
މި ހާދިސާ ހިނގާފައިވަނީ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގެ ފުރަތަމަ ފަންގިފިލާގަ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ މާލެ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގު (51 އަހަރު) އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ގެއެއްގައި ދެ އަންހެނަކު ހާލުދެރަވެފައި އޮތްކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:34 ހާއިރު އެވެ. އަދި އެ ދެމީހުން އައިޖީއެމްއެޗަށް ގެންދިޔައިރު، އެތަނުން އެކަކު ވަނީ މަރުވެފައެވެ.
މި ހާދިސާގައި ހާލު ދެރަވި އުމުރުން 19 އަހަރުގެ އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވި ޒާހިދާއަކީ އެ ކުއްޖާގެ މަންމައެވެ. އަދި އެ ގޭގައި ދިރިއުޅެމުން ދިޔައީ ވެސް އެ ދެމައިން އެކަނިކަމަށް ވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ސާފުވެފައި ނުވި ނަމަވެސް، ހާދިސާ ހިނގި ސަރަހައްދުގައި ގޭހުގެ ވަސް ވަރަށް ގަދައަށް ހުރި ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.




