އަބްދުﷲ އިބްރާހީމް (އަބުޗާ).--
އުމުރަށް ޖަލަށްލާފައިހުރި ޑްރަގު ޑީލަރަކު މިނިވަންކޮށްފި
ފިޔެސް 5 އޮކްޓޯބަރ 2026 (ހޯމަ)   23:25
އައްޑޫގައި ފުޅާ ދާއިރާއެއްގައި ޑްރަގު ނެޓްވޯކެއް ހިންގި ކަމުގެ ތުހުމަތުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލް ބޯޑުގެ ނިންމުމަކާއެކު މިނިވަންކޮށްފި އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ޑްރަގްގެ މިހާ ބޮޑު މައްސަލައެއްގައި ކޯޓުން ކުރި ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ޖަލުން މިނިވަންކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް 80 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 2020 ވަނަ އަހަރު ހައްޔަރުކުރި އަބުޗާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އަސްލު އަންނަން އޮތް 50 އަހަރުގެ ޖަލު ހުކުމް 25 އަހަރަށް ލުއިކޮށްދިނުމުން، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބުޗާ ސަރުކާރުން މިނިވަންކޮށްފައިވަނީ ސިއްރިއްޔާތުގައެވެ. އެހެންނަމަވެސް އެކަން އެކި މަސްދަރުތަކުން ކަށަވަރުވެ މީޑިއާތަކުން ރިޕޯޓްކުރުމުން ކަރެކްޝަނުންވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.

ކަރެކްޝަނަލް ސާވިސްގެ ފަރާތުން މީޑިއާއަށް މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި އަބުޗާ ވަނީ މި މަހުގެ އެއްވަނަ ދުވަހު ޕެރޯލްގެ ދަށުން ދޫކޮށްލާފަ އެވެ.

ފުލުހުންގެ ތަހުގީގުގައި ރާއްޖެއަށް ޑްރަގް އެތެރެކުރާ ނެޓްވޯކެއްގެ އެންމެ އިސްފަރާތުގެ ގޮތުގައި ސިފަކޮށްފައިވާ އަބުޗާ، ހުކުމުގެ ކުރިން ބަންދުގައި ހުރި މުއްދަތާއެކު މިހާތަނަށް ތަންފީޒުކޮށްފައިވަނީ ފަސް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާގެ ހުކުމުން ބާކީ އަށްޑިހަ އިންސައްތަ ނުވަތަ 20 އަހަރުގެ މުއްދަތެއް އަދި އޮތީ ތަންފީޒުނުކުރެވި އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ނުވަ މެންބަރުންގެ ބޯޑަކުން ޕެރޯލްގެ ނިންމުންތައް ނިންމާއިރު، މި ނިޒާމު ހިންގުމުގެ މުޅި ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިޝަނާ އޮފް ކަރެކްޝަންސް އަށެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބުޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.

ފުލުސް އޮފީހުން ކުރިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އަބުޗާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްތުވާތަކެތީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. 

ކޮމެންޓް