ދިރުވާލައިގެން ޑްރަގް އެތެރެކުރި ދެ ބިދޭސީއެއްގެ ބަނޑުގައި 142 ބުލެޓު
އަބްދުﷲ އިބްރާހީމް 28 ސެޕްޓެމްބަރ 2026 (ހޯމަ)   13:23
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލު އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑުން 142 ބުލެޓު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، އެ ދެމީހުން ރާއްޖެއައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށްވުރެ އިތުރުވާނެ ކަމަށާ، އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނޭޕާލަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ނިއްކަ ތަމަންގް އާއި 40 އަހަރުގެ އަންހެނެއް ކަމަށްވާ އީތްރާނީ ގަލެ ކަމަސް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކަސްޓަމުން އެ މީހުން ފުލުހުންނާ ހަވާލުކުރުމުން ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 142 ބުލެޓް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށްވުރެ އިތުރު ކަމަށާ، މި ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުންގެ ބަންދަސް 30 ދުވަސް ޖަހާފައި ކަމަށެވެ.

އެ ކޯޓު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުންނާ މެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވުނީ އުޅުން ހުރި ގޮތުން ކަމުން. އެ ދެ މީހުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭންކުރުމުން "ފޮރިން ބޮޑީސް" ހުރި ކަމަށް ސްކޭންތަކުން ދެއްކި ކަމަށާއި އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި، މިއިން ކޮންމެ މީހެއްގެ ހަށިގަނޑުން ވެސް ބޮޑުކަމު ދިޔައިރު 53 ބުލެޓް ޑްރަގް ނެގިފައި ކަމަށާއި އަދި ކޮންމެ މީހެއްގެ ހަށިގަނޑުން ނެގުނު ތަކެތީގެ ބަރުދަނުގައި 650 ގްރާމް ހުރި ކަމަށް ވެއެވެ.

އެ ދެ މީހުން ވެސް ތަރުޖަމާނެއްގެ އެހީގައި ބަންދުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވާއިރު ދިފާއީ ވަކީލަކު ހަމަޖެއްސުމަށް ކޯޓުން ވަނީ ފުރުސަތު ދީފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް