
މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރުދުންގެ ގޮތުގައި 60،489 މީހުން މިދިޔަ އަހަރުގެ ނިޔަލަށް ރަޖިސްޓަރީވެފައި ވާއިރު، އަމިއްލަ ކުންފުނިތަކާއި އެހެނިހެން ވިޔަފާރިތަކުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ 25,865 ފަރާތެއް ހިމެނޭހެން މި ދާއިރާގައި ޖުމްލަ 86،637 ފަރާތެއް ރަޖިސްޓަރީ ކޮށްފައި ވެއެވެ.
އަހަރަކު 720،000 ރުފިޔާއަށްވުރެ އިތުރަށް ޓެކްސް ނެގޭ އާމްދަނީ ލިބޭ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިތަކުން، އިންޑިވިޖުއަލް އިންކަމް ޓެކްސް ނުވަތަ ޕާސަނަލް އިންކަމް ޓެކްސް ދައްކަން ޖެހޭކަމަސް އިންކަމް ޓެކްސް ގާނޫނު ބަޔާންކުރާއިރު، ދެހާސް ސައުވީސްވަނަ އަހަރުގެ ޓެކްސް އަހަރަށް ބަލާއިރު މި ޝަރުތު ފުރިހަމަވެގެން 1،454 ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅާފައި ވެއެވެ.
އެހެންކަމުން މުވައްޒަފުންގެ މުސާރައިން ނަގާ ވިތުހޯލްޑިން ޓެކްސްގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިމް ކަމަށާ، އެގޮތުން މުޅި ވިތުހޯލްޑިން ޓެކްސްގެ 55.2 އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން ދައްކާފައިވާ ޓެކްސްކަމަށް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އާސަންދައިގެ ފުލް ކަވަރޭޖުން، މަހަކު ފަސްދޮޅަސްހާސް ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ މުއްސަނދިން މަހުރޫމްކުރަންޖެހޭ ކަމަށް މި ސަރުކާރުން ނިންމާފައިވާކަން ރައީސް މުއިއްޒު ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.
މުއިއްޒު ވިދާޅުވީ، މުއްސަނދިންނާއި އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދަ ދޭ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާ، އެގޮތުން 60،000 ރުފިޔާއިން މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ އުސޫލުން ފުލް ކަވަރޭޖް ދިނުން ނިމުމަކަށް އަންނާނެ ކަމަށެވެ.




