ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޓެކްސް އުވާލައި، ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިޔަނަށް ބަދަލުކުރަން މަޖިލީހުން ފާސްކޮށްފި
ހިޝާމް ހާރޫން 17 ނޮވެމްބަރ 2026 (އަންގާރަ)   16:10
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވާލައި، ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިޔަން ރުފިޔާއަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އެ އިސްލާހު ގެނައުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި ޖުމްލަ މެންބަރުންގެ އިއްތިފާގުންނެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން، އޮކްޓޫބަރު 1 އިން ފެށިގެން 17 ޕަސަންޓުގެ ޓެކްސް ނަގާގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް އެ ޓެކްސް ނެގުން ހުއްޓާލަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ސަރުކާރުން އިއުލާން ކުރިއެވެ. އެ އިއުލާން ސަރުކާރުން ކުރީ ޓެކްސް ނަގަން ފެށިތާ ތިން ވަނައަށް ވީ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މި ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އިތުރު ބަދަލުތައްވެސް ގެނައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިޔަން ރުފިޔާއަށް އިތުރުކޮށް، އެ އިސްލާހަށް 2027 ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރުމެވެ. އެ އިސްލާހުތައް ގެންނާނެކަން ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ހާމަކުރައްވާފަ އެވެ.

ކޮމިޓީގައި ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ދަށް އާމްދަނީއެއް ލިބޭ ކުންފުނިތަކަށް ޖީއެސްޓީގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

އެ ޝަރުތުތަކަކީ އެއްވެސް މަހެއް ނިމޭއިރު ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަކުން ފޯރުވައިދިން މުދަލާއި ހިދުމަތުގެ ޖުމުލަ އަގު 750،000ރ. މަދުވުން އަދި ކުރިއަށް އޮތް ބާރަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ފޯރުވައިދޭނެ މުދަލާއި ޚިދުމަތުގެ ޖުމްލަ އަގު 750،000ރ. މަދުވާނެ ކަމަށް އަންދާޒާވުމެވެ.

ނަމަވެސް އެއްވެސް ކުންފުންޏަކުން ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ހިންގައިފިނަމަ ނުވަތަ އެފަދަ މުއާމަލާތެއްގައި ބައިވެރިވެއްޖެނަމަ، އެ ކުންފުންޏަކުން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް އެ މުއާމަލާތެއް ހިންގާފައިނުވާ ކަމުގެ ނުވަތަ އެ މުއާމަލާތުގައި ބައިވެރިވެފައިނުވާ ކަމުގައި ބެލުމުގެ އިހްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ލިބިގެންވާ ކަމަށްވެސް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.

ކޮމިޓީގެ އިސްލާހުތަކާއެކު ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކޮށް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވައިލުމަށް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީންވެސް ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވައިލަން މަޖިލީހުން މިއަދު ފާސްކުރިއިރު، މިދިޔަ އޯގަސްޓު މަހު އެ ބަދަލު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅުމާއެކު ކަމާ ގުޅުންހުރި ގިނަބަޔަކު ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންނަމަވެސް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ނިންމީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއް ނެތި އެވެ. އަދި، އޮގަސްޓް 31 ގައި އެ ބިލު ތަސްދީގުކުރެއްވުމަށް ފަހު، ރައީސް މުއިއްޒު ވެސް ވަނީ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ދިރާސާކުރައްވާފައި ގެނައި ބަދަލެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް