
އިސްލާމީ ފިގުހުގެ ރައުޔުތައް: އިޖާރާގެ މުއްދަތާއި، ދާއިމީވުމުގެ މައްސަލަ
އިސްލާމީ ޝަރީއަތުގައި ބިމުގެ އަސްލު މިލްކުވެރިކަން (ރަގަބާ) ދައުލަތުގެ މިލްކުވެރިކަމުގައި ނުވަތަ ނާޒިރުކަމުގެ ދަށުގައި ބޭއްވިދާނެއެވެ. އަދި އެގޮތުން، އެބިމުން މަންފާ ލިބިގަތުމުގެ ހައްގު ނުވަތަ ހައްގުލްއިންތިފާއު (Usufruct) ގެ ދަށުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ ކަމެކެވެ. މިއަށް ކިޔަނީ އަގުދުލްއިޖާރާއެވެ.
ބިމެއް ކުއްޔަށް ދެވިދާނެ އެންމެ ދިގު މުއްދަތާމެދުގައި އިސްލާމީ ފިގުހުގުވެރިން ތަފާތު ދެ ރައުޔަކަށް ބެހިފައިވެއެވެ. ޝާފިއީ މަޒްހަބުގެ ފިގުހީ ގަވާއިދުތަކުގައި ކުލީގެ މުއްދަތު އިންސާނެއްގެ ލަފާކުރާ ނުވަތަ އަންދާޒާކުރާ އުމުރަށްވުރެ މުއްދަތަށްވުރެ ދިގުވެގެން ނުވާނެއެވެ. މިސާލަކަށް، ކުލީގެ މުއްދަތު 30 ނުވަތަ 50 އަހަރަށްވުރެ އިތުރުވާނަމަ އެއީ، މަނާކުރެއެވެ. އެއީ މުއްދަތު މާ ދިގުވުމަކީ މުސްތަގުބަލަގަގައި އޭގައި ގަރަރު (Uncertainty) އުފެދި، އޮޅުންބޮޅުންވެގެން ހިނގައިދާނެކަމަކަށް ވާތީއެވެ. ނަމަވެސް، ހަނަފީ، މާލިކީ، އަދި ހަންބަލީ މަޒްހަބުގެ ފިގުހުވެރިންގެ ރައުޔަކީ، މުއްދަތު ކިތަންމެ ދިގުވީ ނަމަވެސް ފެށޭ ތާރީހާއި ނިމޭ ތާރީހު ކަނޑައެޅިގެން އެނގެން އޮތްނަނަމަ، 99 އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށްވެސް ކުލީގެ އެއްބަސްވުމެއް ހެދިދާނެއެވެ. މި ޒަމާނުގެ ރިއަލް އެސްޓޭޓްގެ ބޭނުންތަކަށް، މިޒަމާނުގެ ފިގުހު އިލްމުވެރިންވެސް ތާއީދު ކުރައްވަނީ ޖުމްހޫރު އިލްނުވެރިންގެ ރައުޔަށެވެ.
ކުލީގެ ހައްގު ވާރުތަވުމާ ގުޅޭގޮތުން ފިގުހު އިލްމުވެރިންގެ މެދުގައި ދެ ބަހެއް ވެއެވެ. ހަނަފީ މަޒްހަބުގެ ދަންނަބޭކަލުން ދެކޭގޮތުގައި ކުއްޔަށް ހިފާ މީހާ މަރުވުމުން ކުލީގެ އެއްބަސްވުން ބާތިލުވާނެއެވެ. ސަބަބަކީ ކުލީގެ މަންފާއަކީ މަރުވުމަށްފަހު މާއްދީގޮތުން ބެހެވޭނެ މުދަލަކަށް ނުވާތީއެވެ. ނަމަވެސް، ޝާފިއީ، މާލިކީ، ހަންބަލީ ފމަޒުހަބުތަކުގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަކީ ކުލީގެ މުއްދަތު ހަމަނުވަނީސް ކުއްޔަށް ހިފި މީހާ މަރުވިޔަސް އެއްބަސްވުން ބާތިލެއް ނުވާނެއެވެ. އެއީ، ބިމުން މަންފާލިބިގަތުމުގެ ހައްގަކީ މާލީ ހައަގަކަށް ވާތީ، ޝަރުއީ ފަރާއިލުގެ އުސޫލުން އެ ހައްގު ވާރުތަވެރިންނަށް ބަދަލުވާނެ ވާނެތީއެވެ.
އީގަލް ހިލްސްގެ ބަޔާނުގައި ރިސެޓްވާ (Automatic Renewal) އުސޫލަށް ބަލާއިރު ޝަރުއީ ބޮޑު ސުވާލެއް އުފެދެއެވެ. މިގޮތުން ގަނެފައިވާ ޕްރޮޕަޓީއެއް ވާރުތަވާ ނުވަތަ ވިއްކާލާ ނުވަތަ ގަންނަ ކޮންމެ ފަހަރަކު މުއްދަތު އަލުން ގުނަނން ފެށުމަކީ ނިމުމެއް ނެތް ދާއިމީ ކުއްޔަކަށް ނުވަތަ އިޖާރާ މުއައްބަދާ (Perpetual Lease) އަށް ބަދަލުވެގެން ދާކަމެކެވެ. އިސްލާމީ ފިގުހުގައި ނިމުމެއް ނެތް ގޮތަށް ހަދާ އިޖާރާ ނުވަތަ ކުލީގެ އެއްބަސްވުންތަކަކީ ބާތިލު އެއްބަސްވުންތަކެކެވެ. ސަބަބަކީ އެއީ ނުސީދާކޮށް މިލްކުވެރިކަން ދިނުން ފަދަ ކަމަކަށް ވާތީއެވެ. އެހެންކަމުން، މި މޮޑެލް އިސްލާމީ ހަމަތަކަށް ފެތޭނީ، ވާރުތަވާ ކޮންމެ ފަހަރަކު ކުރީގެ އެއްބަސްވުން އަމިއްލައަށް އާވުމުގެ ބަދަލުގައި، އައު އަގުދެއް (New Contract) ގައި ސޮއިކުރެވިގެންދާ ނަމައެވެ.
ޔޫއޭއީގެ ގާނޫނީ ތަޖުރިބާ: ލީސްހޯލްޑް ބައްޓަންކުރުމުގެ ހުނަރު
ޔޫއޭއީ، ހާއްސަކޮން ދުބާއީ އަދި އަބޫދާބީ އަކީ މުސްލިމް ނޫން ބޭރުގެ އިންވެސްޓަރުންނަށް ބިމުގެ މިލްކުވެރިކަން ފުރިހަމައަށް ނުލިބޭ ސަރަހައްދުތަކުގައި (Non-Freehold Zones) 99 އަހަރާ ހަމައަށް މުސަތަހާ (Musataha) ނުވަތަ އުސޫފްރަކްޓް (Usufruct) ގެ އުސޫލުން ހައްގުތައް ދޫކޮށްލުމުގެ ފުރިހަމަ ގާނޫނީ އޮނިގަނޑެއް ގާއިމުކޮށްފައިވާ ގައުމެކެވެ. ޔޫއޭއީގެ ސިވިލް ޓްރާންސެކްޝަންސް ލޯ (UAE Civil Transactions Law) ގެ ދަށުން، މިފަދަ ދިގު މުއްދަތުގެ ކުލީގެ ހައްގުތަކަކީ ރިއަލް އެސްޓޭޓް ރެޖިސްޓްރީގައި ރެޖިސްޓްރީކުރެވޭ އެއްޗެކެވެ. އަދި ރަހުނު ކުރެވި، ވިޔަފާރީގެ އުސޫލުން ބަދަލުކުރެވޭ މުދަލެކެވެ.
އަދި ޔޫއޭއީގެ ފެޑެރަލް ގާނޫނުތަކާއި ދުބާއީގެ ޕާސަނަލް ސްޓޭޓަސް ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއެކު، ބޭރު މީހުން މަރުވުމުން އެމީހުންގެ ލީސްހޯލްޑް މުދާ ވާރުތަވާނެ ގޮތް ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައެވެ. މިގޮތުން ގައިރު މުސްލިމުންނަށް ޔޫއޭއީގެ ކޯޓްތަކުގައި ނުވަތަ ދުބާއީ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ވިލްސް ސަރވިސް މެދުވެރިކޮށް ވަސިއްޔަތް (Will) އެއް ރެޖިސްޓްރީކުރެވިދާނެއެވެ. މީގެދަށުން ގައިރު މުސްލިމުން، އެމީހުންގެ އަމިއްލަ ގައުމުގެ ގާނޫނާ އެއްގޮތަށް މުދާ ވާރުތަކުރުމުގެ ހައްގު ލިބިދެވެއެވެ.
ނަމަވެސް، ޔޫއޭއީގެ އަމިއްލަ ގާނޫނުގައިވެސް، މުދާ ވާރުތަވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އެއްވެސް އިތުރު ފީއަކާ ނުލައި އަމިއްލައަށް ރިސެޓްވާ އުސޫލެއް ނޯވެއެވެ. އާންމުކޮށް މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރުކުރެވެނީ ބިމުގެ ވެރިފަރާތާއެކު އައު އެއްބަސްވުމެއްވެ، ރެޖިސްޓްރޭޝަން ފީއެއް ދައްކައިގެންނެވެ. ސޯޝަލް މީޑިއާގައި މިނިސްޓަރ މުއްތޮލިވެސް ވިދާޅުވެފައިވަނީ އެއްބަސްވުން އާކުރެވޭ ކޮންމެ ފަހަރަކު ދައުލަތަށް މިފަދަ ފީއެއް ދައްކަންޖެހޭނެކަމަށެވެ. އެހެންކަމުން، ރަސްމާލޭގައި ހިންގާ އީގަލް ހިލްސް އިން ތަރައްގީކުރާ ތަންތަނުގެ މި މޮޑެލްއަކީ އެ މަޝްރޫއާމެދު ބައިނަލްއަގުވާމީ ކަސްޓަމަރުން ޗާއުގުބެރިކުރުވައި، ޕްރޮޕަޓީގެ މިލްކުވެރިކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން 'ރިސެޓް' ވާ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ މާކެޓިން އުކުޅެކެވެ.
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާ
މި މަޝްރޫޢާ ގުޅޭގޮތުން އެންމެ ބޮޑު ބަހުސެއް އޮތީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) އާ މެދުގައެވެ. އެއީ، އެމާއްދާއާއި ކުލީގެ މުއްދަތު ރިސެޓްވާނަމަ، ރިސެޓްވާވުން ފުށުއަރާ މިންވަރާ މެދުގައެވެ. އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ބިމުން އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށެވެ. ގާނޫނީ މާހިރުންގެ ރައުޔަކީ، ވިއްކާލާ ނުވަތަ ވާރުތަވާ ކޮންމެ ފަހަރަކު މި 99 އަހަރުގެ މުއްދަތު ރިސެޓް ވާނަމަ، އެއީ ނުސީދާގޮތުން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތު މުގުރާލުމެވެ. އެއީ، އެއްބަސްވުން ދުވަހަކުވެސް ނިމުމަކަށް ނައިސް، ދާއިމީކޮށް (Perpetual) ބޭރުގެ ފަރާތެއްގެ އަތުގައި ޕްރޮޕަޓީ އޮތުމުގެ ސަބަބުން ބިމުގެ ބަލަދުވެރިކަން ޕްރޮޕަޓީ ގަންނަ ފަރާތުގައި އޮންނާތީއެވެ.
ރިސެޓްވުމުގެ އުސޫލާ އެއްކޮޅަށް ވާހަކަ ދައްކަވާ މީހުންގެ ގާނޫނީ ދިފާއުވެސް ވަކިބައްޔެއއް ނޫނެވެ. އެފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި ބިމުގެ އަސްލު މިލްކުވެރިކަން ދައުލަތުގެ ބެލުމުގެ ދަށުގައި ދެމިއޮންނާނެއެވެ. މިއީ ސްޓްރާޓާ ލީސް (Strata Lease) ގެ ދަށުން އިމާރާތުގެ ވަކި ޔުނިޓެއްގެ މިލްކުވެރިކަން ބަދަލުވާ ބަދަލުވުމެކެވެ. ކިއެއްތަ؟ ބިމުގެ މިލްކުވެރިކަން ބަދަލުވަނީކީ ނޫނެވެ. އެހެން ނަމަވެސް، ރާއްޖޭގެ ބިމާބެހޭ ގާނޫނާއި ރިއަލް އެސްޓޭޓް ގާނޫނުތަކުގައި މިފަދަ ރިސެޓިން ކްލޮކް މޮޑެލްތަކަށް ސަރީހަ ޖާގައެއް ނެތެވެ. އެހެންކަމުން ރިސެޓް އުސޫލު ގާއިމުކުރާނަމަ ގާއިމުކުރެވޭނީ ގާނޫނީގޮތުން ބިމާބެހޭ ގާނޫނަށް ނުވަތަ ސްޓްރާޓާ ގާނޫނަށް ހާއްސަ އިސްލާހުތަކެއް ގެނެސްގެންނެވެ.
ބިމާބެހޭ ގާނޫނާއި ރިއަލް އެސްޓޭޓް އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް
ރަސްމާލޭގައި ތަރައްގީކުރާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާގެ އެއްބަސްވުމުގެ ދަށުން ނުވަތަ އެނޫންވެސް އެހެންގޮތަކުން ރިސެޓް މި މޮޑެލް ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ފުރިހަމައަށް ފެއްތުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ޤާނޫނު ނަންބަރު 1/2002 (ރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ސްޓްރާޓާ ގާނޫނަށް ޖޯގުރާފީ އަދި އިޖުރާއީ ބޮޑެތި އިސްލާހުތަކެއް ގެންނަން ލާޒިމުކުރެއެވެ. ފުރަތަމަ ކަމަކަށް، މިހާރު އޮތް ބިމާބެހޭ ގާނޫނުގައި ބިން ކުއްޔަށް ދިނުމުގެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ބުނާ ބުނުމެވެ. އަދި ބިމާއި ގުޅިފައިވާ މުދަލެއް ވާރުތަވާ ކޮންމެ ފަހަރަކު އެ މުއްދަތު އަމިއްލައަށް ރިސެޓްވާނެ ކަމަށްބުނާ އެއްވެސް ގާނޫނީ ނައްސެއް ނެތެވެ. އެހެންކަމުން ބިމާބެހޭ ގާނޫނަށް 'ރިސެޓިން ލީސްހޯލްޑް ހައްގުތައް' ބަޔާންކުރާ ހާއްސަ ބާބެއް އިތުރުކުރުމަކީ އެދެވިގެންވާ ކަމެކެވެ.
މީގެ އިތުރުން، ޤާނޫނު ނަންބަރު 2021/33؛ (އިމާރާތްތަކާއި ގޯތިގެދޮރުގެ ވަކިވަކި ޔުނިޓްތަކުގެ ގޮތުގައި މިލްކުކުރުމާއި ކުއްޔަށްދިނުމާބެހޭ ގާނޫނު) އަށް އިސްލާހު ގެންނަށް ޖެހެއެވެ. މިގޮތުން ގެނެވޭ އިސްލާހުތަކުގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނަށް ދޫކުރާ ޔުނިޓްތަކުގެ ލީސްހޯލްޑް ރެޖިސްޓްރީ ބެލެހެއްޓޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. އަދި މިފަދަ އިސްލާހެއްގައި ޕްރޮޕަޓީ ވާރުތަވާ ހާލަތްތަކުގައި ބޭރު މީހުންގެ ވިލް ނުވަތަ ވަސިއްޔަތް ރާއްޖޭގެ ކޯޓުތަކުން ބަލައިގަންނާނެ ސާފު އިޖުރާއަތްތަކެއް ކަނޑައަޅާފައި އޮތުމަކީ މުހިންމު ކަމެކެވެ. އަދި ޕްރޮޕަޓީ ނުވަތަ ބިމާއި ގުޅިފައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ކުލީގެ އަހަރު ރިސެޓްވާވާނަމަ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ފުށުނާރާނެ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ގޮތުން ހެދޭ ކޮންމެ އެއްބަސްވުމަކީ އައު އެއްބަސްވުމެއް (Novation) ކަމުގައި ބެލިދާނެއެވެ. އަދި އެއްބަސްވުން އާކުރާ ކޮންމެ ފަހަރަކު ދައުލަތަށް ރީ-ގްރާންޓް ފީ އެއް ނުވަތަ ޕްރީމިއަމްއެއް ދައްކަންޖެހޭ ގޮތަށް ގާނޫނުގައި ލާޒިމުކުރެވިދާނެއެވެ. ބިމާބެހޭ ގާނޫނަށާއި، ސްޓްރާޓާ ގާނޫނަށް ގެނެވޭ މިފަދަ ހަރުދަނާ އިސްލާހުތަކެއް ނެތި މި އިގަލް ހިލްސް އިން ބުނެފައިވާފަދަ މިލްކުވެރިކަމާއި ގުޅިގެން ކުލީގެ އަހަރު ރިސެޓްވާ މޮޑެލް ތައާރަފުކުރުމަކީ މުސްތަގުބަލުގައި ބޮޑެތި ގާނޫނީ ޑިސްޕިއުޓްތަކެއް އުފެދޭނެ ކަމެކެވެ.
އިގުތިސޯދީ ފައިދާ އާއި ޓެކްސްގެ އުސޫލުތައް
އިގުތިސޯދީ ނަޒަރަކުން ބަލާއިރު، ކުލީގެ އަހަރު ރިސެޓްވާ ލީސް މޮޑެލްއެއް ތައާރަފުކޮށްފިނަމަ، އޭގެ ސަބަބުބް ރަސްމާލޭގެ ރިއަލް އެސްޓޭޓްގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި ވަރަށް ބޮޑަށް މަތިވެގެންދާނެއެވެ. މިއާއެކު އިންވެސްޓަރުންނަށް އެމީހުންގެ ރައުސްމާލު ރައްކާތެރިކަމާއެކު ދަރިންނަށް ވާރުތަކޮށްދެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ. އޭރުން މިކަން ވެގެންދަނީ 'ދުބާއީ ސްޓައިލް' ގެ ބޮޑެތި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް ރާއްޖެއަށް ހޯދޭނެ މަގަކަށެވެ. މީގެ ސަބަބުން ދައުލަތަށް ލޭންޑް ސޭލްސް ރެވެނިއު އަދި އިމާރާތްކުރުމުގެ ދާއިރައިން ދާއިމީ ބޮޑެތި މަންފާތަކެއް ކުރާނެއެވެ.
ޓެކްސްގެ އުސޫލުތަކަށް ބަލާއިރު، މިކަމަކީ، ރާއްޖޭގެ ރެވެނިޔު ނިޒާމަށާއި، މީރާގެ ޓެކުސް ނިޒާމަށްވެސް އައު ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. ރާއްޖޭގެ އާމްދާނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން، ބިމެއް ނުވަތަ ފްލެޓެއް ވިއްކާލައިގެން ލިބޭ ފައިދާއިން ކެޕިޓަލް ގެއިންސް ޓެކްސް (Capital Gains Tax) ދައްކަންޖެހެއެވެ. ނަމަވެސް، ވާރުތަވާ ހާލަތްތަކުގައި (Inheritance) އާންމުކޮށް ކެޕިޓަލް ގެއިންސް ޓެކްސްއެއް ދައްކާކަށް ނުޖެހޭނެއެވެ. އެހެންކަމުން، ކުލީގެ މުއްދަތު ރިސެޓްވާ ކޮންމެ ފަހަރަކު ރެޖިސްޓްރޭޝަން ފީއެއް ނުވަތަ ސްޓޭމްޕް ޑިއުޓީ އެއް ދައުލަތަށް ނެގޭ ގޮތަށް ގާނޫނީ އޮނިގަނޑު ފަރުމާ ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ބޭރުގެ އިންވެސްޓަރުންގެ ނަމުގައި ރާއްޖޭގައި ހުންނަ މުދާ ކުއްޔަށްދީގެން ލިބޭ އާމްދާނީން ނޮން-ރެސިޑެންޓް ވިތުހޯލްޑިން ޓެކްސް ފުރިހަމައަށް ނެގޭނެ އިންތިޒާމު ހަރުދަނާ ކުރުމަކީވެސް މުހިންމު ކަމެކެވެ.
ނިންމުން
ފުންކޮށް ނަޒަރު ހިންގާލާއިރު، ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓްގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ލީސް ބަދަލުވާ ކޮންމެ ފަހަރަކު ލީސްގެ މުއްދަތު ރިސެޓިން ވާ މޮޑެލްއަކީ ދިވެހިރާއްޖޭގެ އިގުތިސޯދު ބައިނަލްއަގުވާމީ މައުރަޒުތަކަށް ހުޅުވާލުމަށްޓަކައި ތައާރަފު ކުރެވިގެންދާ ވަރަށް ފައިދާހުރި ޕްރޮޖެކްޓެކެވެ. އަދި އެހާމެ ނާޒުކު ރިއަލް އެސްޓޭޓް އުކުޅެކެވެ. މި މޮޑެލްއަށް އިސްލާމީ ފިގުހުގެ ޖުމްހޫރު ރައުޔުތަކުގެ ތެރެއިން ދިގު މުއްދަތުގެ ކުއްޔާއި ވާރުތަވުމުގެ ހަމަތަކުން ޖާގަ ހޯދައިދެވެއެވެ. ނަމަވެސް ވާރުތަވާ ކޮންމެ ފަހަރަކު މުއްދަތު އަމިއްލައަށް ރިސެޓްވުމުގެ ސަބަބުން އުފެދޭ ދާއިމީވުމުގެ (Perpetual Lease) ގާނޫނީ ސުވާލަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ސިޔާދަތާއި، ރޫހުގެ ތެރެއިން ސާފު ޖަވާބެއް ހޯދައިދދިނުމަކީ މުހިންމުކަމެކެވެ. މި މަޝްރޫއުގެ އިގުތިސޯދީ މަންފާ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބޭނީ ގާނޫނީ އޮނިގަނޑަށް ގެންނަށްޖެހޭ ޒަމާޏީ ބަދަލުތައް ގެނެސްގެނެވެ. މިގޮތުން، ޔޫއޭއީ ފަދަ ގައުމުތަކުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ބިމާބެހޭ ގާނޫނުތަކާއި، ސްޓްރާޓާ އޮނިގަނޑަށާއި، މީރާގެ ޓެކްސް ނިޒާމު މިފަދަ ބޮޑެތި އިންވެސްޓްމަންޓުތައް ގަޔާވާ ގޮތަށް ހަރުދަނާކޮށް އިސްލާހުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، ގައުމުގެ އިގުތިސޯދީ ކުރިއެރުމާއި ގައުމީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފެހެއްޓުމަކީ މިފަދަ ޒަމާނީ މަޝްރޫއުތައް ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރެވެ.




