ބަންޑާރަނައިބް އަޙްމަދު އުޝާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރަން މިއުޅެނީ ކުރުން ލާޒިމްވެ ނުކޮށް އޮތް ކަމެއް: ބަންޑާރަނައިބް
ހިޝާމް ހާރޫން 26 އޮކްޓޯބަރ 2026 (ހޯމަ)   22:30
ގާނޫނުލް އުގޫބާތަށް ގެންނަން ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ އިސްލާހުތައް ގެނައުމަކީ ރާއްޖެއިން ކުރުން ލާޒިމްވެ ނުކޮށް އޮތް ކަމެއްކަމުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގާނޫނުލް އުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބޭނުން ވިދާޅުވެ، ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ.

އުޝާމް ވިދާޅުވީ ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 24 އެޕްރީލް 1984 ގައި ކަމަށާ އެ މުޢާހަދާގެ 5 ވަނަ މާއްދާގައި، އެ މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި އެ މުޢާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާ ކަމަށެވެ.

"ނަމަވެސް، އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައެއްނުވޭ." އުޝާމް ވިދާޅުވެފައި ވެއެވެ.  

‏މީގެ އިތުރުން މުސްލިމުންނާ ދެކޮޅަށް ޤަތުލްޢާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަތަކެއް ކަމުގައިވާ، "ދަ ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިސްރާއީލު" މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްޚުލުވެ، ޖެނޮސައިޑްގެ ކުށްތައް ހިންގާ ޤައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކޮށްފައި ކަމަށާ ނަމަވެސް، އެހެން ޤައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ދިވެހިރާއްޖެއިން ގޮވާލާއިރު، ދިވެހިރާއްޖެއިން އެ މުޢާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާތަކަށް އަސަރު ކުރާކަމެއް ކަމުގައި ވިދާޅުވި އެވެ.

އުޝާމް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް ކަމަށެވެ.

"ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް. މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް." އުޝާމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅި ބިލުގައި ހިމަނާފައިވަނީ ގާނޫނުލްއުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރާށެވެ. އެގޮތުން ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި ކަންތައްތަކެއް ހިންގުމަކީ ކުށެކެވެ.

މީގެއިތުރުން ގައުމަށް ހިޔާނަތްތެރިވުމާއި އިގުތިސާދަށް ގެއްލުންދިނުމަކީ ވެސް ޖިނާއީ ކުށަކަށް ހަދަން ބިލުގައި ހިމަނާފައިވެއެވެ.

ކޮމެންޓް