
ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައީ ދުނިޔޭގެ ބޭންކު (World Bank) އާއި ބައިނަލްއަގުވާމީ މާހިރުން ރާއްޖެއަކީ ފަތުރުވެރިކަން ކުރެވޭނެ ފަދަ ގުދުރަތީ އެއްވެސް ވަސީލަތެއް އަދި އިންފްރާސްޓްރަކްޗާއެއް ނުވަތަ މާލީ ގާބިލުކަމެއް ހުރި ގައުމެއް ނޫން ކަމަށް ނިންމާފައި ވަނިކޮށެވެ. މިއީ، ދިވެހި ދެތިން ހަތަރު ޒުވާނެއްގެ ހިތްވަރާއި، ދިވެހި ރައްޔިތުންގެ މެހެމާންދާރީގެ ފޮނި ކާމިޔާބީއެވެ. މިއަދު، ދިވެހިއުއްމަތަކީ މިއަދު މުޅި ދުނިޔެ ބަލައިގަންނަ ޖަންނަތެކެވެ. ސުވަރުގެއެކެވެ. މި ފާއިތުވި ދިގު ތާރީހުގައި ރާއްޖޭގެ ފަތުރުވެރިކަން ވަނީ އެކި މަރުހަލާތަކެއް ކަނޑަތުކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ތައާރަފްކޮށް، ގެނެސްދީފައެވެ.
އަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހެވެ. ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށުނީ 1980 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އދ. ގެ ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ (UN Tourism) އިން މި ތާރީހު ކަނޑައެޅީ، 1970 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 އަކީ އެ ޖަމިއްޔާގެ އަސާސީ ގަވާއިދުތައް ބަލައިގަތް ތާރީހީ ދުވަސް ކަމަށް ވުމުންނެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އިގްތިސާދާއި، ސަގާފަތްތައް ބަދަލުކުރުމާއި، އަދި އިޖުތިމާއީ ކުރިއެރުމުގައި ފަތުރުވެރިކަން އަދާކުރާ މުހިންމު ދައުރަށް ދުނިޔޭގެ ސަމާލުކަން ހޯދައި، އެ ދާއިރާއަށް މީހުން ހޭލުންތެރިކުރުވުމެވެ.
ދިވެހިރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 2021 ވަނަ އަހަރުއެވެ. އޮކްޓޫބަރު 3 ވަނަ ދުވަސް ކަނޑައެޅުމުގެ މައިގަނޑު ސަބަބަކީ، 3 އޮކްޓޫބަރު 1972 މި ތާރީހަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ކަމަށްވާ ކުރުނބާ ވިލޭޖް، މިހާރުގެ ކުރުނބާ މޯލްޑިވްސް ހުޅުވައި، ރަސްމީކޮށް ފަތުރުވެރިކަމުގެ ސިނާއަތް ދިވެހިރާއްޖޭގައި ފެށިގެންދިޔަ ތާރީހީ ދުވަހަށް ވާތީއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް، މި ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ އަގުވަޒަންކުރުމެވެ.
މިއަހަރުގެ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ކުރިމަތިލާއިރު ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖެއިން މާޒީކޮށްފައިވަނީ ޖުމްލަ 19،717 ދުވަހެވެ. އެއީ، 53 އަހަރާއި، 11 މަހާއި، 24 ދުވަހެވެ.
ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެންއައީ ކަނޑުބޯޓުން ދަތުރުކޮށްފައި އައި އާދައިގެ ފަތުރުވެރިންތަކަކާއެކުގައެވެ. މި ސިނާއަތް ދިވެހިރާއްޖޭގައި ފެށުމުގެ އެންމެ އިސް މޭސްތިރިންނަކީ ކޮލިގޭ މުހައްމަދު އުމަރ މަނިކާއި، ކެރަފާ އަހުމަދު ނަސީމާއި، ޗަމްޕާ ހުސައިން އަފީފެވެ. އިޓަލީގެ ފަތުރުވެރިއެއްކަމަށްވާ ޖޯޖް ކޯބިންއާ އެކު މި ތިންބޭފުޅުން ކުރެއްވި ހިތްވަރުގަދަ މަސައްކަތެވެ.
ނަމަވެސް، މިއަދު ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ބަދަލުވެފައިވަނީ ސުޕަރ-ލަގްޒަރީ ރިސޯޓުތަކާއި، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓާއި، އަދި އެންމެ ފުޅާ އެއާލައިން ނެޓްވޯކްތަކާ ގުޅިފައިވާ އެންމެ ބޮޑު ސިނާއަތަކަށެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ހުދު ދޮންވެލި ތުނޑިއާއި، ގޮނޑޮދޮށާއި، ސާފު ފަރުތަކަކީ މި ކުރިއެރުމުގެ މައިގަނޑު އަސާސެވެ. ހަގީގީ ބާރަކީ ދިވެހިންގެ އުފެއްދުންތެރި ވިސްނުމެވެ. ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާއިރު، ރާއްޖެއިން ދުނިޔެއަށް ދައްކައިދެނީ ހަމައެކަނި ރީތި މަންޒިލެއް ކަމެއް ނޫނެވެ. އެއީ ވަސީލަތްތައް މަދު އަދި ކުޑަ ގައުމަކުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ސިނާއަތެއް ތަރައްގީކުރެވިދާނެކަމުގެ ދިރިހުރި މިސާލެވެ.
'ވަން އައިލެންޑް، ވަން ރިސޯޓް' ކޮންސެޕްޓާއި ރާއްޖޭގެ ތަފާތުކަން
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެހެން ހުރިހާ މަންޒިލްތަކަކާ ވަކިކޮށް، ހާއްސަކޮށްދޭ ހާއްސަ ސިފައެއް ނުވަތަ ގުދުރަތީ ތަބީއަތެއް ވެއެވެ. އެންމެ މައިގަނޑު ސިފައަކީ 'ވަން އައިލެންޑް، ވަން ރިސޯޓް' ނުވަތަ އެއް ރަށެއްގައި އެއް ރިސޯޓު ހިންގުމުގެ ތަފާތު ކޮންސެޕްޓެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި މިހާ ފުރިހަމައަށް އަދި މިހާ ފުޅާދާއިރާއެއްގައި ތަންފީޒުކުރެވިފައިވާ މޮޑެލްއެއް ނޫނެވެ. މި ކޮންސެޕްޓުގެ ސަބަބުން ފަތުރުވެރިންނަށް ލިބިގެންދަނީ ހަމައެކަނި ޗުއްޓީއެއް ނޫނެވެ. އެއީ މުޅި ރަށް އެމީހުންގެ އަމިއްލަ ތަނެއްގެ ގޮތުގައި އިހުސާސްކުރެވޭ ފަދަ ފުރިހަމަ މިނިވަންކަމާއި، އެކަހެރިކަމާއި، އަދި ރައްކާތެރިކަމެވެ. މިއީ ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖެއަށް އަލްޓްރާ-ލަގްޒަރީ ބްރޭންޑެއްގެ މަގާމު ހޯދައިދިން އެންމެ ބޮޑު ސަބަބެވެ.
މި މޮޑެލްގެ ސަބަބުން ކޮންމެ ރިސޯޓަކީވެސް އަމިއްލަ ވެށީގައި ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ފޯރުކޮށްދޭ މިނިވަން ރަށަކަށް ބަދަލުވެއެވެ. ފެނާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ކޮންމެ ރަށެއްގައި ވަކިން ގާއިމުކުރަންޖެހުމަކީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، އެއީ ރާއްޖޭގެ ރިސޯޓުތަކުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ އިންޖިނިއަރިން އަދި މެނޭޖްމަންޓް ހުނަރުތައް ދައްކުވައިދޭ ކަމެކެވެ. މީގެ އިތުރުން، ދުނިޔެއަށް ދިމާވާ ބޮޑެތި ބަލިމަޑުކަމުގެ ހާލަތްތަކުގައިވެސް ރާއްޖެއަށް އެންމެ އަވަހަށް ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގާބިލުކަން ލިބެނީވެސް މި ވަން އައިލެންޑް، ވަން ރިސޯޓް ކޮންސެޕްޓުގެ ސަބަބުންނެވެ. ފަތުރުވެރިން އެއް ރަށުން އަނެއް ރަށަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވުމަކީ، ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި މަގުބޫލުވެގެންދިޔަ ސަބަބެކެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ މޫދުކޮޓަރި ނުވަތަ އޯވަރ-ވޯޓާގެ ލަގުޒަރީ ކޮންސެޕްޓު ދިވެހިރާއްޖޭގައި ތައާރަފު ކުރީ 1986 ވަނަ އަހަރު ވާދޫ ޑައިވިން ޕެރަދަޑައިސް އަދި މިހާރުގެ އާދަން ޕްރެސްޓީޖް ވާދޫ ގައެވެ. މި ގޮތުން ވާދޫގައި ބިނާ ކުރީ އެއްކޮޓަރިއެވެ. އެކޮޓަރި ބިނާކުރުމުގެ އާރުކާޓީއަކީ ވާދޫގެ އޭރުވެރިޔާ ޖަޕާނުގެ ތޮކޮހިކޯ ސަކަމޯޓޯ އެވެ. އަދި 1988 ވަނަ އަހަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ހުޅުވި ސަން އައިލެންޑު ރިސޯޓުގައި ތަރައްގީކުރި 64 'މެގަ-ލަގުޒަރީ އޯވަރ-ވޯޓާ ރިސޯޓް' ނުވަތަ 'މޯލްޑިވްސް-ސްޓައިލް ލަގުޒަރީ' ވިލާތަކަށްފަހު މި މޮޑެލްއަށް މުޅިދުނިޔޭގެ މަގުބޫލުކަން ލިބިގެންދިޔައެވެ. އެއާއެކު، ފީޖީ، ޖެމެއިކާ، މޮރިޝަސް، ބަހާމަސް، ސީޝެލްސް އަދި އަރޫބާފަދަ ޖަޒީރާ ވަންތަ ގައުމުތަކުގައި މި މޮޑެލް ތައާރފުކުރިއެވެ.
ދިވެހީންގެ މެހެމާނުދާރީ
ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމަށްވުރެ ބޮޑަށް، ދުނިޔޭގެ އެކި ކޮޅުކޮޅުން އަންނަ ފަތުރުވެރިންގެ ހިތްތައް އެންމެ ބޮޑަށް ދަމައިގަންނަނީ ދިވެހިންގެ ކިބައިގައި ހުންނަ އާދަޔާިލާފު ރީތި އިންސާނީ ސިފަތަކެވެ. ރަށްފުށުގެ ހިތްގައިމު ސާދާ ދިރިއުޅުމެވެ. ކޮންމެ ފަތުރުވެރިއަކާ ބައްދަލުވާއިރު ވެސް ދިވެހިންގެ މޫނުމަތިން ފެންނަ ތެދުވެރި، ހިތްގައިމު، ހިނިތުންވުމެވެ. މި ހިނިތުންވުމަކީ ފަތުރުވެރިންގެ ހިތްތަކަށް ބަޔާންކުރަންދަތި ހަމަޖެހުމަކާއި، އުފާވެރިކަމެއް ގެނެސްދޭ ކަމެކެވެ. ދިވެހިންގެ މަޑުމައިތިރިކަމާއި، ރަހުމަތްތެރިކަމާއި، އެހީތެރިވުމުގެ މާތް ސިފައަކީ، ރާއްޖެއަށް އަންނަ ކޮންމެ މެހެމާނަކަށްވެސް އެމީހެއްގެ އަމިއްލަ ވަޒަން ފަދައިން އަމާން އަދި ރައްކާތެރި އަދި އަމިއްލަ ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ އިހުސާސް ކުރެވޭ ސަބަބެވެ.
މީގެ އިތުރުން، ދިވެހިންގެ ރަށްފުށުގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ސަގާފީ މުއްސަނދިކަމާއި، އަދި ހާއްސަކޮން ދިވެހި ސުފުރާގެ މީރު ރަހަތަކަކީ ފަތުރުވެރިން އާޝޯހުކޮށްލާ ފަދަ ހިތްގައިމު ކަންކަމެވެ. ބޮޑުބެރުގެ ފޯރިގަދަ ލަވަތަކާއި ހަރަކާތްތަކުން ލިބިދޭ ޖޯޝާއި، ލިޔެލާޖެހުމާއި ތުނޑުކުނާ ވިޔުން ފަދަ ކާބަފައިންގެ ފަންނުވެރި މަސައްކަތްތަކުން ދިވެހިންގެ ހުނަރުވެރިކަން ހާމަވެއެވެ. ހަމައެއާއެކު، ކެޔޮޅުން ބާނައިގެން ގެންނަ ތާޒާ ކަނޑުމަހުން ތައްޔާރުކުރާ ދިވެހިވަންތަ ކެއުންތަކަކީ ފަތުރުވެރިންގެ ދޫތަކުގައި އެ ރަހައެއް ނުފިލާ ހުންނަ ރަހަތަކެކެވެ. ދިވެހި ގަރުދިޔައާއި ބަތް، ކުޅިމަހާއި، ތަފާތު ހެދިކާތަކުގެ އިތުރުން، ހަނޑޫ ހުންޏާއި ކާށިކިރު ބޭނުންކޮށްގެން ހަދާ ދިވެހި ފޮނިކެއުންތަކުގެ މީރުކަން ތަޖުރިބާކޮށްލުމަކީ އެމީހުންނަށް ލިބޭ މުޅިން ތަފާތު، ހާއްސަ އުފަލެކެވެ.
އަތިރިމަތީގެ ޖޯލިފަތިތަކުގައި ވަގުތު ހޭދަކޮށްލުމާއި، ދިވެހިންގެ މި ބަދަލެއްނުވާ ހިތްހެޔޮ މެހެމާންދާރީގެ ސަގާފަތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ ކުރީ ސަފުގައި ވިދާލުމުގެ ހަގީގީ ސިއްރެވެ. ފަތުރުވެރިން ރާއްޖެ ދެކެ ލޯބިވަނީ ހަމައެކަނި ރީތި ފަރުތަކުގެ ސަބަބުންނެއް ނޫނެވެ. އެމީހުންގެ ހިތްތަކުގައި އެންމެ ފުން އަސަރެއް ބިންވަޅު ނެގިފައިވަނީ ދިވެހިންގެ ކިބައިގައި ހުންނަ ގުދުރަތީ ހިނިތުންވުމާއި، ހިތްހެޔޮ މެހެމާނު ދާރީއެވެ. މި މަތިވެރި ސިފައަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖެ ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި ނަގަހައްޓައިދޭ އެންމެ ވަރުގަދަ ތަނބެވެ.
ޑައިވިން އަދި ސަފާރީ އުޅަނދުތަކުގެ ދައުރު
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ ސާބިތުކަމާއެކު ދެމިއޮތީ ހަމައެކަނި އެއްގަމުގެ ގުދުރަތީ ރީތިކަމުގެ މައްޗަކަށް ނޫނެވެ. ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދި މާހައުލަކީ (Marine Ecosystem) މި ސިނާއަތުގެ ހަގީގީ ދިރުމާއި، ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖެއަށް އެންމެ މަތީ މަގާމު ލިބޭ އެއް ސަބަބެވެ. ރާއްޖެއަކީ މިއަދު ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ފެންވަރުމަތީ ޑައިވިން މަންޒިލެވެ. ރާއްޖޭގެ ނާޒުކު މުރަކައިގެ ފަރުތަކާއި، މަސްމަހާމެއްސާއި، މިޔަރާއި، މަޑިއާއި، ވެލަޔާއި، ކަނހަބާއި އަދި ގުދުރަތީ ދިރުންތަކުން ފުރިގެންވާ މެރިން ބަޔޯޑައިވާސިޓީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ޑައިވަރުންނާއި ސައިންސްވެރިން ރާއްޖެއަށް ޝައުގުވެރިވާ ސަބަބެވެ.
މި ގުދުރަތީ ތަރިކަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާކޮށްލުމަށްޓަކައި، ރާއްޖޭގެ ލިވްއަބޯޑް (Liveaboard) ނުވަތަ ސަފާރީ އުޅަނދުތަކުގެ ސިނާއަތް މިއަދު ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަރާފައެވެ. އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުކޮށް، ރާއްޖޭގެ އެކި ކަނޑުއޮޅިތަކާއި ހާއްސަ ޑައިވް ސައިޓްތައް ބަލާލުމުގެ ފުރުސަތު ފަތުރުވެރިންނަށް މި އުޅަނދުތަކުން ފަހިކޮށްދެއެވެ. މިއީ މުޅިންވެސް ދިވެހި އަމިއްލަ ވިޔަފާރިވެރިންގެ އުފެއްދުންތެރި ވިސްނުމުން ތަރައްގީކޮށްފައިވާ އުޅަމދުތަކެވެ. އަދި މިއީ، ދިވެހިރާއްޖެއަށް ހާއްސަ ބްލޫ އިކޮނޮމީ މޮޑެލްއެކެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ސަފާރީގެ ހިދުމަތް ތައާރަފުކުރި ބާނީއަކީ ރާއްޖޭގެ މަޝްހޫރު އިންޖިނޭރު ހ. ހިކޮރީ، އަހުމަދު އާދަމް އެވެ. މިގޮތުން، 1973 ވަނަ އަހަރު ސަގާފީ މަސްދޯންޏެއް މޮޑިފައިކުރިއެވެ. އަދި އެ ދޯނީގައި އިންޖީނު އަޅައި ގެގަނޑުހެދިއެވެ. އަދި ނިދާ އެނދު ބެހެއްޓިއެވެ. އެއަށްފަހު ފަތުރުވެރިން ގޮވައިގެން ރަށްރަށަށް ދަތުރުކުރަން ފެށިއެވެ. އަދި އޭގެ ފަހުން، 1975 ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ބަނދެވުނު ރަސްމީ ސަފާރީ އުޅަނދު ބަނެވެ. އެ އުޅަނދަށްކީ އަލާއުދީން (Aladeen) އެވެ. މިއީ ރާއްޖޭގެ ކަނޑުތަކުގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ހުޅުވިގެންދިޔަ މުޅިން އާ ދޮރެކެވެ.
ރާއްޖޭގެ ސަފާރީ ސިނާއަތުގެ ކުރީކޮޅުގައި މުހިންމު ދައުރެއް އަދާކުރި އެއްރަށަކީ ނ. ވެލިދޫ އެވެ. މި ގޮތުން 1970 ގެ އަހަރުތަކުގެ ފަހުކޮޅާއި 1980 ގެ އަހަރުތަކުގެ ކުރީކޮޅުގައި ވެލިދޫގައި ދިރިއުޅެމުންދިޔަ ފަރަންސޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ފިލިޕް ލައުރައްލާ އަދި ފަހުން މުހައްމަދު އަލީ ފަރުމާކޮށް މާކެޓަށް ނެރުނު ބަރާބަރު (Baraabaru) ސަފާރީ އޮޑިއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު އުޅަނދެކެވެ. މި އުޅަނދު ވެގެންދިޔައީ، ރާއްޖޭގައި އެންމެ ފުރަތަމަ ނިދާ ކޮޓަރި (ކެބިން) ތަކާއި ފާހާނާ ހިމަނައިގެން، ފަތުރުވެރިންނަށް ރޭގަނޑު އަރާމުކޮށްލެވޭ ގޮތަށް ޒަމާނީ ފެންވަރަށް ފަރުމާކުރި އެންމެ ފުރަތަމަ ލިވްއަބޯޑް ސަފާރީއަށެވެ. މިއީ، މިއަދު ފެންނަ ލަގްޒަރީ ފެންވަރަށް ބަދަލުކޮށްލުމަށް މަގުކޮށައިދިން ތާރީހީ ބިންގަލެކެވެ. ދިވެހިރާއްޖޭގައި ސަފާރީ ހިދުމަތް ދިނުމުގައި އެންމެ ކުރީގައި އުޅޭ އެއްބަޔަކީ ސަލާހު ޝިހާބުގެ ވޮޔަޖަސް މޯލްޑިވްސް އެވެ. ވޮޔަޖަސް އިން މި ހިދުމަތަށް ނިކުތީ 1980 އަހަރުތަކުގެ ކުރީކޮޅުއެވެ. މިއީ، ދުނިޔޭގެ އެންމެ ފެންވަރުމަތީ ފެންވަރުގެ މުއްސަނދި ލިވްއަބޯޑް ނުވަތަ ސަފާރީ ހިދުމަތުގެ ޒަމާނީ ފެށުމެވެ.
ވެލިދޫގައި، ފިލިޕް ލައުރައްލާ ފަރުމާކޮށް، ކަނޑު ދުވާން ނެރުނު 'ބަރާބަރު' އަކީ ބަރާބަރު މަސައްކަތެއްގެ ގޮތުގައި ވެލިދޫގެ ގިނަ ރައްޔިތުންތަކެއް ދެކުނެވެ. އަދި އެމީހުންގެ ކިބައިގައި ސަފާރީ ބަނުމުގެ ޝައުގުވެރިކަން އުފެދުނެވެ. މި ގޮތުން ވެލިދޫގައި ފުރަތަމަ ބަދެވުނު ސަފާރީއަކީ ތަރަހަ އެވެ. އޭގެ އޮޑިވެރިޔަކީ ވެލިދޫ އަހުމަދު ހަބީބެވެ. އެއީ 1980 ގެ ކުރީކޮޅުއެވެ. މިއަދުވެސް ވެލިދޫއަކީ ރާއްޖޭގެ އެންމެ ގިނަ ސަފާރީ އޮޑިވެރިންނާއި ފުންނާބުއުސް ކެޕްޓަނުން ތިބި އެއް ރަ
ލޯކަލް ޓުއަރިޒަމް އަދި ރަށު ފަތުރުވެރިކަން
ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރަތަމަ 30 އަހަރު ހޭދަވީ ހަމައެކަނި އެކަހެރި ރިސޯޓުތަކެއްގެ ގޮތުގައެވެ. ނަމަވެސް، 2010 ވަނަ އަހަރަ ދިވެހިރާއްޖެއަށް ތައާރަފްވި ލޯކަލް ޓުއަރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ލިޔެވުނު އިންގިލާބީ ބާބެކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ހިންގަން ފެށުމުން، ފަތުރުވެރިކަމުގެ ސީދާ ނަފާ ރައްޔިތުމީހާގެ ޖީބަށް ވަންނަށް ފަށައިފިއެވ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އާ ދޮރުތަކެއް ހުޅުވިއްޖެއެވެ. އަދި ރަށްރަށުގެ އިގުތިސޯދީ ދިރުން މުޅިން ބަދަލުކޮށްލައިފިއެވެ. މިއަދު މާފުއްޓާއި، އުކުޅަހާއި، ދަރަވަންދޫ ފަދަ ރަށްރަށަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލު ރަށު ފަތުރުވެރިކަމުގެ މަރުކަޒުތަކެވެ.
ރަށު ފަތުރުވެރިކަމުގެ އެންމެ ރީތި މަންޒަރަކީ ދިވެހިންގެ ހަގީގީ ދިރިއުޅުން ކައިރިން ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބުމެވެ. ރަށްރަށުގެ މަގުތަކުގައި ހިނގާލުމާއި، ދިވެހި އާއިލާތަކާއެކު ދިވެހި ކެއުންތަކަށް އިންސާފުކުރުމާއި އަދި ދިވެހިންގެ ސަގާފީ ކުޅިވަރުތަކުގައި، މިސާލަކަށް، ބޮޑުބެރުގެ ހަރަކާތްތަކުގައި ސީދާ ބައިވެރިވުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބެއެވެ. މިއީ ކޮމިއުނިޓީ-ބޭސްޑް ޓުއަރިޒަމް ގެ ދަށުން، ދިވެހި ގައުމުގެ ސަގާފަތާއި ތާރީހު ދަމަހައްޓާ ކަމެކެވެ. އަދި ކޮންސެޕްޓަކީ ފަތުރުވެރިންގެ ހިތްތައް އަތުލައިގަނެވޭނެ ގޮތް ރާއްޖެއިން ސާބިތުކޮށްދިން ރީތި ފިލާވަޅެކެވެ.
ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ތިމާވެށި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު ރައުސްމާލަކީ ގުދުރަތީ ތިމާވެއްޓެވެ. ކަނޑުގެ ދިރުންތަކާއި، ނާޒުކު މުރަކަ ފަރުތަކާއި، ފަޅުތަކުގެ ސާފުކަމަކީ ފަތުރުވެރިން ހިތްތައް ރާއްޖެއަށް ދަމައިގަންނަ މައިގަނޑު ދަގަންފާނެވެ. އެހެންކަމުން، ދެމެހެއްޓެނިވި ފަތުރުވެރިކަން (Sustainable Tourism) އަކީ ރާއްޖެއިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ މައުލޫއެވެ. ތިމާވެށި ހިމާޔަތްނުކޮށް ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަކީ މުސްތަހީލު ކަމެކެވެ. މިއަދު ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ އިއާދަކުރަނިވި ހަކަތަ ނުވަތަ އިރުގެ ހަކަތަ ބޭނުންކުރުމާއި، ސިންގަލް-ޔޫސް ޕްލާސްޓިކް މަނާކުރުމުގައި ދުނިޔޭގެ ފެންވަރުގައި ނަމޫނާ ދައްކަމުންދާ ތަންތަނެވެ.
ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ ރިސޯޓުތަކުން ކުރާ އެންމެ ހާއްސަ އެއް މަސައްކަތަކީ މުރަކަ އާލާކުރުމުގެ (Coral Propagation) މަޝްރޫއުތަކެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ހޫނުމިން މަތިވެ، މުރަކަތައް ހުދުވުމުގެ (Coral Bleaching) މައްސަލައާ ކުރިމަތިލާންވަނީ ޖެހިފައެވެ. މިއާއެކު ރިސޯޓުތަކުގެ މެރިން ބަޔޮލޮޖިސްޓުންނާއި ދިވެހި ޒުވާނުން ދަނީ ފަރުތައް އިއާދަކުރުމަށް ސައިންޓިފިކް އުކުޅުތައް ބޭނުން ކުރަމުންނެވެ. އަދި މުރަކަ އިންދައި އާލާކުރަމުންނެވެ. މީގެ އިތުރުން ބްލޫ އިކޮނޮމީ ނުވަތަ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ސިޔާސަތެއް ވަނީ ކަނޑައެޅިފައެވެ. އެ ސިޔާސަތުގެ ދަށުން ފާނައިގެ މަސްވެރިކަމާއި، މިޔަރާއި މަޑި ފަދަ ނާޒުކު ދިރުންތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. ރާއްޖެއިން ދުނިޔެއަށް ދޭ މެސެޖު ވަރަށް ސާފެވެ. އެ މެސެޖަކީ، ފަތުރުވެރިކަމަކީ ތިމާވެށި ހަލާކުކުރާ އެއްޗަކަށް ނުހަދާށެވެ. އަދި ކިއެއްތަ؟ ފަތުރުވެރިކަމުގެ ސިނާއަތަކީ ތިމާވެށި ހިމާޔަތްކޮށްގެން ކުރިއަރުވާނެ ސިނާއަތެއްގެ ގޮތުގައި ދަމަހައްޓާށެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ދިވެހި ޒުވާނުންނާއި އަންހެނުން
ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމުގެ ހަގީގީ އިންޖީނަކީ ދިވެހި އިންސާނީ ވަސީލަތެވެ. ސިނާއަތުގެ ކުރީކޮޅުގައި ގިނަ މެނޭޖްމަންޓް މަގާމުތަކުގައި ބޭރުގެ މުވައްޒަފުން ތިއްބެވެ. ނަމަވެސް، މިއަދު އެ މަންޒަރު ދަނީ ބަދަލުވަމުންނެވެ. ދިވެހި ޒުވާނުން ވަނީ ތައުލީމާއި، ހުނަރާއި، އަދި ބުރަ މަސައްކަތާއެކު ސިނާއަތުގެ އެންމެ އިސް ސަފުންދަނީ ކާމިޔާބީތައް ހާސިލުކުރަމުންނެވެ. މިގޮތުން، ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ގޮތުގައާއި، އެގްޒެކެޓިވް ޝެފުންގެ ގޮތުގައާއި، އަދި ބައިނަލްއަގުވާމީ ހޮޓެލް ޗެއިންތަކުގެ ސަރަހައްދީ ވެރިންގެ ގޮތުގައިވެސް މިއަދު ދިވެހި ޒުވާން މޫނުތައް ދަނީ ފެންނަމުންނެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި އަންހެނުންގެ ދައުރު ފުޅާވަމުންދިއުމަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ކުރިއެރުމެކެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިން ހުރި އިޖުތިމާއީ އަދި ސަގާފީ ގޮންޖެހުންތަކައި، އޮޅިތައް ގިރާކޮށްފިއެވެ.
މިއަދު ދިވެހި އަންހެނުން ދަނީ ރިސޯޓު މެނޭޖްމަންޓް، މެރިން ބަޔޮލޮޖީ، ހިއުމަން ރިސޯސް، ފުޑް އެންޑް ބެވަރޭޖް އަދި ޑައިވް އިންސްޓްރަކްޓަރުން ފަދަ ގޮންޖެހުން ބޮޑު ދާއިރާތަކުން ކުރިއަރަމުންނެވެ. އަންހެނުންގެ މި ބައިވެރިވުމުގެ ސަބަބުން ސިނާއަތަށް ވަނީ އިތުރު ފުރިހަމަކަމަކާއި، އާ ވިސްނުމާއި، ތަހުޒީބު ލިބިގެން ގޮސްފައެވެ.
ބައިނަލްއަގުވާމީ ކާމިޔާބީތަކާއި އެވޯޑުތައް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި ސަފުހާއަކީ ބައިނަލްއަގުވާމީ މައިދާނުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްސް (ގެ ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ނުވަތަ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލްގެ ޝަރަފްވެރި ލަގަބު ރާއްޖެއިން ވަނީ އެތައްފަހަރަކު ހާސިލުކޮށްފައެވެ؛ ދުނިޔޭގެ ފަތުރުވެރިކަމުގެ ރެކޯޑު ފޮތްތަކުން ޖާގަ ހޯދާފައެވެ. އަދި ދިވެހިރާއްޖެއިން ވަނީ 2020، 2021، 2022، އަދި 2023 ވަނަ އަހަރު ޖެހިޖެހިގެން 4 އަހަރު މި ބޮޑު ޝަރަފް ހާސިލުކޮށްފައެވެ. މިއީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ދުވަހަކުވެސް ފަނޑުވެގެންނުދާނެ ފަހުރުވެރި ރެކޯޑެކެވެ. ކިއެއްތަ؟ މިއީ، ދުނިޔޭގެ ބޮޑެތި ބާރުތަކާއި، ބޮޑެތި އިންފްރާސްޓްރަކްޗާ ހުރި ގައުމުތަކާ ވާދަކޮށް ރާއްޖެއިން ހޯދި ތާރީހީ ކާމިޔާބީއެކެވެ.
މި އެވޯޑްތަކަކީ ހަމައެކަނި ރީތި ކަރުދާސްތަކެއް ނޫނެވެ. ނުވަތަ ޓްރޮފީތަކެއް ނޫނެވެ. އެއީ ރާއްޖޭގެ ހިދުމަތުގެ ފެންވަރު ހިފެހެއްޓިފައިވަނީ 'ވޯލްޑް ކްލާސް' ގައި ކަން ސާބިތުކޮށްދިން ހެކިތަކެވެ. މިފަދަ ބައިނަލްއަގުވާމީ ކާމިޔާބީތަކުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ހުންނަ ފަތުރުވެރިއަކުވެސް އޭނާގެ ހަޔާތުގައި އެއްފަހަރު ނަމަވެސް ޒިޔާރަތްކުރަން ބޭނުންވާ ޑްރީމް ޑެސްޓިނޭޝަން ނުވަތަ ހުވަފެނީ މަންޒިލަށް ވަނީ ވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައެއް މުހިންމު ތަނބުތައް
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ ކުރީ ސަފަށް އެރުމުގައި ރާއްޖޭގެ ދިވެހި ބޮޑެތި ކުންފުނިތަކާއި ބައިނަލްއަގުވާމީ މަޝްހޫރު ހޮޓެލް ޗޭނުތަކުން ވަނީ މުހިންމު ދައުރެއްއަދާ ކޮށްފައެވެ. މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދާ ހަމައަށް ގެނެސްދިނުމުގެ މައިގަނޑު ހިއްސާދާރުންނަކީ ޔުނިވާސަލް އެންޓަޕްރައިސަސް، ޗަމްޕާ ބްރަދާސް، ވިލާ ރިސޯޓްސް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި ސަން ސިއާމް ގްރޫޕް ފަދަ ދިވެހި އަމިއްލަ ބޮޑެތި ކުންފުނިތަކެވެ. މި ކުންފުނިތަކުން ދުނިޔޭގެ ފެންވަރުގެ އަމިއްލަ ރިސޯޓުތައް މޭކެޓަށް ނެރުނެވެ. ދިވެހިވަންތަ މެހެމާންދާރީގެ އައު މިންގަނޑުތަކެއް ކަނޑައެޅިއެވެ. އަދި މިއާއެކު ބައިނަލްއަގުވާމީ ހޮޓެލް ޗޭނުތަކުން އަދާކުރާ ދައުރަކީ މުހިންމު ދައުރެކެވެ. އޭގެ ތެރޭގައި، މެއޮޓް އިންޓަނޭޝަނަލް، ހިލްޓަން ވޯލްޑްވައިޑް، ފޯސީޒަންސް، ވަންއެންޑްއޮންލީ، ސޮނޭވާ އަދި އެކޯރ ފަދަ ދުނިޔޭގެ ނުފޫޒުގަދަ ބްރޭންޑްތަކާއި، ނަންތައް ހިމެނެއެވެ. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެ ވެގެންގޮސްފައިވަނީ ހަމައެކަނި ރީތި ޖަޒީރާއަކަށް ނޫނެވެ؛ އެއީ ދުނިޔޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ އެންމެ ވަރުގަދަ އަދި އެންމެ މަގުބޫލު މަންޒިލެވެ.
ނިންމުން
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު ބައްޓަންވަމުންދާނީ މިހާތަނަށް ހޯދި ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، އާ ޒަމާނުގެ ގޮންޖެހުންތަކަށް ލޯހުޅުވައިގެންނެވެ. މޫސުމީ ބަދަލުތަކާއި ދުނިޔޭގެ އިގުތިސޯދީ ލޮޅުންތަކަކީ އަބަދުވެސް ކުރިމަތިވާނެ ގޮންޖެހުންތަކެއް ކަމުގައި ދެކިގެނެވެ. ނަމަވެސް، ދިވެހިންގެ އުފެއްދުންތެރިކަމާއި އާދަޔާ ހިލާފު ހިތްވަރުގެ ސަބަބުން މި ސިނާއަތް ދާނީ ދުވަހުން ދުވަހަށް ކުރިއަރަމުންނެވެ. ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހު ރާއްޖެއިން މުޅި ދުނިޔެއަށް ސާބިތުކޮށްދެނީ، ގައުމެއްގެ ވަސީލަތްތައް ކިތަންމެ މަދުވިޔަސް، ސާބިތު އަޒުމަކާއި ދުރުވިސްނޭ ސިޔާސަތުތަކެއްގެ އެހީގައި ދުނިޔޭގެ އެންމެ އުސް ހިސާބަށް ވާސިލުވެވިދާނެ ކަމެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ؛ އެއީ ދިވެހި ގައުމުގެ ފަހުރާއި، ދިވެހިންގެ ދިރިހުރުމުގެ ވިންދެވެ.




