
ރަސްމާލެއިން ހިއްކާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ދިނީ ޔޫއޭއީގެ އީގަލް ހިލްސްއަށެވެ. ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށާފައެވެ.
އެކަމާ ދެކޮޅަށް ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު، އަލްއުސްތާޒު އަލީ ހުސެއިން އެވެ. އެ މައްސަލާގައި ބުނެފައި ވަނީ ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
އަދި، އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ރަސްމާލޭގައި ތަރައްގީކުރެވޭ ތަންތަން ތިންވަނަ ފަރާތަކަށް ވިއްކާ ހާލަތުގައި ވާރުތައިން ލިބޭ ހާލަތުގައި ތިންވަނަ ފަރާތްތަކަށް އެ ތަންތަނުން އިތުރު 99 އަހަރަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) އާ ތައާރުޒުވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
"ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއްކަމަށް ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އޮތުމަށް ރިއާޔަތްކޮށް ދެންނެވުނު އެއްބަސްވާއި އެ އެއްބަސްވުން އެކުލަވައިލުމަށް ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދިނުން،" އަލީ ހުސެއިން ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި ވަކި ގޮތެއް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުން މަޑުޖައްސައިލުމަށާއި އެ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުގެ އެއްވެސް ބައެއްގެ މައްޗަށް އީގަލް ހިލްސް އަދި ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އަލީ ހުސެއިން އެދިފައިވެއެވެ.
އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ ހޯމަ ދުވަހެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެއެވެ.
މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިއީ ރަނގަޅު މުއާމަލާތެއް ކަމުގައި ދައްކާށެވެ. އެ ގޮތުން މިއީ އާންމު އުސޫލުން ރިސޯޓުތައް ދޭ ގޮތަށް ދީފައިވާ ތަނެއް ކަމަށާއި މި އިންވެސްޓުމަންޓުން ރާއްޖެ ނުދެކޭ ވަރުގެ އާމްދަނީ ވަންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ.
ސަރުކާރުން މިހެން ބުންޏަސް، ފާޑުކިޔާ މީހުންނާއި އަލީ ހުސައިން ހުށަހެޅި މައްސަލައިގައި ވެސް، މި ބިން ދީފައިވަނީ ކޮން އުސޫލަކުން ކަން ސާފު ނުވާ ކަމަށްވެސް ބުނެފައެވެ.




