
ސެޕްޓެމްބަރު 10 ވީ ބުރާސްފަތި ދުވަހުގެ ރޭ ނަގިލި ކަހާލައިގެން މާލެ ކައިރީ ފަރުމަތިން އައިސް ސިނަމާލެ ބްރިޖުގައި ޖެހި އަދި މިހާރު އަޑިއަށްގޮސްފައިވާ ދެ ބޯޓަކީ ރިޕަބްލިކް އޮފް ހައިޓީގައި ރަޖިސްޓްރީކޮށްފައި، އެހެންނަމަވެސް ވެރިފަރާތް ކަށަވަރު ނުވާ ދެ ބޯޓެވެ. އެ ދެ ބޯޓު ރާއްޖެ ސަރަހައްދަށް ވަނީ މިދިޔަ އޭޕްރިލް މަހު އެއްވެސް ހުއްދައެއް ނެތި އެވެ. އެ ދެ ބޯޓު ރާއްޖެ ސަރަހައްދުގައި އޮތްކަން ސަލާމަތީ ބާރުތަކަށް އެނގުނީ ވެސް މާލެ ސަރަހައްދުގައި އެ ދެ ބޯޓު ބަނދަރުކުރިތާ ހަފުތާއެއް ފަހުންނެވެ.
މި ހާދިސާ ކުށްވެރިކޮށް މާލެ ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ހިމެނޭ އެމް.ޓީ ކޭ.ޖީ 1 (ތެޔޮ އުފުލާ ބާޖު) އަދި އޭ.އެލް 1 (ޓަގުބޯޓު) އަކީ 2026 އެޕްރީލް 26 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް ވަނުމާ ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ ބޯޓު ކަމަށާއި 2026 މެއި 3 ވަނަ ދުވަހުން ފެށިގެން މި ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މާލޭގެ ބަނދަރުގައި އޮތްއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަމަށެވެ.
އެ ދެ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް، މިމަހުގެ 10 ވަނަ ދުވަހުގެރޭ މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އެ އިހުމާލުގެ ނަތީޖާއިން ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
އަދި މި ހާދިސާ ހިނގާދިޔަ ގޮތުގެ ޞައްޙަ މަޢުލޫމާތު މިހާތަނަށްވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީއާއި، މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު މިއީ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ރިޕޯޓްކުރާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މާލެ ސިޓީގެ އިޚްތިޞާޞްގައިވާ ތިމާވެއްޓާއި، ފަރުތަކާއި، ކަނޑުގެ ވަސީލަތްތަކުގެ އިތުރުން މުނިސިޕަލް ޢުމްރާނީ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެއްކަން ފާހަގަކޮށް، ސިޓީ ކައުންސިލުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް 3 ކަމަކަށް އިލްތިމާސްކޮށްފައެވެ.
އެ ކަންކަމަކީ:
1. މުއައްސަސާތަކުގެ އިހުމާލު ތަޙުޤީޤުކުރުން: މި އުޅަނދުފަހަރު ރާއްޖެއަށް އެތެރެވި ގޮތާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކެނޑިގެން ގޮސް މާލޭ އިރުމަތީ ފަރަށް އަރައި ބްރިޖުގައި ޖެހެން މެދުވެރިވި ސަބަބު ބަލައި، އިހުމާލުވި ފަރާތްތައް ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި ރިޕޯޓު ޢާންމުކުރުން.
2. ތިމާވެއްޓާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުން: އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކުރުމާއި، ބްރިޖަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދުން.
3. ސިނަމާލެ ބްރިޖުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ހެދުން: ދެ އުޅަނދު ޖެހުމުގެ ސަބަބުން ބްރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖީނިއަރިންގ އޮޑިޓަކުން ކަށަވަރުކޮށް، ބްރިޖުގެ ރައްކާތެރިކަން ޢާންމުންނަށް ޔަޤީންކޮށްދިނުން.
މާލެ ސިޓީ ކައުންސިލުން ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި މާލެ ސިޓީގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަވަހަށް އެޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާފައެވެ.




