
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަސް ނިމުނުއިރު ޖުމުލަ ރަސްމީ ރިޒާވްގައި ހުރީ 547.8 މިލިޔަން ޑޮލަރެވެ. ކުރު މުއްދަތުގައި ދައްކަންޖެހޭ 527 މިލިޔަން ޑޮލަރުގެ ދަރަނި އުނިކުރުމަށްފަހު، ބޭރު ފައިސާއިން އެމްއެމްއޭގައި ބަހައްޓާފައި ހުންނަ އެހެނިހެން ފައިސާ ހިމަނައިގެން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހިސާބުކުރެވިފައިވަނީ 170 މިލިޔަން ޑޮލަރެވެ.
މިއީ މިއަހަރުގެ މިހާތަނަށް ބޭނުންކުރެވޭ ރިޒާވް އެންމެ ބޮޑަށް ދަށްވި ފަހަރެވެ. މި އަދަދަކީ އޮގަސްޓް މަހާ އަޅާބަލާއިރު 31 މިލިޔައަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 60.4 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.
ރިޒާވަށް މި ބަދަލު އައި މައިގަނޑު ސަބަބަކީ ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ބޮންޑަކަށް ފައިސާ ދައްކައި ހަލާސްކުރުމެވެ.
އަސާސީ މުދަލާއި ޖުމުލަ އިމްޕޯޓަށް ފުދޭ މިންވަރު:
އަސާސީ މުދާ: ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން ތެޔޮ، ބޭސް އަދި ކާޑުގެ ބާވަތްތައް އެތެރެކުރަން މަހަކު 70 މިލިޔަނާއި 165 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވެއެވެ. އެހެންކަމުން، މިހާރު ހުރި 170 މިލިޔަން ޑޮލަރަކީ 1 މަހާއި 2.4 މަސްދުވަހުގެ އަސާސީ މުދަލަށް ފުދޭ މިންވަރެވެ.
ޖުމުލަ މުދާ: ރާއްޖެއަށް މަހަކު އެތެރެކުރާ ޖުމުލަ މުދަލުގެ އަގަކީ 304 މިލިޔަނާއި 367 މިލިޔަން ޑޮލަރެވެ. އެހެންކަމުން، މިހާރު ރިޒާވްގައި ހުރީ ގާތްގަނޑަކަށް ދެ ހަފުތާގެ ޖުމުލަ އިމްޕޯޓަށް ފުދޭ މިންވަރުގެ ފައިސާއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަކީ، ކޮންމެ ގައުމެއްގައިވެސް މަދުވެގެން ތިން މަސްދުވަހުގެ މުދާ އެތެރެކުރެވޭނެހާ ރިޒާވް ބެހެއްޓުމެވެ. ރާއްޖޭގެ ނިސްބަތުން ބަލާނަމަ އެއީ ގާތްގަނޑަކަށް 1 ބިލިއޔަން ޑޮލަރެވެ.




