އެމްޖޭއޭ އިން ބޭއްވި ކުއްލި ބައްދަލުވުމެއް
ރައީސްގެ މީޑިއާ ބައްދަލުވުންތަކަށް ބައެއް މީޑިއާއަށް ނޭންގުމަކީ ކަންބޮޑުވުމެއް: އެމްޖޭއޭ
ހަސަން އިބްރާހީމް 7 ސެޕްޓެމްބަރ 2026 (ހޯމަ)   20:25
ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމަށް ރާއްޖޭގެ ބޮޑެތި ބައެއް މީޑިއާތަކަށް ދައުވަތު ނުދިނުމުން، އެކަން ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖައްމިޔާއެއް ކަމަށްވާ އެމްޖޭއޭ (މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން) އިން ކުށްވެރިކޮށްފިއެވެ.

އެމްޖޭއޭ އިން އެކަން ކުށްވެރިކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަނުމުގެ ފުރުސަތު ބައެއް މީޑިއާތަކަށް ނުލިބިގެން އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ހިމެނޭ ބައެއް ނޫސްވެރިންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް އޮފީހުން ބާއްވާ މިފަދަ މުހިންމު ބައްދަލުވުންތަކުން ވަކި މީޑިއާތަކެއް ބާކީކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށާ، އޭގެއިތުރުން އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ރައީސް އޮފީހުން ހުރަސްއެޅުން ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހުރިހާ މީޑިއާތަކަށް ވެސް ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލަމުން އެމްޖޭއޭ އިން ބުނެފައިވަނީ، ރައީސް މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމަށް ރާއްޖޭގެ ބޮޑެތި ބައެއް މީޑިއާތަކަށް ދައުވަތު ނުދިނުމުން، އެކަމާ ވަރަށްބޮޑަށް ކަންބޮޑުވާ ކަމަށާ އަދި އެކަން ކުށްވެރި ވެސް ކުރާ ކަމަށެވެ.

މީގެ ކުރިން ރައީސް އޮފީހުން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވައްދަނީ ހަމައެކަނި އަދަދު ނޫހުގެ ނޫސްވެރިން ކަމަށް ވީނަމަވެސް، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ނުދޭ މީޑިއާތަކުގެ ތެރޭގައި އަދަދު ނޫހުގެ އިތުރުން ދައުރު ނޫހާއި ރާއްޖެ ޓީވީ ވެސް ހިމެނޭއިރު، ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަކި މީޑިއާތަކަކަށް ދައުވަތު ނުދޭން ނިންމީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު ދޭންވީ ފަރާތްތަކާއި ދައުވަތު ދޭންވީ ގޮތް އެމަނިކުފާނު ކަނޑަނާޅާ ކަމަށާ، އެކަން ހިނގައިދިޔަގޮތް ރައީސް އޮފީހުގެ ކަމާބެހޭ ސެކްޝަނުން ބަލާފައި ޖަވާބު ދޭނެ ކަމަށެވެ.

ކޮމެންޓް