެއްގެ މައްޗަށެވެ. ރާއްޖެ އަންނަ މުސްލިމް ފަތުރުވެރިޔާއަށް ނަމާދުކުރުމުގެ ފުރުސަތާއި، މިސްކިތްތަކާއި، އަދި ހަލާލު ކާބޯތަކެތި ފަސޭހަކަމާއެކު ލިބެން ހުރެއެވެ. ހަމައެއާއެކު، ރާއްޖޭގެ ގާނޫނީ އިމުގެ ތެރިން ވަކި ހާއްސަ ހުއްދަތަކެއްގެ ދަށުން، ރިސޯޓުތަކުގައި ގައިރު މުސްލިމުންނަށް ބަނގުރަލާއި އޫރުމަސް ބޭނުންކުރުމުގެ ފުރުސަތު ވެސް އޮވެއެވެ. މިފަދަ މަސްހުނި ނުވަތަ ޑުއަލް-މޮޑެލް އެއް ނިޒާމެއް ދިވެހިރާއްޖޭގައި ގެންގުޅެން ޖެހުނީ ދުނިޔޭގެ ބޮޑު ބާޒާރަކަށް ރާއްޖެ ހުޅުވާލުމަށެވެ. އަދި ގައުމުގެ ޖީޑީޕީ އާއި ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓުމަށްޓަކައެވެ. އިގުތިސޯދީ މާހިރުން ދެކޭގޮތުގައި، ރިސޯޓުތަކުން ލިބޭ ބޮޑު އާމްދަނީއާ ނުލައި ދިވެހިގައުމުގެ އިގުތިސޯދު ހިފަހައްޓައެއް ނުލެވޭނެއެވެ.
އިލްމީ ބަހުސް: އެއް މާހައުލެއްގައި ދެ ހިދުމަތް ދިނުން
މި ހިސާބުން އުފެދޭ އިލްމީ އަދި ފިގުހީ ބަހުސަކީ، އެއް ރިސޯޓެއްގައި ނުވަތަ އެއް މާހައުލެއްގައި މުސްލިމުންނަށް ހަލާލު ހިދުމަތްތައް ދެމުން އަދި ގައިރު މުސްލިމުންނަށް ހަރާމް ތަކެތި ފޯރުކޮށްދެމުންދާ އެފަދަ މާހައުލަކަށް ހަލާލު ޓޫރިޒަމް އޭ ކިޔޭނެ ހެއްޔެވެ؟ މިގޮތުން، އިގުތިސޯދީ އަދި މާކެޓިން ނަޒަރިއްޔާތުގައި ބަލަނީ ފަތުރުވެރިކަމަކީ ބައިނަލްއަގުވާމީ ވިޔަފާރިއެއް ކަމަށެވެ. މުސްލިމް ފަތުރުވެރިޔާގެ ހައްގުތަކާއި ބޭނުންތައް ކަށަވަރުކޮށްދެވޭ ނަމަ، އެ މީހެއްގެ އަމިއްލަ ދިރިއުޅުމުގައި ހަލާލު ދަތުރެއް ކުރެވުނީއެވެ. ގައިރު މުސްލިމުން ކުރާ ކަންކަމުގެ ފާފައާއި ޒިންމާ އުފުލާނީ އެމީހުންނެވެ. ސަބަބަކީ ޝަރީއަތުގައި ގައިރު މުސްލިމުންގެ މައްޗަށް އިސްލާމީ ފަރުއީ ހުކުމްތައް ތަންފީޒުކުރުމުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރުމެވެ. ނަމަވެސް، ފިގުހީ އަދި ތަގުވާވެރިކަމުގެ ވިސްނުމުގައި ބާރުއަޅަނީ ދީނީ އަދި އަހުލާގީ ގޮތުން މާހައުލުގެ ސާފުތާހިރުކަން (Moral Purity) އަށެވެ. ރާ އާއި އޫރުމަސް އާންމުކޮށް ގެންގުޅޭ، އަދި މާތް ﷲ ނަހީކުރެއްވި އަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި ހިނގާ މާހައުލަކީ މުސްލިމުން ޗުއްޓީ ހޭދަކުރަން އެންމެ އެކަށީގެންވާ ހަލާލު މާހައުލެއް ނޫނެވެ. ސަބަބަކީ އެފަދަ މާހައުލެއްގައި ފާފައަށް ހެއްލުމުގެ ފުރުސަތު އޮތުމެވެ. އަދި މިފަދަ މާހައުކެއްގައި އިސްލާމީ މިންގަނޑުތަކާއި، އަގުތައް ފުރިހަމައަށް ނުހިފެހެއްޓޭތީއެވެ.
ނިންމުން
މާތްﷲ ސުބުހާނަހޫ ވަތައާލާ ވަނީ ހަލާލާއި ހަރާމް ވަރަށް ސާފުކޮށް ބަޔާންކުރައްވާފައެވެ. 'ހަލާލު ޓޫރިޒަމް' ނުވަތަ 'ހަރާމް ޓޫރިޒަމް' މި ނަންތަކަކީ ކީރިތި ގުރުއާނާއި ސުންނަތުގައި އައިސްފައިވާ ދީނީ ލަފުޒުތަކެއް ނޫނެވެ. ނަމަވެސް، މިއީ ޝަރީއަތުގައި ބަޔާންވެގެންވާ ހުއްދަ ދަތުރުތައް (ސަފަރުލްމުބާހް) އާއި ފާފަވެރި ދަތުރުތައް (ސަފަރުލްމައުސިޔާ) މިއަދުގެ ދުނިޔޭގެ ވިޔަފާރީގެ ބަހުރުވައިން މާނަކުރާ ގޮތެވެ. ރާއްޖޭގައި މިއޮތް މިކްސްޑް މޮޑެލްއަކީ އިގުތިސޯދީ ބޭނުމަށްޓަކައި ދެވޭ ހިދުމަތްތަކެކެވެ. މުސްލިމެއްގެ ހައިސިއްޔަތުން ކޮންމެ ނަމެއް ކީ ކަމުގައި ވިޔަސް، ތިމާ ދަތުރުކުރާ މަންޒިލާއި، ހޭދަކުރާ މާހައުލަކީ މާތްﷲ ރުއްސަވާ ހުއްދަ އިމުގެ ތެރޭގައިވާ، އަދި ތިމާގެ ދީނާއި އަގީދާއަށް ބުރޫނާރާ ގޮތަށް ތިމާގެ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު އޮތްތަނެއްކަމުގައި ކަށަވަރުކުރުމަކީ ކޮންމެ ފަރުދެއްގެ އަމިއްލަ ޒިންމާއެކެވެ.




