
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާސެލޯ ނަސަންދުރާގައި ބޭއްވި ޖަލްސާގައި މި ބްރޭންޑިން އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފް އާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި ބްރޭންޑަކީ މުޅި ދިވެހި ގައުމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާއި ރަށްތަކަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނަކަށް ރަމްޒުކޮށްދޭ ގައުމީ ފަހުރެއް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވިޒިޓް މޯލްޑިވްސް އިން ލޯންޗުކުރި ކެމްޕެއިނުގައި ރާއްޖޭގެ ރިސޯޓަކާއި، ގެސްޓް ހައުސްތަކާއި، ވިޔަފާރިތަކާއި، މުވައްޒަފުން އަދި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މި ކެމްޕެއިންގެ ކާމިޔާބީއަކީ މުޅި ގައުމާއި އަޅުގަނޑުމެން އެންމެންގެވެސް ކާމިޔާބީ ކަމަށް ވެގެންދާނެ،" މިިނިސްޓަރު އަމީން ވިދާޅުވި އެވެ.
މި ކެމްޕެއިން ހިންގާނެކަން އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ މި ކެމްޕެއިން ވެގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެހާ ފަރާތްތައް ގުޅިގެން ހިންގޭ ބޮޑު ގައުމީ ހަރަކާތަކަށް ކަމަށެވެ.
ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ ރަސްމީ ޝިއާރަކަށް "އައިލެންޑްސް އާ އަސް" ކަން މިދިޔަ އޮގަސްޓް މަހު އިއުލާންކުރި އެވެ. މި ޝިއާރުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޖަޒީރާވަންތަކަން ފުރިހަމައަށް ބަލައިގަނެ، ރަށްތައް ރަމްޒުކޮށްދޭ ކަންކަން ފުޅާ ކުރުމެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އަންނަ އަހަރު ބާއްވާ "މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" ވެސް ވަނީ އިފްތިތާހުކޮށްފައެވެ. އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.




