މިރޭ ބޭއްވި އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ޓެކްސް އުވާލައި، ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިޔަނަށް ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި
ހަސަން އިބްރާހީމް 8 ނޮވެމްބަރ 2026 (އާދީއްތަ)   23:54
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވާލައި، ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިޔަން ރުފިޔާއަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން، އޮކްޓޫބަރު 1 އިން ފެށިގެން 17 ޕަސަންޓުގެ ޓެކްސް ނަގާގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް އެ ޓެކްސް ނެގުން ހުއްޓާލަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ސަރުކާރުން އިއުލާން ކުރިއެވެ. އެ އިއުލާން ސަރުކާރުން ކުރީ ޓެކްސް ނަގަން ފެށިތާ ތިން ވަނައަށް ވީ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ވަނީ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވާލުމުގެ މަގުސަދުގައި ކޮމިޓީއަށް ހުށަހަޅާފައިވާ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިތުރު އިސްލާހުތައް ހުށަހަޅުއްވާފަ އެވެ. 

ނިޒާރު ހުށަހަޅުއްވާފައިވަނީ  ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިޔަން ރުފިޔާއަށް އިތުރުކޮށް، އެ އިސްލާހަށް 2027 ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރުމަށެވެ. އެ އިސްލާހުތައް ގެންނާނެކަން ނިމިދިޔަ ހަފްތާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ހާމަކުރައްވާފަ އެވެ.

ނިޒާރު ވިދާޅުވީ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހުތައް ގެންނަން ނިންމީ ކުދި ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިކުރުމަށް ހުރި ގޮންޖެހުންތައް މަދުކުރުމަށް ކަމަށެވެ.

އޭނާ ކޮމިޓީގައި ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ދަށް އާމްދަނީއެއް ލިބޭ ކުންފުނިތަކަށް ޖީއެސްޓީގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ. 

އެ ޝަރުތުތަކަކީ އެއްވެސް މަހެއް ނިމޭއިރު ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަކުން ފޯރުވައިދިން މުދަލާއި ހިދުމަތުގެ ޖުމުލަ އަގު 750.000ރ. މަދުވުން އަދި ކުރިއަށް އޮތް ބާރަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ފޯރުވައިދޭނެ މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު 750.000ރ. މަދުވާނެ ކަމަށް އަންދާޒާވުމެވެ. 

ނަމަވެސް އެއްވެސް ކުންފުންޏަކުން ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތެއް ހިންގައިފިނަމަ ނުވަތަ އެފަދަ މުއާމަލާތެއްގައި ބައިވެރިވެއްޖެނަމަ، އެ ކުންފުންޏަކުން ދައްކަންޖެހޭ ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް އެ މުއާމަލާތެއް ހިންގާފައިނުވާ ކަމުގެ ނުވަތަ އެ މުއާމަލާތުގައި ބައިވެރިވެފައިނުވާ ކަމުގައި ބެލުމުގެ އިހްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ލިބިގެންވާ ކަމަށްވެސް ނިޒާރު ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. 

މެންބަރު ނިޒާރު ހުށަހެޅުއްވި އިސްލާހުތަކަށް ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދެވެ.

މިރޭ ބޭއްވި ކޮމެޓީގެ އިއްތިފާގުން މި އިސްލާހުތަކާ އެކު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ވަނީ ފާސްކޮށްފަ އެވެ.

ނިޒާރު ހުށަހެޅުއްވި އިސްލާހުތަކާއެކު ޖީއެސްޓީ ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކޮށް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވައިލުމަށް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ. 

ކޮމެންޓް