
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނިކޮށެވެ.
ޔާމީން ވިދާޅުވީ ޕީއެންސީގެ ޖަލްސާތަކުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންފަދަ ބޭފުޅުން ދައްކާ ވާހަކަތަކާއި ގުޅިގެން ސިހުން ނުވާ ކަމަށާއި އެމަނިކުފާނާއި ވާދަކޮށްލަން ވަޑައިގަތުމަށް ގޮވާލާ ކަމަށެވެ.
"މުއިއްޒު ވަޑައިގަންނަވާ އަޅުގަނޑާ ވާދަކޮށްލަން. އެހެންވީމަ ޖަލަށްލާން ތި ހިޔާލު ކުރާނެ ކަމެއް ނެތް. ތި ހިޔާލުކުރި އިބްރާހިމް މުހައްމަދު ސޯލިހު ވެސް. އެކަމަކު ނަތީޖާ އަކީ ކޮބައިތޯ!" ޔާމީން ވިދާޅުވިއެވެ.
ޕީއެންސީގެ ޕޯޑިއަމްގައި އަޑުގަދަކޮށް ވާހަކަދައްކަވާ ބޭފުޅުންނަށް ވެގެން އުޅޭ ގޮތަކީ، އެ ބޭފުޅުންނަށް ރިޝްވަތާއި އެހެން ގޮތްގޮތުން ލިބިފައި ހުރި މިލްކިއްޔާތެއްގެ މައްސަލަ އިންސާފާއި ހަމައަށް އަންނާތީ އެކަމާ ބިރުން އުޅެނީ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"ނޭވާހޮޅި ކަނޑާލާފައި އޮތް ކުކުޅެއް މަރަށް ތެޅޭހެން އެ ތެޅެނީ. ދެން ދެއްކުނު ވާހަކައެއް ދައްކާނެ، ގޮވުނު އެއްޗެއް ގޮވާނެ،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީނާ ދެކޮޅަށް ކޯޓު މަރުހަލާގައި މި ވަގުތު އޮތް ދެ މައްސަލައަކީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލަ އާއި، ރ.ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ބުނާ މައްސަލަ އެވެ.
އޭގެ ތެރެއިން އާރަށް މައްސަލާގައި އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިޔަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ 2022 ޑިސެމްބަރު 25 ގައެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށް ކަނޑައަޅައި ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައެވެ.
މި ދެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ތާވަލުކޮށްފަ އެވެ.




