
އެ ގޭގެ ވެރިފަރާތް ކަމުގައިވާ، އިބްރާހީމް ނާއިމް، 10 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައި ވާއިރު، މިއީ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ހުއްދަ ދިން މީހަކަށް ޖަލުހުކުމެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ގ. ޕެލިކަން ކިޔާ ގޭގައި ކުއްޔަށް ދީފައި ހުރި ތަނަކުން ޑްރަގު ފެނުނު މައްސަލާގައި އިބްރާހިމް ނާޒިމްގެ މައްޗަށް ދައުލަތުން ވަނީ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމަށް ނުވަތަ ޕެޑްލް ކުރުމަށް ނުވަތަ ބޭނުން ކުރުމަށް ނުވަތަ އުފެއްދުމަށް އެއިން ކަމެއް ކުރާކަން ގަބޫލުކުރެވޭ ހާލަތުގައި، އެތަނެއްގެ ވެރިފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަ ކުރުމުގެ ދައުވާ އުފުލާފަ އެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑު ފުލުހުން ގ. ޕެލިކަން ގެ ބަލާ ފާސްކުރުމުން ފެންމަތިވި މި މައްސަލައިގައި، ފުލުހުން އެ ގޭގެ ގްރައުންޑް ފްލޯއަށް ވަންއިރު އެތަނުގައި ދެ މީހަކު ތިބިކަމަށާއި، އެތަނުގެ އެކި ދިމަދިމާލުން ކެނެބިސް އަޅާފައިވާ ގިނަ އަދަދެއްގެ ސެލޯފިންކޮޅުތަކަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ކޯޓުގެ ލިޔުންތަކުން ދައްކައެވެ.
އޭގެ ތެރޭގައި ފާހާނާ ތަށި ތެރެއިންނާއި ގުލީގެ ތެރެއިން ފެނުނު 16.7 ގްރާމްގެ ކެނެބިސް ހުރި ޕެކެޓުތަކާއި، އަށިމަތިން ފެނުނު 9.6 ގްރާމްގެ ކެނެބިސް ހުރި ޕެކެޓުތައް ހިމެނެއެވެ. މިއީ ކުދިކޮށް ބައިބަޔަށް އަޅައި ވިއްކުމަށް ތައްޔާރުކޮށްފައިވާ ތަކެތިކަމަށް ތަހުލީލު ރިޕޯޓުތަކާ ހަވާލާދީ ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުމުގައި ވަނީ 2014 ވަނަ އަހަރުން ފެށިގެން އެ ގޭގައި ކުއްޔަށް ދީފައި ހުރި ތަނުގައި ޑްރަގު ބޭނުންކޮށް، ޑްރަގުގެ ވިޔަފާރިކުރާތީ އެތަން އެކި ފަހަރު މަތިން ބަލާ ފާސްކޮށްފައިކަމަށާ، އެކަން ގޭގެ ވެރިފަރާތައް ފުލުހުން އެންގިކަމަށެވެ.
އެތަން ކުއްޔަށް ދީފައިވަނީ އެހެން ބަޔަކަށްކަމަށް އެމީހާ ބުނިކަމަށާ، އެހެންނަމަވެސް ކުށުގެ އަމަލުތައް ހިންގާކަން ފުލުހުން ތަކުރާރުކޮށް އެންގުމުން ވެސް ކުލީގެ އެއްބަސްވުން އޭނާ ދަމަހައްޓާފައިވާކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، ކުށުގެ ވެށީގެ ރިޕޯޓަށް ރިއާޔަތްކޮށް ކޯޓުން ބުނެފައިވަނީ، އެ އެޕާޓްމަންޓުގައި ނިދާނެ ތަންމަތިގަނޑެއް އަދި ކައްކައި ކައިބޮއި ހަދާނެ ސާމާނެއް ނެތް ކަމަށާއި، އެ ތަނުގައި ހުރީ ހަމައެކަނި ގޮނޑިއާއި މޭޒު ކަމަށެވެ.
އޭނާގެ ގޭގައި، ކުށުގެ އަމަލު ހިންގުމަށް ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހޭކަމަށާ، އެހެންކަމުން އެއީ އެ ތަނުގައި މަސްތުވާތަކެތީގެ އަމަލުތައް ހިންގާކަން އެނގި ހުރެ އެކަން ކުރަން އޭނާ ހުއްދަ ދީނީކަން ސާބިތުވާކަމަށް ކަނޑައަޅާ އޭނާ 10 އަހަރަށް ޖަލަށްލުމަށް ކޯޓުގެ ހުކުމުގައި ވެއެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އިބްރާހީމް ނާއިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަދަބާ ގުޅޭގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތުގައި އޭނާ ބުނެފައިވަނީ މިއީ ނުހައްގުން ދިން އަދަބެއް ކަމަށާއި، ހައްގު ނުހައްގު އެނގޭނީ މަހްޝަރު ދުވަހުން ކަމަށެވެ.




