
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބްރެޓަން ވުޑްސް (Bretton Woods) އެއްބަސްވުމާއެކު ދުނިޔޭގެ ރިޒާވް ކަރަންސީގެ މަގާމު ޑޮލަރަށް ލިބުނެވެ. އޭގެ ފަހުންދުނިޔޭގެ އިގުތިސޯދީ ދުވެލި ކޮންޓްރޯލް ކުރާ މައިގަނޑު ބާރަކީ ޑޮލަރެވެ. 2026 ވަނަ އަހަރުގެ މެދަކާހަމައަށް އައިއިރު ދުނިޔޭގެ އިގުތިސޯދީ ހާލަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިއާއެކު ޑޮލަރަށް ބަރޯސާވާ ގިނަ ގައުމުތަކަކަށް ވަނީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ހާމަކުރާ ގޮތުގައި، ދުނިޔޭގެ އިގުތިސޯދީ ދުވެލި މަޑުޖެހެމުންދާ ދަނޑިވަޅެއްގައި، ޑޮލަރުގެ ތާށިކަމާއި އޭގެ އަގު މައްޗަށް ދިއުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ދުނިޔޭގެ މާލީ ނިޒާމުގައި ޑޮލަރުގެ ދައުރު
ޔޫއެސް ޑޮލަރަކީ ހަމައެކަނި އެމެރިކާގެ ފައިސާއެއް ނޫނެވެ. އެއީ ދުނިޔޭގެ "ޔުނިވަރސަލް ކަރަންސީ" އެވެ. އާލަމީ ވިޔަފާރީގެ 80 އިންސައްތައަށްވުރެ ގިނަ މުއާމަލާތް ހިނގަނީ ޑޮލަރުންނެވެ. އަދި މިއާއެކު ދުނިޔޭގެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގައި ބަހައްޓާ ފޮރިން އެކްސްޗޭންޖް ރިޒާވްގެ ގާތްގަނޑަކަށް 57 އިންސައްތަ ހިއްސާކުރަނީ ޑޮލަރެވެ. މިގޮތުން؛
ތެލުގެ ވިޔަފާރި (Petrodollar) އަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރެވޭ ކޮމޮޑިޓީ އެވެ. މިގޮތުން، ސާފުނުކުރާ ތެޔޮ ގަނެވިއްކަނީ ހަމައެކަނި ޑޮލަރުންނެވެ. އެހެންކަމުން ކޮންމެ ގައުމަކަށްވެސް ތެޔޮ ގަތުމަށްޓަކައި ޑޮލަރު ހޯދުމަކީ މަޖުބޫރުކަމެކެވެ. އަދި ބައިނަލްއަގުވާމީ ދަރަނީގެ މުއާމަލާތްތައް ހުންނަނީ ޑޮލަރުންނެވެ. އެގޮތުން، ދުނިޔޭގެ ގައުމުތަކުންނާއި، ބޮޑެތި ކުންފުނިތަކުން ބޭރުގެ މާލީ އިދާރާތަކާއި، ގައުމުތަކުން ނަގާ ދަރަނި ހުންނަނީ ޑޮލަރުންނެވެ. އެހެންކަމުން އެ ދަރަނި އަނބުރާ ދެއްކުމަށްޓަކައިވެސް ޑޮލަރު ބޭނުންވެއެވެ.
ޑޮލަރުގެ މައްސަލަ އުފެދެން ދިމާވި ސަބަބުތައް
ޑޮލަރުގެ މައްސަލައަކީ ދުނިޔޭގެ އިގުތިސޯދީ ހަމަޖެހުން މިއަދު ގެއްލިފައިވާ މައިގަނޑު ސަބަބެވެ. މިގޮތުން؛
1. އެމެރިކާގެ މަނިޓަރީ ޕޮލިސީ
އެމެރިކާގައި އިންފްލޭޝަން މަތިވުމާ ގުޅިގެން، އެގައުމުގެ ފެޑެރަލް ރިޒާވްއިން ވަނީ ފެޑް ފަންޑް އިންޓްރެސްޓް ރޭޓް %3.5 އާއި %3.75 އާ ދެމެދުގެ މިންވަރެއްގެ ރޭންޖެއްގައި ހިފަހައްޓާފައެވެ. އަދި ކުރިއަށް ތަނަށް ލަފާކުރާ ގޮތުގައި މި އަދަދު %3.8 އާއި %4.0 އާ ދެމެދުގެ މިންވަރަކަށް ބޮޑުވުމުގެ ފުރުސަތުރު %37 އާއި %47 އާ ދެމެދުގެ އަދަދަކަށް އެބައޮތެވެ. އެހެންކަމުން އިންވެސްޓަރުން ބޭނުންވަނީ އެމީހުންގެ ރައުސްމާލު އެންމެ ރައްކާތެރި ތަނަކަށް، އެމެރިކާއަށް ބަދަލުކުރާށެވެ. އެއީ 'ސޭފް ހެވަން' އަށް ވާތީ އެވެ. މީގެ ނަތީޖާއަކަށްވާނީ ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓުތައް އަނބުރާ އެމެރިކާއަށް ގެންދިޔުމެވެ. ސަބަބަކީ އެމެރިކާގެ ބޮންޑުތަކާއި، ބޭންކުތަކުން ރިސްކެއް ނެތި %3.5 އަށްވުރެ މަތީ ފައިދާއެއް ލިބުމެވެ. މިއަށް ކިޔަނީ 'ކެޕިޓަލް ފްލައިޓް' އެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެ، ޑޮލަރުގެ އަގު އިންތިހާއަށް މަތިވާނެއެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގުތިސޯދު ނުރައްކަލަށް ހުށަހެޅިގެން ދެއެދެވެ.
ކެޕިޓަލް ފްލައިޓް ހިނގާގޮތުގެ މިސާލެއް
ހާލަތު: ސްމިތު އަކީ އެމެރިކާގެ ބޮޑު މާލީ ކުންފުންޏެއްގެ ފަންޑު މެނޭޖަރެކެވެ. އޭނާގެ އަތުގައި އިންވެސްޓްކުރާނެ 10 މިލިޔަން ޑޮލަރު އެބަހުއްޓެވެ.
ފުރަތަމަ މަރުހަލާ: ބޭރު ގައުމެއްގައި އިންވެސްޓްކުރުން؛
އެމެރިކާގެ ބޭންކުތަކުން ކުރިން ލިބޭ އިންޓްރެސްޓް ރޭޓަކީ، މިސާލަކަށް، އެންމެ %1.0 އެވެ. ތަރައްގީވަމުން އަންނަ ގައުމެއްކަމަށްވާ އިންޑޮނޭޝިއާ ގެ ސަރުކާރު ބޮންޑުތަކުން އޭރު ފައިދާގެ ގޮތުގައި 6.0% ލިބެން ހުއްޓެވެ. އެހެންކަމުން، ސްމިތު އޭނާގެ 10 މިލިއަން ޑޮލަރު ހިފައިގެން އިންޑޮނޭޝިއާގެ ފައިސާ، ރުޕިއާ އަށް ބަދަލު ކުރެއެވެ. އަދި އެ ގައުމުގެ ބޮންޑާއި ހިއްސާގެ ބާޒާރުގައި އިންވެސްޓްކުރިއެވެ. މީގެ ސަބަބުން އިންޑޮނޭޝިއާގެ އިގުތިސޯދަށް އިތުރު ފައިސާ ވަދެ، ކުރިއެރުން ލިބުނެވެ.
ދެވަނަ މަރުހަލާ: އެމެރިކާގެ އިންޓްރެސްޓް ރޭޓް މަތިކުރުން؛
އެމެރިކާގައި އިންފްލޭޝަން މަތިވުމާ ގުޅިގެން، އެގައުމުގެ ފެޑެރަލް ރިޒާވްއިން އިންޓްރެސްޓް ރޭޓް 3.75% އަށް މަތިކޮށްފިއެވެ. މީގެ މާނައަކީ ސްމިތު އެމެރިކާގެ ސަރުކާރު ބޮންޑެއް ގަތަސް، އެއްވެސް ރިސްކަކާ ނުލައި، ސައްތައިންސައްތަ ރައްކާތެރިކަމާއެކު، %3.75 ގެ ފައިދާއެއް ލިބޭނެއެވެ. އަނެއްކޮޅުން އިންޑޮނޭޝިއާއިން ލިބޭ %6.0 ގެ ފައިދާއަކީ %3.75 އާ އަޅާ ބަލާއިރު ބޮޑު ފައިދާއެއް ލިބއެވެ. ނަމަވެސް އެގައުމުގެ ސިޔާސީ ހާލަތާއި ފައިސާގެ އަގު ވެއްޓުމުގެ ނުރައްކާ ނުވަތަ ރިސްކު އެބައޮތެވެ.
ތިންވަނަ މަރުހަލާ: 'ފައިސާ ހިފައިގެން ފިލުން'؛
އެހާ ހިސާބުން ސްމިތުގެ ވިސްނުން ބަދަލުވާނެއެވެ. ނުރައްކާ ބޮޑު ގައުމެއްގައި %6.0 ގެ ފައިދާއެއް ހޯދުމަށްވުރެ، މުޅިން ރައްކާތެރި އެމެރިކާގެ ބާޒާރުން %3.75 ހޯދުން މާ ބުއްދިވެރިއެވެ. އެހެންކަމުން، ސްމިތު ވަގުތުން އިންޑޮނޭޝިއާގެ ބާޒާރުގައި ހުރި އޭނާގެ ހިއްސާތަކާއި ބޮންޑުތައް ވިއްކާލާނެއެވެ. އަދި އެއިންލިބޭ އިންޑޮނޭޝިއާ ރުޕިއާ އެގައުމުގެ ބޭންކުތަކަށް ގޮސް ޑޮލަރަށް ބަދަލުކުރާނެއެވެ. އަދި އެ ޑޮލަރު އެމެރިކާއަށް ފޮނުވާލާނެއެވެ. މިއީ، ސްމިތު އެކަނި ކުރާ ކަމެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ އިންވެސްޓަރުންކުރާ ކަމެކެވެ. އަދި މި ހުރިހާ އިންވެސްޓަރުން އެއްވަގުތެއްގައި މިގޮތަށް ފައިސާ އަނބުރާ ގެންދަން ފެށުމުން، އެ ހިނގަނީ "ކެޕިޓަލް ފްލައިޓް" އެވެ. މީގެ ނަތީޖާއަކަށްވާނީ އެގައުމެއްގެ މަރުކަޒީ ބޭންކުގައި ހުރި ޑޮލަރަށް ލޮޅުން އެރުމެވެ. ނުވަތަ ހުސްވުމެވެ. އަދި ޑޮލަރު ގަންނަ މީހުން ގިނަވުމުގެ ސަބަބުން އެގައުމެއްގެ ފައިސާގެ އަގު، ޑޮލަރާ އަޅާބަލާއިރު ބޮޑުތަނުން ވެއްޓުމެވެ.
2. "ސްޓްރޯންގް ޑޮލަރު"
ޑޮލަރުގެ އަގު އުފުލުމަކީ އެހެން ގައުމުތަކުގެ ފައިސާއަށް ނުރަނގަޅު އަސަރު ކުރުވާކަމެކެވެ. އަދި ޑޮލަރާއި އަޅާ ބަލާއިރު އެހެންގައުމުތަކުގެ ފައިސާގެ އަގު ދަށްވާކަމެކެވެ. މިސާލަކަށް، ދިވެހި ރުފިޔާ، ލަންކާ ރުޕީސް، އިންޑޮނޭޝިއާގެ ރުޕިއާ ފަދަ ފައިސާތަކުގެ އަގު ވެއްޓެއެވެ. އަދި މުދާ އިންޕޯޓުކުރުމަށް ހިނގާ ހަރަދު ދެގުނަވެއެވެ. މީގެ ސަބަބުން ގައުމުގެ އެތެރޭގެ އިންފްލޭޝަން މަތިވެއެވެ.
ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ހުރި ނުރައްކާ
އެމެރިކާގެ މަނިޓަރީ ޕޮލީސީތަކަށް ގެންނަ ބަދަލުތަކާއި، އެއާއި ގުޅިގެން ޑޮލަރަށް އަރާ ކޮންމެ ލޮޅުމަކީ ރާއްޖެ ފަދަ ކުދިގައުމަތަކުން ތަހައްމަލުކުރަން ޖެހޭ ވޭނެއެކެވެ. ޒަހަމެކެވެ. ނުއުފުލޭވަރުގެ ތަކުލީފެކެވެ. އަދި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަކީ އަމިއްލައަށް މުދާ އުފެއްދޭ މިންވަރު މަދު ގައުމުތަކެވެ. އެހެންކަމުން މުޅި ބާޒާރު ބަރޯސާވެފައި އޮންނަނީ ސައްތައިންސައްތަ އިންޕޯޓުކުރާ މުދަލުގެ މައްޗަށެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި ޑޮލަރަށް އަރާކޮންމެ ލޮޅުމެއްގެ ސީދާ އަސަރު ކުރެއެވެ. މިގޮތުން، ޑޮލަރު އަގުބޮޑުވުމުން، ރާއްޖެ ފަދަ ތަކެތި އެތެރެކުރާ ގައުމުތަކަށް މުދާ އިންޕޯޓުކުރުމަށްކުރާ ހޭދަ20% އިން %30 އަށް އުފުލި، ގައުމުގެ އެތެރޭގެ ތަކެތީގެ އަގު އިންތިހާއަށް މަތިވެއެވެ. އަދި ރަސްމީ ބޭންކިން ނިޒާމުން ޑޮލަރު ލިބުން ދަތިވުމުން ކާޅު ބާޒާރެއް ނުވަތަ ބްލެކް މާކެޓެއް އުފެދި، އެމާރުކޭޓުގައި ޑޮލަރުގެ އަގު ރަސްމީ ރޭޓަށްވުރެ 20% އާ %40 ދެމެދުގެ އަދަދަކަށް ޑޮލަރުގެ މުއާމަލާތްތައް ކުރެއެވެ. މިއީ މުޅި އިގުތިސޯދުގެ އަގުތައް މައްޗަށް ދާން ދިމާވާ ސަބަބެކެވެ. އަދި ދުނިޔޭގެ އިގުތިސޯދު ހީނަރުވުމުން ފަތުރުރުވެރިން އެމީހުންގެ ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަކުރެއެވެ. މީގެ ސަބަބުން ފަތުރުވެރިކަމުން އެ ގައުމަކަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވެއެވެ.
ހައްލުގެ ދަތުރު
ގައުމުތަކަށް އޮތް ހައްލަކީ، އަމިއްލަ ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ރިޒާވް ސިންދަފާތުކޮށް، ދުނިޔޭގެ އިގުތިސޯދީ ލޮޅުންތަކުން ސަލާމަތްވުމަށް ދުރާލާ ހަރުދަނާ މާލީ ސިޔާސަތުތަކެއް އެކުލަވާލުމެވެ. މިގޮތުން، ޑޮލަރުގެ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެ ބޮޑެތި އިގުތިސޯދުތަކުން މިހާރު ދަނީ ޑޮލަރަށް ކުރާ ބަރޯސާ ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއަށް ކިޔަނީ 'ޑީ-ޑޮލަރައިޒޭޝަން' އެވެ. މި ހަރަކާތުގެ ދަށުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ؛
ބްރިކްސް ގެ ދައުރު: ބްރިކްސް އަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، ސައުތު އެފްރިކާ އަދި އަލަށް ގުޅުނު ގައުމުތަކުގެ މައްޗަށް އުފައްދާފައިވާ ބައިނަލްއަގުވާމީ އިއްތިހާދެކެވެ. ނުވަތަ ޖަމްއިއްޔާއެކެވެ. ބްރިކްސްގައި ބައިވެރިވާ ގައުމުތަކުން ގެންދަނީ އެގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިތައް އަމިއްލަ ފައިސާއިން، ލޯކަލް ކަރަންސީން ކުރުމަށް ބާރުއަޅަމުންނެވެ. މިސާލަކަށް، ރަޝިއާއާއި ޗައިނާއާ ދެމެދު ކުރެވޭ ތެލުގެ ވިޔަފާރީގެ 90% ގެ މުއާމަލާތް މިހާރު ކުރަނީ ޔުއާން އަދި ރޫބަލް އިންނެވެ.
ބައިލެޓްރަލް ޓްރޭޑް އެގްރީމެންޓްސް: އިންޑިއާއާއި ޔޫއޭއީ ފަދަ ގައުމުތަކުން ވަނީ ދެގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރު ދޫކޮށް ދިރުހަމް އަދި ރުޕީސް ބޭނުންކުރުމުގެ އެއްބަސްވުންތައް ހަދާފައެވެ.
ޑިޖިޓަލް ފައިސާއާއި ސީބީޑީސީ: މަރުކަޒީ ބޭންކުތަކުން އުފައްދާ ޑިޖިޓަލް ފައިސާ، ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީސް ބޭނުންކޮށްގެން، އެމެރިކާގެ 'ސްވިފްޓް ނިޒާމަށް ބަރޯސާނުވެ، ސީދާ ގައުމުތަކުގެ މެދުގައި ފައިސާ ބަދަލުކުރެވޭނެ އާ ޕްލެޓްފޯމްތައް، މިސާލަކަށް ‘mBridge’ ދަނީ ތަރައްގީކުރަމުންނެވެ.
ރަން (Gold) ގަތުން އިތުރުވުން: ދުނިޔޭގެ މަރުކަޒީ ބޭންކުތަކުން ޑޮލަރު ރިޒާވްގައި ބެހެއްޓުމުގެ ބަދަލުގައި ބަހައްޓާ ރަނުގެ ރިޒާވް ވަނީ ވަރަށް ބޮޑުތަން އިތުރުކުރަން ފަށާފައެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ރަނުގެ އަގު ވަނީ ކުއްލިއަކަށް ރެކޯޑް މިންވަރަކަށް، އައުންސެއް 4،400 އިން 5،600 ޑޮލަރާ ދެމެދުގެ އަދަދުތަކަށް އުފުލިފައެވެ.




