
ފިއްލަދޫ ކައުންސިލުން ހުސްވި އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ގެޒެޓުކޮށް އާންމުކޮށްފައިވާ ދައްޕަރު ޓެންޑަރުގައި ބުނަނީ، އެރަށުގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ބޭނުންވާ ފަރާތަކުން، ސީއެސްއާރް (ކޯޕްރަލް ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ ގޮތުގައި މަދުވެގެން އެއް މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށާ، އޭގެއިތުރުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ވެސް މަދުވެގެން ހަތަރު ލައްކަ ޑޮލަރު ދައްކަންޖެހޭކަމަށެވެ.
ފިއްލަދޫ ކައުންސިލުން އާންމުކޮށްފައިވާ ދައްޕަރު ޕްރޮޖެކްޓުގެ ޚުލާސާކުލީގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ރަށް ތަރައްގީކުރުމަށް ގިނަވެގެން 36 މަސްދުވަހުގެ މުއްދަތެއް ލިބޭގޮތަށް ކަނޑައަޅާފައިވާ އެ ޓެންޑަރުގައި ބުނެފައިވަނީ މި މަޝްރޫއަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށް ކަމަށެވެ.
ފިއްލަދޫ ރައްޔިތުންގެ ތެރެއިން ފިޔެސްއާ ވާހަކަދެއްކި އެރަށުގެ ގިނަރައްޔިތުންގެ ކަންބޮޑުވުމަކީ މި 50 އަހަރުގެ ދިގު މުއްދަތާއި، އަދި އެރަށުގެ ބިމުން ދެބައިކުޅައެއްބައި ވަރުގެ އޭރިއާއެއް އެއްބަޔަކަށް އެއްފަހަރާ ދިނުމުން ދެން އަންނަންއޮތް ޖީލުތަކަށް އެ ބިމުން ކުރަންޖެހޭ އެކަށޭނަ މަންފާއަށް ހުރަސްއެޅިގެން ދިޔުމެވެ.
އަދި އެފަދަ ބޮޑު ކަމެއްގައި ރައްޔިތުންގެ މަޝްވަރާއެއް ނެތި ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަނުވާހާލު ކުއްލިއަކަށް ކައުންސިލުގެ އެކަނި މަސްލަހަތަށް ރިއާޔަތްކޮށް މިކަމުގައި ގޮތްނިންމުމަކީ ރަށުގެކައުންސިލާއި ފިއްލަދޫގެ ރައްޔިތުންނާ ދެމެދުގައި އޮންނަންޖެހޭ އިތުބާރުގެއްލި ރައްޔިތުންގެ މުސްތަގުބަލަށް ކުރިމަތިވާނެ ބޮޑު މާޔޫސްކަމެއްކަމަށް އެރަށުގެ ގިނަ ރައްޔިތުން ބުނެއެވެ.
އެހެންކަމުން މިކަމާދެކޮޅަށް އެރަށު ރައްޔިތުން ޕެޓިޝަނެއް އެކުލަވާލަމުން އަންނައިރު، އެ ޕެޓިޝަންގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމަށް މިހާރު ހުޅުވާލާފައިވާ ދައްޕަރުގެ 226.13 ހެކްޓަރުގެ ސަރަހައްދަކީ ފިއްލަދޫގެ ފާސްކޮށްފައިވާ ލޭންޑްޔޫސް ޕްލޭންގައި އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ނޫނެވެ. އަދި ކައުންސިލުން މި ޓެންޑަރު ކުރިއަށް ގެންގޮސްފައިވަނީ، ފާސްކޮށްފައިވާ ޕްލޭނަށް ބަދަލުގެނައުމަށްޓަކާ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެއެވެ.
މީގެ އިތުރުން، ބިން ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ މާލީ އުސޫލުތަކާ މެދު ވެސް އެރަށުގެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވާއިރު، އެގޮތުން 226.13 ހެކްޓަރުގެ މުޅި އެ ސަރަހައްދަށް ބިން ހޯދުމަށް ދައްކަންޖެހޭ އެންމެ ކުޑަ އަގު ނުވަތަ ލީޒް އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ 400,000 އެމެރިކާ ޑޮލަރުކަމަށް ވެސް ފިއްލަދޫ ރައްޔިތުން އެކުލަވާލާ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
އަދި ސަރުކާރުން މިފަހުން އުތުރުގެ އަތޮޅުތަކުން ފަތުރުވެރިކަމަށް ހުޅުވާލި ޓެންޑަރުތަކަށް ބަލާއިރު، ދައްޕަރާ އަޅާކިޔޭ ފަދަ ނުވަތަ އެއަށް ވުރެ ކުޑަ ސަރަހައްދުތަކަށް ވެސް އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި މާ މަތީ އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން 2026 ވަނަ އަހަރު ހއ. ކެލާއިން ހުޅުވާލި 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ދެ ފަޅަކަށް އެންމެ ކުޑަ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ގާތްގަނޑަކަށް 1.9 މިލިއަން އަދި 2 މިލިއަން ޑޮލަރު ކަނޑައަޅާފައިވާކަމަށާ، އަދި ހދ. މަަކުނުދޫން ހުޅުވާލި 200 ހެކްޓަރުގެ ފަތުރުވެރި ފަޅަކަށް އެންމެ ކުޑަ އަގުގެ ގޮތުގައި 1.269 މިލިއަން ޑޮލަރު ކަނޑައަޅާފައި ވާއިރު، އެ އަޅާކިޔުންތަކަށް ބަލާއިރު، ދައްޕަރުގެ 226.13 ހެކްޓަރަށް އެންމެ 400,000 ޑޮލަރު ކަނޑައެޅުމަކީ ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ވެސް ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނުގައި ބުނެއެވެ.

ދައްޕަރުން ކުއްޔަށް ދޭ ބިމުގެ އަހަރީ ކުއްޔާ މެދު ވެސް އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ޓެންޑަރުގައި ބުނާގޮތުން އަހަރީ ކުއްޔަކީ އަކަމީޓަރަކަށް 3 ޑޮލަރެވެ. ނަމަވެސް، ސަރުކާރުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކަށް ހއ. އަދި ހދ. އަތޮޅުގައި ކަނޑައަޅާފައިވާ ގާނޫނީ ކުލީގެ އޮނިގަނޑަކީ އަކަމީޓަރަކަށް އަހަރަކު 4 ޑޮލަރެވެ.
ސަރުކާރުގެ ޓެންޑަރުތަކުގައި ހިމެނޭ ތަރައްގީކުރުމުގެ ޝަރުތުތަކަށް ވެސް ރައްޔިތުން ވަނީ އިޝާރާތްކޮށްފައެވެ. އުތުރުގައި ތަރައްގީކުރާ މިފަދަ ރިސޯޓުތަކުގައި މަދުވެގެން 150 އެނދު ނުވަތަ 75 ކޮޓަރި ތަރައްގީކުރަންޖެހެއެވެ.
ނަމަވެސް، ދައްޕަރުގެ ޓެންޑަރުގައި ތަރައްގީކުރަންޖެހޭނެ ކޮޓަރި ނުވަތަ އެނދުގެ އެންމެ މަދު މިންވަރެއް ބަޔާންކޮށްފައެއް ނުވެއެވެ. އެހާ ބޮޑު ސަރަހައްދަކުން ފަތުރުވެރިކަން ތަރައްގީކުރާނެ މިންވަރު އެނގޭނެ ސާފު ޝަރުތެއް ނެތި، އެއް އިންވެސްޓަރަކަށް 50 އަހަރަށް 226.13 ހެކްޓަރު ދޫކޮށްލަނީ ކީއްވެގެންތޯ ރައްޔިތުން އެހެންވެ ސުވާލު އުފައްދައެވެ.
ޕެޓިޝަން ތައްޔާރުކުރާ ފަރާތްތަކުން ބުނާގޮތުގައި، އެ މީހުންނަކީ ފިއްލަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމާ ނުވަތަ އިންވެސްޓްމަންޓްތަކާ ދެކޮޅު ބައެއް ނޫނެވެ. ނަމަވެސް ކަންބޮޑުވަނީ މިހާރު މި ހުށަހަޅާފައިވާ ގޮތާއި އޭގެ މިންވަރާ މެދުގައެވެ. އަދި ބޭނުންވާ ޕްލޭނިންގ އިޖުރާއަތްތައް ފުރިހަމަނުކޮށް، ރަށުގެ ބޮޑު ސަރަހައްދެއް ބައި ގަރުނަށް ބަންދުވެގެން ދިއުމުން ކުރާނެ ނޭދެވޭ އަސަރުތަކާ މެދުގައެވެ.
ރައްޔިތުން ބުނާގޮތުގައި ދައްޕަރަކީ ފަތުރުވެރިކަމާއި، އަމިއްލަ ވިޔަފާރިތަކާއި، ކަނޑުގެ ހަރަކާތްތަކުގެ އިތުރުން އާންމު ހިދުމަތްތަކާއި އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށް މުސްތަގުބަލުގައި އޮތް ބޮޑު ފުރުސަތެކެވެ. ނަމަވެސް 226.13 ހެކްޓަރުގެ ބިމާއި ފަޅު އެއްފަހަރާ 50 އަހަރަށް ކުއްޔަށް ދީފިނަމަ، އަންނަން އޮތް ޖީލުތަކަށް އެ ފުރުސަތުތައް ބަންދުވެގެންދާނެއެވެ.
މިކަމާގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާލުމަށް ފިއްލަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާދަމް ރާޝިދުއަށް ފޯނުންގުޅާލުމުން އެވަގުތު ފޯނު ނުނެގުމުގެ ސަބަބުން އަދި ވަނީ މައުލޫމާތު ލިބޭގޮތް ނުވެފައެވެ.
ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަނުކޮށް ފިއްލަދޫގެ ދެބައިކުޅަ އެއްބައި ދިގުމުއްދަތަށް ކުއްޔަށް ދިނުމަކީ އަންނަންއޮތް ޖީލުތަކަށް ވެވޭ ބޭއިންސާފެއް ކަމަށްބުނެ ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް އެކުލަވާލުމުގެ ހަރަކާތުގައި ބައިވެރިވާ ރައްޔިތުން ބުނާގޮތުގައި، މައްސަލައަކީ ދައްޕަރު ތަރައްގީކުރުމެއް ނޫނެވެ. މައްސަލައަކީ ޕްލޭނިންގ މަރުހަލާތައް ފުރިހަމަނުކޮށް އަދި ރައްޔިތުންގެ ހަގީގީ ބަހެއް ނެތި، މިހާރު ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ދައްޕަރުގެ 226.13 ހެކްޓަރުގެ ސަރަހައްދެއް އެއް ފަރާތަކަށް 50 އަހަރަށް ދޫކޮށްލަން އުޅުމެވެ.




