މަޓީގެ 36 ވަނަ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މަޓީ
އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ދެމެހެއްޓޭނެ ކަމެއް ނޫން: މަޓީ
ފިޔެސް 24 އޯގަސްޓް 2026 (ހޯމަ)   23:18
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ސަރުކާރުން ގެންނަން އުޅޭ ބަދަލަކީ އެއްގޮތަކަށްވެސް ދެކޮޅުޖެހޭ އަދި ސިނާއަތަށް ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު ބުނެފިއެވެ.

މަޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި، މުސާރައާއި، ސާވިސް ޗާޖާއި، ޓެކުހާއި، އަދި ބޭރުގެ ލޯނުތައް ދެއްކުމަށް ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަންޖެހޭއިރު، އާމްދަނީގެ 40 ޕަސަންޓް މާރުކުރުމަކީ ވިޔަފާރިތަކަށް ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ.

އެ ޖަމުއިއްޔާއިން މި މަހު ކުރީކޮޅު އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ވާހަކަދެކެވުނީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 ޕަސަންޓު މާރުކުރާ ގޮތަށް ކަމަށްވެފައި، ސަރުކާރުން ކުއްލިއަކަށް އެއްވެސް މަޝްވަރާ ކުރުމެއް ނެތި މިއަދު މާރުކުރާ ޕަސަންޓް 40 ޕަސަންޓަށް އިތުރުކުރަން ނިންމުމުން ފަތުރުވެރިކަމުގެ ސިނާއަތަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް މަޓީން ބުންޏެވެ.

މަޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި 23 އޮގަސްޓް 2026 ގައި، ކެބިނެޓްގެ އިސް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ކުއްލި ބައްދަލުވުމަކަށް މަޓީ ގެ އެގްޒެކެޓިވް ބޯޑު ހާޒިރުކުރިއެވެ.

އަދި ތަހުގީގީ އިދާރާތަކުން މިހާރު ހިންގަމުންދާ ތަހުގީގުތަކުން، ބައެއް ރިސޯޓު ހިންގާ ފަރާތްތަކުން ޣައިރުގާނޫނީ މުއާމަލާތްތައް މެދުވެރިކޮށް ބޭރު ފައިސާގެ ކަޅުބާޒާރަށް ވާގިވެރިވެ، އޭގެ ސަބަބުން ކަޅުބާޒާރުގެ އެކްސްޗޭންޖް ރޭޓް ނަހަމަ ގޮތުގައި އުފުލެމުންދާ ކަމަށް ތުހުމަތުކުރެވިފައިވާ ކަން އެ ބައްދަލުވުމުގައި މަޓީއަށް އަންގާފައިވާ ކަމަށާއި އެހެންނަމަވެސް އެފަދަ އެއްވެސް އަމަލެއްގެ މައުލޫމާތު އެ ޖަމުއިއްޔާއަށް ލިބިފައިނުވާ ކަމަށް މަޓީގެ ބަޔާނުގައި ވެއެވެ.

"ވަކިވަކި ބައެއް ރިސޯޓު އޮޕަރޭޓަރުންގެ އަމަލުތަކާ ގުޅޭގޮތުން މިހާރު ތަހުގީގުކުރެވެމުންދާ ތުހުމަތަކީ، މުޅި ސިނާއަތަށް އެއްކޮށް ހިންގޭ ވަރުގަދަ ސިޔާސަތެއް އެކަށައެޅުމަށް އޮތް ސަބަބަކަށް ވެގެން ނުވާނެއެވެ. އަދި ކަޅުބާޒާރަށް ކުރިމަތިވެފައިވާ ޕްރެޝަރު ހަމައެކަނި ރިސޯޓު އޮޕަރޭޓަރުންގެ ބޮލުގައި އެޅުވުމަކީ ސައްހަ، އަދި އިންސާފުވެރި ކަމެއްވެސް ނޫނެވެ." މަޓީގެ ބަޔާނުގައި ވެއެވެ.

އަދި އެއްވެސް އިސްތިސްނާއެއް ނެތި، އަބަދުވެސް ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ހުރިހާ މެންބަރުންނަށް ކެނޑިނޭޅި އަދި ސާފުކޮށް އިލްތިމާސްކުރަމުން އަންނަކަން މަޓީން ވަނީ އަލުން ތަކުރާރުކޮށްފައެވެ.

ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓު ތަމްސީލުކުރާ މަޓީން ބުނީ، އެ އެސޯސިއޭޝަނަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ގިނަ ބޭރު ފައިސާ ވައްދާ އަދި މާރުކުރާ އެއް ފަރާތް ކަމަށެވެ.

ގައުމީ އިގްތިސާދީ މައްސަލަތަކުގައި ސަރުކާރާއެކު އަބަދުވެސް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމަށާއި، މި މައްސަލައިގައިވެސް ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރާއި އެމްއެމްއޭ އާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް މަޓީން ބުންޏެވެ.

އެމްއެމްއޭއިން މިހާރު ދަނީ ރިސޯޓުތަކަށް އަންނަ މީހެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް