އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ، ރައްކާތެރި، އަދި ބައިނަލްއަގުވާމީ ފެންވަރަކަށް ބަދަލުކޮށްލާނެ ވަރަށް ހަރުދަނާ، ވަށާޖެހޭ ސިޔާސަތެއް.--
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއެކު ނިޒާމަށް އަންނާނެ ބަދަލުތަކުގެ ތަހުލީލު
މުހައްމަދު ހަލީމް 12 ސެޕްޓެމްބަރ 2026 (ހޮނިހިރު)   10:17
މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަކީ އިންތިހާއަށް ތޮއްޖެހި، މަގުމަތީގެ ސަލާމަތާއި، ރައްކާތެރިކަން ގެއްލި، ކަންބޮޑުވާންޖެހޭ މިންވަރަކަށް ކާރޫބާރޫބޮޑު ނިޒާމެކެވެ. މީގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. މި ގޮންޖެހުންތަކަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 31 އޮގަސްޓް 2026 ގައި ތަސްދީގު ކުރައްވާ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ގާނޫނު ނަންބަރު: 2026/16 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އަކީ 1 އޮކްޓޯބަރު 2026 އިން ފެށިގެން އަމަލުކުރަން ފަށާ ގާނޫނެކެވެ. މި ގާނޫނަކީ ރާއްޖޭގެ މަގުމަތީގެ ސަލާމަތް ކަށަވަރުކުރުމަށާއި، އުޅަނދުތައް ކޮންޓްރޯލްކުރުމަށާއި، އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ދިވެހި ދަތުރުފަތުރުގެ ސިޔާސަތުތައް ފެއްތުމަށްޓަކައި ގެނެވުނު އިންގިލާބީ ބަދަލެކެވެ. މިއީ ހަމައެކަނި ޖޫރިމަނާ ބޮޑުކުރުމެއް ނޫނެވެ. މިއީ މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ސަގާފަތް ވަށާޖެހޭ ގޮތެއްގައި ބަދަލުކޮށްލާނެ ފުރިހަމަ ގާނޫނީ އޮނިގަނޑެކެވެ.

އުޅަނދުތަކުގެ އުމުރު ކަނޑައެޅުން
މި ގާނޫނުގެ ދަށުން އެއްގަމު އުޅަނދު ދުއްވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން ގިނަވެގެން 20 އަހަރު ވަންދެން ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މިއީ ރާއްޖޭގެ މަގުތަކުގައި ދުއްވާ ބާ ލޮރީ، ކާރު އަދި ސައިކަލުފަދަ ފަދަ އުޅަނދުތައް މަދުކޮށް، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ބާވެފައިވާ އުޅަނދުތަކުގެ ސަބަބުން މަގުމަތީގައި ދުމުގެ އަސަރު ބޮޑުވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަކީ ވެސް މި ސިޔާސަތުގެ ބޭނުމެކެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ އުޅަނދުތައް ނައްތާލާނީ އާންމުންނަށް މާލީ ބުރައަކަށް ނުވާނެހެން އޭގެ ބަދަލު ދިނުމަށްފަހު އެވެ. މި ސިޔާސަތަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ ނިޒާމެކެވެ. މިސާލަކަށް، ސިންގަޕޫރުގައި 'ހައްގު ލިބިފައިވާ ކަމުގެ ސަނަދު' (Certificate of Entitlement - COE) ސިސްޓަމްގެ ދަށުން އުޅަނދުތަކުގެ އުމުރު 10 އަހަރަށް ކަނޑައަޅަ އެވެ. އެއަށްފަހު އުޅަނދު ބޭނުންކުރެވޭނީ ބޮޑު ފީއެއް ދައްކައިގެން އާ ކޮށްގެންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، އުޅަނދުތަކުގެ އުމުރު ކަނޑައެޅުމުގައި ހަރުކަށި މުއްދަތުތަކެއް ގެންގުޅެ އެވެ. މިސާލަކަށް، ޖަޕާނުގައި ވެސް ޒަމާނީ މިންގަނޑުތަކުގެ ސަބަބުން ގިނަވެގެން 10 އިން 13 އަހަރަށް ވުރެ ގިނަ ދުވަސްވީ އުޅަނދުތައް ގެންގުޅުމަކީ މާލީ ގޮތުން ބޮޑު ތަކުލީފެކެވެ. އަދި އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި 10 އަހަރަށް ވުރެ ގިނަދުވަސްވީ ޑީސަލް އުޅަނދުތަކާއި 15 އަހަރަށް ވުރެ ގިނަދުވަސްވީ ޕެޓްރޯލް އުޅަނދުތައް ދުއްވުން ވަނީ މުޅިން މަނާކޮށްފަ އެވެ. ރާއްޖެއިން ކަނޑައެޅި 20 އަހަރުގެ މުއްދަތަކީ މި ގައުމުތަކާ އަޅާބަލާއިރު ދިގު މުއްދަތެއް ނަމަވެސް، އެފަދަ އުޅަނދުތައް އެއްފަހަރާ މަގުމަތިން ނަގައި ބަދަލުދޭން ޖެހުމުން އިގްތިސާދަށް އޭގެ އަސަރު ކުރާނެ އެވެ. ރާއްޖެއިން 20 އަހަރުގެ މުއްދަތެއް ކަނޑައެޅީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، އާންމުންނަށް ތަކުލީފަކަށް ނުވާނެހެންނެވެ. މި ބަދަލުގެ ސަބަބުން މަގުތަކުން ބާ އުޅަނދުތައް މަދުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ މީހުންނަށް މަގުމަތީގެ ޖާގަ ތަނަވަސްވެގެންދާނެ އެވެ.

ޑިމެރިޓް ޕޮއިންޓް ސިސްޓަމް
އާ ގާނޫނުގައި ހިމަނާފައިވާ އެންމެ ޒަމާނީ އެއް ބަދަލަކީ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި ތައާރަފުކުރަންޖެހޭ 'ލައިސަންސް ޑިމެރިޓް ސިސްޓަމް' އެވެ. މި ނިޒާމުގެ ދަށުން، ކޮންމެ ޑްރައިވަރެއްގެ ލައިސަންސަށް ވަކި ޕޮއިންޓްތަކެއް ދެވިފައި ހުންނާނެ އެވެ. ޓްރެފިކް ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު، ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޕޮއިންޓް އުނިވަމުންދާނެ އެވެ. ޕޮއިންޓްތައް މުޅިން ހުސްވުމުން ލައިސަންސް އޮޓޮމެޓިކުން ބާތިލުވާނެ ނުވަތަ ސަސްޕެންޑް ވާނެއެވެ.

މި ނިޒާމަކީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑް ފަދަ ގައުމުތަކުގައި މަގުމަތީގެ ކުށްތައް މަދުކުރުމަށް ބޭނުންކުރާ އެންމެ ކާމިޔާބު އެއް އުކުޅެވެ. އިނގިރޭސިވިލާތުގައި 3 އަހަރު ތެރޭގައި 12 ޕޮއިންޓް އުނިވެއްޖެ ނަމަ، މަދުވެގެން 6 މަސްދުވަހަށް ދުއްވުން މަނާކުރެއެވެ. ރާއްޖެއަށް މި ސިސްޓަމް އައުމުން، ހަމައެކަނި ފައިސާގެ ޖޫރިމަނާއަކުން ސަލާމަތްވެވޭ އުސޫލު ނިމުމަކަށް އަންނާނެ އެވެ. އޭރުން، މުއްސަނދިންނަށް ވެސް އަދި އާދައިގެ މީހުންނަށް ވެސް ގަވާއިދަށް ބޯލެނބުމަށް މަޖުބޫރުވާނެ އެވެ. ސަބަބަކީ ފައިސާ ހުއްޓަސް، ޕޮއިންޓް މަދުވެއްޖެ ނަމަ ދުއްވުމުގެ ހައްގު ގެއްލޭތީ އެވެ.

ނުރައްކާތެރިކޮށް ދުއްވުން
ފަހަކަށް އައިސް ރާއްޖޭގައި، ހާއްސަކޮށް ހުޅުމާލޭގައާއި ބްރިޖް މަތީގައި، ރޭސް ޖެހުމާއި ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިކަން ހުއްޓުވުމަށް އާ ގާނޫނުން ވަނީ ޖިނާއީ ބޮޑެތި އަދަބުތަކެއް ކަނޑައަޅާފަ އެވެ. ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ 20 އަހަރާ ހަމައަށް ޖަލު އަދަބު ކަނޑައެޅޭނެއެވެ. އަދި ބޮޑު އަނިޔާއަކަށް 10 އަހަރާއި 15 އަހަރު، އަދި އާދައިގެ އަނިޔާއަކަށް 5 އަހަރާއި 10 އަހަރުގެ ޖަލު އަދަބު ކަނޑައެޅިގެންދާނެ އެވެ. މީގެ އިތުރުން 5 އަހަރާއި 10 އަހަރުގެ މުއްދަތަކަށް ކޯޓުން ލައިސަންސް ހިފަހައްޓާނެ އެވެ.

މިފަދަ ހަރުކަށި އަދަބުތަކެއް ކަނޑައެޅުމުގައި ސިންގަޕޫރުގެ 'ރޯޑް ޓްރެފިކް އެކްޓް' އަށް ރިއާޔަތްކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ސިންގަޕޫރުގައި ނުރައްކާތެރިކޮށް ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ، 8 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އާދެއެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ އަދަބު ދެގުނަވެ އެވެ. ރާއްޖޭގެ އާ ގާނޫނުގައި 20 އަހަރުގެ ޖަލު އަދަބެއް ހިމެނުމަކީ، މަގުމަތީގައި މީހުންގެ ފުރާނައަށް ކުރާ އިހުތިރާމް ބޮޑުކޮށް، 'މަގުމަތީގެ މަރުތައް' (Road Fatalities) އެއްކޮށް ހުއްޓުވުމަށް އެޅުނު ވަރަށް ވަރުގަދަ ގާނޫނީ ފިޔަވަޅެކެވެ.

ތަންފީޒު ވަރުގަދަވުން
އެއްގަމު ދަތުރުފަތުރުގެ މި އާ ގާނޫނު އައުމުގެ ކުރީން އޮންނަނީ ޓްރެފިކް ޖޫރިމަނާއަކީ ރަމްޒީ ކަމެއްގެ ގޮތުގައެވެ. ދެއްކިއަސް ހެވެ. ނުދެއްކިއަސް ހެވެ. ވަރިހަމައެވެ. މިގޮތުން، ޓްރެފިކް ޖޫރިމަނާ އެތައް ހާސް ރުފިޔާއަކަށް އެރިއަސް އެކަން ތަންފީޒު ކުރެވޭނޭ ތަންފީޒީ މާހައުލެއް ނެތެވެ. އަދި އެކަމުގެ އެއްވެސް ފަރުވާލެއް ނެތި މީހުން ދުއްވަމުން ދަނީ ގާނޫނު ތަންފީޒު ކުރުމުގެ ބާރު ކުޑަވުމުންނެވެ. ނަމަވެސް، އާ ގާނޫނުގެ ދަށުން ޖޫރިމަނާގެ އަދަދު 5،000 ރުފިޔާ އަށް ވުރެ މަތިވެއްޖެ ނަމަ، ފުލުހުންނަށް އެމީހެއްގެ ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ފުރިހަމަ ބާރު ލިބިގެން ވެއެވެ.

މި ނިޒާމަކީ ޔޫރަޕްގެ ގިނަ ގައުމުތަކާއި އެމެރިކާގެ ބައެއް ސްޓޭޓް ތަކުގައި ވެސް ބޭނުންކުރާ އުސޫލެކެވެ. އެމެރިކާގައި، މިސާލަކަށް، ކެލިފޯނިއާގައި ޓްރެފިކް ކޯޓުން ކުރާ ޖޫރިމަނާ ގަވާއިދުން ނުދައްކާ ނަމަ، ޑިޕާޓްމަންޓް އޮފް މޮޓޯ ވެހިކަލްސް އިން ލައިސަންސް ސަސްޕެންޑް ކުރެ އެވެ. ރާއްޖޭގައި މި ބަދަލު ގެނައުމުން، ޖޫރިމަނާ ދެއްކުމަށް މީހުން ސަމާލުކަން ދޭނެ އެވެ. އަދި ގަވާއިދާ ހިލާފަށް ދުއްވުން މިއީ ސީރިއަސް މާލީ އަދި ގާނޫނީ ގެއްލުމެއްގެ ގޮތުގައި އާންމުން ބަލައިގަންނަން ފަށާނެއެވެ.

ބައިނަލްއަގުވާމީ ލައިސަންސް
އެއްގަމުގެ ދަތުރުފަތުރުގެ ގާނޫނުން ގެނައި އެންމެ ފާހަގަކޮށްލެވޭ، އަދި އާންމުންނަށް ލިބުނު އެންމެ ބޮޑު ލުޔަކީ ބައިނަލްއަގުވާމީ ލައިސަންސް (International Driving Permit - IDP) ދޫކުރަން ފެށުމެވެ. ދިވެހި ލައިސަންސް އޮންނަ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް މި ހުއްދަ ހޯދައިގެން، ބޭރު ގައުމުތަކުގައި ގާނޫނީ ގޮތުން އުޅަނދު ދުއްވޭނެ އެވެ. ހަމައެހެންމެ، ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވާ ގައުމުތަކުގެ ޓޫރިސްޓުންނަށް ވެސް ރާއްޖޭގައި އިތުރު އިމްތިހާނަކާ ނުލައި ދުއްވޭނެ އެވެ.

މިއީ 1949 ގެ ޖެނީވާ ކޮންވެންޝަން އަދި 1968 ގެ ވިއެންނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކްގެ މިންގަނޑުތަކަށް ރާއްޖޭގެ ގާނޫނު ފެއްތުމެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ކުރިއެރުން ލިބޭނެ އެވެ. ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް، ވަކިން ހާއްސަކޮށް އައްޑޫ ނުވަތަ ލާމު ފަދަ ބޮޑެތި އަތޮޅުތަކުގައި އަމިއްލައަށް ކާރު ނުވަތަ ސައިކަލް ކުއްޔަށް ހިފައިގެން ދުއްވުމުގެ ފުރުސަތު ފަހިވެގެންދާތީ އެވެ. އަދި މީގެ ސަބަބުން ދިވެހިން ބޭރަށް ދާއިރު ލައިސަންސްގެ މައްސަލާގައި އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް އަންނާނެ އެވެ.

ބެލެނިވެރިންގެ ޒިންމާ
ޑްރައިވިން ލައިސަންސް ނެތް، އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން ސައިކަލާއި، ކާރު ދުއްވުމަކީ ރާއްޖޭގައި ފާހަގަކުރެވޭ ބޮޑު މައްސަލައެކެވެ. މިކަން މިހެން ދިމާވަނީ ބެލިވެރިންނާއި، އުޅަނދުތަކުގެ ވެރީން އުފުލަންޖެހޭ ތަކުލީފު ކުޑަވީމައެވެ. މިކަމުގެ ސަބަބުން ދުއްވަމުންދާއިރު ފަހަތުގައި އިންނަ މީހާ ސައިކަލުގެ ހޭންޑްލްގައި ހިފައިގެން ދުއްވުން ފަދަ ނުރައްކާތެރި އަމަލުތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެގެން ދާނެއެވެ. އާ ގާނޫނުން މިކަންކަމަށް ވަނީ 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފަ އެވެ.

މިފަދަ ފިޔަވަޅުތަކެއް އެޅުމުގައި މެލޭޝިޔާގެ 'ރޯޑް ޓްރާންސްޕޯޓް އެކްޓް' ގެ މޮޑެލްއަށް ރިއާޔަތްކޮށްފައި ވެއެވެ. މެލޭޝިޔާގައި އުމުރު ހަމަނުވާ ކުދިންނަށް ސައިކަލް ދުއްވަން ދޭ ބެލެނިވެރިންނާ މެދު ވަރަށް ހަރުކަށިކޮށް ފިޔަވަޅު އަޅައި، އުޅަނދު ދައުލަތުން ހިފަހައްޓަ އެވެ. ރާއްޖޭގައި މިފަދަ ބޮޑު ޖޫރިމަނާއެއް ކަނޑައެޅުމުން، އުޅަނދުތަކުގެ ވެރިފަރާތްތަކާއި ބެލެނިވެރިން އެމީހުންގެ ދަރިންނަށް ސައިކަލް ނުވަތަ ކާރު ދިނުމަށް ޖެހިލުންވާނެ އެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުން
އަލަށް ތައާރަފު މި ކުރެވުނު އެއްގަމު ދަތުރުފަތުރާބެހޭ ގާނޫނަކީ ވަށާޖެހޭ އެއްޗަކަށް ހެދުމަށްޓަކައި، އަމިއްލަ އުޅަނދުތައް މަދުކުރާއިރު އާންމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރަންޖެހޭ ގޮތަށް ގާނޫނީ އޮނިގަނޑުން ބާރުއަޅަ އެވެ. ބާ ވެހިކަލްތައް މަގުމަތިން މަދުކޮށް، އާންމުންނަށް ދުއްވުން ދަތިކުރާއިރު، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ބަހުގެ ނިޒާމަކާއި، ޓެކްސީގެ ހިދުމަތްތައް ގާއިމުވެފައި ހުންނަންޖެހެ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި، މިސާލަކަށް، ޖަރުމަނުވިލާތް އަދި ނެދަލޭންޑްސްގައި އަމިއްލަ ކާރުތައް ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ވަނުން މަނާކުރަނީ ނުވަތަ ބޮޑު ފީއެއް ނަގަނީ، ދުނިޔޭގެ ފެންވަރުގެ ރޭލާއި ބަހުގެ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްފަހު އެވެ. ރާއްޖޭގައި ވެސް މި ގާނޫނާއެކު އާންމު ދަތުރުފަތުރުގެ އެފިޝަންސީ އިތުރުކޮށް، ގަވާއިދުން ދަތުރުކުރާ، އަގުހެޔޮ، އަދި އިތުބާރު ހުރި ބަހުގެ ހިދުމަތް މާލެ ސަރަހައްދުގައާއި ބޮޑެތި އަތޮޅުތަކުގައި ފުޅާކުރަން މަޖުބޫރުވާނެ އެވެ. މިއީ އަމިއްލަ ސައިކަލްތަކަށާއި، ކާރުތަކަށް ބަރޯސާވާ މިންވަރު މަދުކުރާނެ މައިގަނޑު ސަބަބެވެ.

އިންފްރާސްޓްރަކްޗާ އަދި ޓެކްނޮލޮޖީ
މި ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ހަމައެކަނި ފުލުހުން މަގުމަތީގައި ތިބުމުގެ ބަދަލުގައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ވަނީ ލާޒިމުކޮށްފަ އެވެ. ޑިމެރިޓް ޕޮއިންޓް ސިސްޓަމް ހިންގުމަށާއި، ބާރަށް ދުއްވާ މީހުން ހޯދުމަށް ސްމާޓް ޓްރެފިކް ކެމެރާ (ANPR - Automatic Number Plate Recognition) ސިސްޓަމްތައް މަގުތަކުގައި ހަރުކުރަންޖެހެ އެވެ.

މި ސިޔާސަތަކީ ޔޫއޭއީގެ ދުބާއީ ގައި އެންމެ ފުރިހަމައަށް ބޭނުންކުރާ ނިޒާމެވެ. ދުބާއީގެ މަގުތަކުގައި ފުލުހުން ނެތް ނަމަވެސް، ރާޑަރު ކެމެރާތަކުން ދުވެލި ހުންނަ މިންވަރާއި، ސީޓްބެލްޓް އެޅުމާއި، ފޯނު ބޭނުންކުރުން ދެނެގަނެ، އޮޓޮމެޓިކުން ޖޫރިމަނާ މެސެޖު ޑްރައިވަރަށް ފޮނުވަ އެވެ. ރާއްޖޭގެ މަގުތަކަށް މިފަދަ އޮޓޮމޭޓެޑް ސިސްޓަމްތައް އައުމުން، ކޮރަޕްޝަނަށް އޮންނަ ފުރުސަތު ކުޑަވެ، ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ތަންފީޒު ކުރެވިގެންދާނެ އެވެ.

ދިމާވެދާނެ ގޮންޖެހުންތަކާއި ތަންފީޒީ ހުރަސްތައް
ކަރުދާހުގައި މި ގާނޫނު ކިތަންމެ ފުރިހަމައަށް ކަޅާއި، ހުދުން ލިޔެފައި އޮތް ނަމަވެސް، އަމަލީ ގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމުގައި ގިނަގުނަ އިގުތިސޯދީ، އިޖުތިމާއީ އަދި ޓެކްނޮލޮޖީގެ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް، 20 އަހަރުވެފައިވާ ބާ އުޅަނދުތައް މަގުމަތިން ނައްތާލާއިރު އާންމުންނަށް އޭގެ މާލީ ބަދަލު ދިނުމަކީ ދައުލަތުގެ ބަޖެޓަށް ނުހަނު ބޮޑު މާލީ ބުރައަކަށް ވެގެންދާނެ އެވެ.

ދެވަނަ ގޮންޖެހުމަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމެވެ. ލައިސަންސް ޑިމެރިޓް ސިސްޓަމަކީ މުޅިން އަލަށް ތައާރަފުކުރާ އެއްޗަކަށް ވުމުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ލައިސަންސް ޑޭޓާބޭސްއާއި، ފުލުހުންގެ ޓްރެފިކް މޮނިޓަރިން ސިސްޓަމްތައް، މުޅި ރާއްޖޭގައި އެއްވިއުގައަކުން ގުޅާލުމަށް ބޮޑު ޓެކްނޮލޮޖީ އިންވެސްޓްމަންޓެއް ބޭނުންވާނެ އެވެ. އެންމެ ފަހު، އަދި އެންމެ ނާޒުކު ނުކުތާއަކީ އާންމުންގެ ހޭލުންތެރިކަމެވެ. މި ގާނޫނުން ކަނޑައަޅާފައިވާ ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި ޖަލު އަދަބުތަކަށް އާންމު ރައްޔިތުން އެކަށީގެންވާ މިންވަރަކަށް އަހުލުވެރި ނުކޮށް، ކުއްލިއަކަށް ގާނޫނު ތަންފީޒުކުރަން ފަށައިފި ނަމަ، ރައްޔިތުންގެ މެދުގައި ނުރުހުން އުފެދި، ބޮޑެތި އިޖުތިމާއީ ނުތަނަވަސްކަމާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑެވެ.

ނިންމުން
2026 ވަނަ އަހަރު ގެނެވުނު އާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ، ރައްކާތެރި، އަދި ބައިނަލްއަގުވާމީ ފެންވަރަކަށް ބަދަލުކޮށްލާނެ ވަރަށް ހަރުދަނާ، ވަށާޖެހޭ ސިޔާސަތެކެވެ. ސިންގަޕޫރު، އިނގިރޭސިވިލާތް، މެލޭޝިޔާ އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ ކާމިޔާބު މޮޑެލްތަކުގެ އަލީގައި އެކުލަވާލާފައިވާ މި ގާނޫނުގެ ސަބަބުން މަގުމަތީގެ ކުށްތައް މަދުވެ، އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު ދަށްވާނެ އެވެ. ނަމަވެސް، މި ގާނޫނުގެ ހަގީގީ ކާމިޔާބީ ބިނާވެގެންވަނީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ހަދާ ގަވާއިދުތަކުގެ ފުރިހަމަކަމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް، ހަރުދަނާކަމާއެކު ގާނޫނު ތަންފީޒުކުރެވޭ މިންވަރެއްގެ މައްޗަށެވެ.

ގާނޫނު ގެޒެޓުން ބެއްލެވުމަށް

ކޮމެންޓް