ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.-- ފޮޓޯ: އެމްޑީޕީ
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފައިސަލްގެ ފަރާތުން ހުށަހެޅުންތަކެއް
އިޤްތިޞާދީ ގޮތުން ފުދުންތެރި ގައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށް ގާނޫނުއަސާސީ އަށް އިސްލާހުތަކެއް ގެންނަން ޖެހޭ: ފައިސަލް ނަސީމް
ފިޔެސް 7 އޯގަސްޓް 2026 (ހުކުރު)   19:11
މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަށް މިއަދު 18 އަހަރު ފުރިގެންދާއިރު، ގައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް އޮތް ކަމަށް ވިދާޅުވެ، ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތައް ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ހާމަ ކުރައްވައިފި އެވެ.

މިއަދު ސޯޝަލްމީޑިއާގައި އާންމު ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވައިލިއިރު، ޚާއްސަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އޭރު އޭނާ ފާޅުކުރެއްވި ބައެއް ޚިޔާލުތަކުގެ ވީޑިއޯ ކްލިޕެއްވެސް ހިމަނާފައެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ޤާނޫނުއަސާސީ އަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށެވެ." ފައިސަލް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

އެގޮތުން، ފައިސަލް ހުށަހަޅުއްވާފައިވާ ކަންތައްތަކަކީ:

1. ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެމްބަރުންނަށް މަދުކޮށް، މުޅިއަތޮޅުން ވޯޓު ދީގެން މެމްބަރުން އިންތިޚާބު ކުރުން.

2. ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާގޮތާއި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރާ ގޮތް ބަދަލު ކުރުން.

3. މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުން.

4. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހު ކުރުން.

5. ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީތަކާއި، އޮފީސްތަކާއި އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުން. އަދި މުވައްޒަފުން އައްޔަން ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުން.

6. ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލުން. އަދި، ތައުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވިޔަފާރި އަދި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް، ރާއްޖެ ތަރައްޤީ ކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުން. މިގޮތުން އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްޤީ ކުރާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުން. އަދި މި ޚާއްސަ ސަރަހައްދުތަކުގައި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ވެސް އިސްކަމެއް ދިނުން.

7. ދިވެހިރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރުން. އަދި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމު ކުރުން.

8. ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުން. އެގޮތުން:

  • ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތައް ދިވެހިންނަށް ލިބޭނެ ފަދަގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުން.
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަނސްކީމްތައް ތައާރަފު ކުރުން. ވިޔަފާރިތަކަށް ދިވެހިން ވަނުމަށް ހިތްވަރު ދީ، މަގު ހުޅުވައި ދިނުން.
  • ރިސޯޓުތަކުގައި ކުރާ ތާޑް ޕާޓީ ވިޔަފާރިތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިންނަށް ލިބޭނެ ގޮތަކަށް އިންޑަސްޓްރީއާ މަޝްވަރާކޮށް މިކަމަށް މަގެއް ހުޅުވުން.


9. ކާބޯ ތަކެތީގެ ޔަޤީންކަން ދަމަހައްޓައި، އެހެން ޤައުމުތަކަށް ބަރޯސާވުން ކުޑަ ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުން.

10. މީހުން ބިނާ ކުރުމުގައި، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން. އަދި މި މަޝްރޫއު ވަޒީފާގެ ބާޒާރާ ގުޅުވައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތަކަށް ބައްޓަން ކުރުން.

11. އެކަށީގެންވާ ފެންވަރުގެ ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅުން. އަދި އިޖްތިމާޢީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، އެންމެންނަށް އެއް މިންގަނޑަކުން ދިނުމުގެ ބަދަލުގައި، ކޮންމެ ފަރުދެއްގެ އަދި ކޮންމެ އާއިލާއެއްގެ ހާލަތު ވަކިވަކިން ބަލައި، އެ ހާލަތާ އެކަށޭނަ ގޮތަކަށް އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމު ކުރުން.

12. ޤައުމީ ޕްރޮކިއުމަންޓް އޮފީހެއް ޤާއިމުކޮށް، ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި، ސަރުކާރަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގަންނަ މުދަލާއި ތަކެތި، އޭގައި ކޮރަޕްޝަނެއް ނުހިމެނޭކަން ނުވަތަ، ނާޖާއިޒު ފައިދާއެއް ނުނެގޭކަން ރައްޔިތުންނަށް ޔަޤީން ކޮށްދިނުމަށްޓަކައި ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުން.

13. ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ރައީސުލްޖުމްހޫރިއްޔާއެއްގެ އިތުރުން، ދައުލަތުގެ އިސް ވެރިޔަކު ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ބަދަލު ގެނައުން. މި ގޮތުން ރައްޔިތުން އިންތިޚާބުކުރާ ދައުލަތުގެ ވެރިޔާގެ މަގާމަކީ، ސިޔާސީ ނޫން މަގާމެއްގެ ގޮތުގައި ކަނޑައަޅައި، ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް ނެތި، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރުން.

14. ދައުލަތުގެ ދުސްތޫރީ އަސާސްތަކާ ކުޅުމުގެ ފުރުސަތު އެކަކުގެ އަތް މައްޗަށް ދޫކޮށް ނުލުމަށްޓަކައި، ދައުލަތުގެ އިސް ވެރިޔާގެ މަސްއޫލިއްޔަތުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަކިކޮށް ކަނޑައަޅައި ބަޔާންކުރުން. އެގޮތުން، ސަރުކާރު ހިންގުމުގެ ކަންކަމުގައި ބަސް ނުބުނެވޭނެ ގޮތަށް ހަމަޖައްސައި، ދައުލަތުގެ އިސް ވެރިޔާގެ މަސްއޫލިއްޔަތު ތަކުގެ ގޮތުގައި މިފަދަ ކަންކަން ކަނޑައެޅުން:

  • މަޖިލީހުން ފާސްކުރާ ޤާނޫނުއަސާސީގެ އިސްލާހުތަކާއި، އެހެނިހެން ޤާނޫނުތައް ތަސްދީޤު ކުރުން.
  • ބޭރު ދައުލަތްތަކުގެ ސަފީރުންގެ ސަފީރުކަން ދިވެހި ދައުލަތުގެ ނަމުގައި ބަލައިގަތުން.
  • އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަށް، ނަން ހުށަހެޅުމާއި، އައްޔަން ކުރުން.
  • ޖޭއެސްސީ އާއި މިނިވަން މުއައްސަސާ ތަކަށް މެމްބަރުން އައްޔަން ކުރުމަށް ނަން ހުށަހެޅުން.
  • ދައުލަތުގެ ނަމުގައި ވަކި މިންވަރަކަށް ވުރެ ބޮޑެތި ދަރަނި ނަގާ ނަމަ، އެ ނިންމުން އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުގެ ބާރު ދިނުން.


ރާއްޖޭގައި ހެޔޮ ވެރިކަމެއް ޤާއިމުކޮށް، ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ޤާނޫނުއަސާސީ އަށް ގެނައުމަށް ފައިސަލް ނަސީމްގެ ފަރާތުން އާންމުކުރެއްވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވަޑައިގެންނެވުމުގެ ޝައުގުވެރިކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

ކޮމެންޓް