އުތުރުގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުން ފުލުހުންނާއި ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން.-- ފޮޓޯ: އެންޑީއެމްއޭ
ބޯކޮށް ވާރޭވެހި އުތުރުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ
ފިޔެސް 23 އޮކްޓޯބަރ 2026 (ހުކުރު)   15:10
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ބޯކޮށް ވާރޭ ވެހި އުތުރުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ.އަތޮޅުގެ ބައެއް ރަށްތަކާއި ޅ.ނައިފަރުގައި ވަރަށްބޮޑަށް ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް އެކި ގޮތްގޮތަށް ކުރަމުން އަންނަ ކަމަށެވެ.

އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި؛

ހދ. ނޮޅިވަރަންފަރު: ވަރަށް ބޯކޮށް ވާރެވެހި ރަށުތެރޭ ފެންބޮޑުވެ، 60 އަށްވުރެ ގިނަ ގެއަކުން ވަނީ ރިޕޯޓްކޮށްފައި. ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައި. ނަމަވެސް މީހުން ހުސްކުރަންޖެހޭ ޙާލަތަކަށް އަދި ނުދޭ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން. 

ކުޅުދުއްފުށި ސިޓީ: ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ވަނީ ރިޕޯޓްކޮށްފައި. ކައުންސިލުން ދަނީ އެ ގެތަކުގެ ޙާލަތު ބަލަމުން. ކައުންސިލް، ޕޮލިސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް  އަދި އެމްއާރުސީ ގުޅިގެން ރަށުތެރޭން ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން. 

ހދ.ނޮވިރަމް: ރޭން ފެށިގެން ބޯކޮށް ވާރޭވެހި ހދ. ނޮޅިވަރަމުގައި ފެންބޮޑުވެފައިވާތީ 5 ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން. ނަމަވެސް އަދިވެސް ފެންގަނޑު ނުހިނދޭ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއްވާ. ރަށުގެ %95 ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ޢާއިލާތައް ވަނީ މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައި. މި ޙާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައި.

ޅ.ނައިފަރު: ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 2 ގެއަކުން ރިޕޯޓްކޮށްފައިވޭ. ނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތެއް އަދި މެދުވެރިއެއްނުވޭ. ފެން ވަންނަ ގެތަކުގެ ކައިރީ ވެލިބަސްތާ ޖެހުމާއި ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުންވެސް ދަނީ ހަރަކާތްތެރިވަމުން.

އެންޑީއެމްއޭ އިން ބުނީ މި ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން ބަލަމުން އަންނަ ކަމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާއި ގުޅިގެން އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމްވެސް ހަމަޖައްސަމުންދާ ކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް