
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން، އެ އުސޫލުން ފައިސާ ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
އިއުލާނުގައިވާ ގޮތުން، އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދާއިރު ކޯޕޭމަންޓްގެ ގޮތުގައި 15 ޕަސެންޓް ދައްކަން ޖެހޭ ގޮތަށް ނިންމި ނަމަވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮވުމުގައި، މަތީ އާމްދަނީގެ މީހުން އިސްތިސްނާއެއް ނުވާނެ އެވެ.
މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ މީހުން ކޯޕޭމަންޓް ދައްކަން ޖެހޭ އުސޫލުން އިސްތިސްނާ ވާނީ ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން އަދި އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން ކަމަށް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
މި ސިޔާސަތު އިއުލާންކުރައްވަމުން މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު 60،000ރ. ގެ އާމްދަނީ ލިބޭ މީހުންނަށް މިހާރު ލިބޭ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލުމުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ ރައްޔިތުންގެ އެހެން ކަންކަމަށް ހަރަދުކުރެވޭނެ ކަމަށެވެ.
އާސަންދަ އިން ބޭހަށް ކުރާ ހަރަދު ކުޑަ ކުރުމަށް ނިޒާމަށް ގެންނަންޖެހޭ 11 ބަދަލެއް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ފެބްރުއަރީ 18، 2025، ގައި ރައީސް މުއިއްޒު ނިންމެވި އެވެ. ރައީސް އޮފީހުން އޭރު ބުނީ އެ ބަދަލުތައް ގެންނަން ނިންމީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ކަމަށެވެ.
އާސަންދައިގެ ހަރަދު އަންނަ އަހަރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިޓް އޮފީހުން މި އަހަރު ނެރުނު އާސަންދައިގެ ޕާފޯމަންސް އޮޑިޓްގައި ވަނީ ލަފާކޮށްފައެވެ.
ފާއިތުވި ހަ އަހަރަށް ބަލާއިރު އާސަންދަ ސްކީމަށް ބަޖެޓުކުރި އަދަދަށްވުރެ ސްކީމަށް ކުރެވުނު ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާ ކަމަށާއި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ހަރަދުތައް އިތުރުވެ، ސްކީމުގެ ދެމެހެއްޓިނިވި ކަމަށް އަސަރު ކުރާނެ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.




