
ސަރުކާރުން އިންތިޒާމުކޮށްގެން ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްވަމުން އުޝާމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ނެތް ސިނާއަތެއްގެ ގެނައުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން، ރަސްމާލެ ޕްރޮޖެކްޓްގައި އީގަލްސް ހިލްސް އާއެކު ސަރުކާރުގެ ފަރާތުން މިހާތަނަށް ސޮއިކޮށްފައިވަނީ ލެޓާ އޮފް އިންޓެންޓް، ކޮމާޝިއަލް ޓާމްސް އެގްރީމެންޓެއްގައި ކަމަށް އުޝާމް ވިދާޅުވި އެވެ. ސޮއިކޮށްފައިވަނީ އޭގެ އެންމެ ބޭސިކް ކޮމާޝިއަލް ޓާމްތަކަށް ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހައުސިން މިނިސްޓްރީން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ލަފާ ވެސް ހޯދިކަމަށް އުޝާމް ވިދާޅުވި އެވެ.
"އެ ކޮމާޝަލް ޓާމްސްގެ މައްޗަށް ބިނާކޮށް އަދި މަޝްވަރާތައްކުރުމަށްފަހު މާސްޓާ ޑިވެލޮޕްމަންޓް އެގްރީމެންޓެއްގައި ސޮއިކުރާނީ. އޭގެ ކުރިއަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގާނޫނުތަކެއް އެބަހުރި. ބައެއް ގާނޫނުތަކަށް އިސްލާހުކުރުމާއި އަލަށް ފާސްކުރަންޖެހޭ ގާނޫނުތަކެއް ވެސް އެބަހުރި." ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި އުފެއްދުމުގެ މަސައްކަތް ކުރަން ބަލާއިރު ރާއްޖޭގައި މިހާރު އޮތް ގާނޫނީ ފްރޭމްވޯކްގެ ތެރޭގައި އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެހެންކަމުން މަސައްކަތް ކުރަނީ ރިއަލް އެސްޓޭޓް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް އުޝާމް ވިދާޅުވިއެވެ.
"މި ގާނޫނަކީ ވަކި ޕްރޮޖެކްޓަކަށް އަމާޒުކޮށްގެން އެކުލަވާލާނެ ގާނޫނެއް ނޫން. މި ގާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރިއަލްއެސްޓޭޓް ޕްރޮޖެކްޓް ހިންގުމުގެ ފުރުސަތު އޮންނާނެ. ބޭރު އަދި ރާއްޖެ ކުންފުނިތަކަށް ވެސް އޮންނާނެ. މި ގާނޫނު އެކުލަވާލީމަ ގާނޫނާ އެއްގޮތްވާ އެއްބަސްވުމެއްގެ ދަށުން ރަސްމާލެ ބަޔަކާ ހަވާލުކުރާ ކަމަށްވާނަމަ އެކަން ކުރިއަށްދާނީ ވެސް." އުޝާމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރެޒިޑެންސީ ވިސާ ދޫކުރާ ކަމަށެވެ. އެ ބަދަލުތައް އޭރު ސަރުކާރުން ގެނައީ ރާއްޖޭގައި ރިއަލްއެސްޓޭޓް މާކެޓެއް އުފެއްދުމުގެ މަގުސަދުގައި ކަމަށް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ވެސް އަމަލުކުރާނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ވިސާ ދޫކުރުމުގެ އުސޫލާ އެއްގޮތަށް ކަމަށެވެ.
ރަސްމާލޭގައި ހިންގާ މަޝްރޫއުގެ އިނީޝަލް ޓާމް އެގްރީމަންޓުގައި ސޮއިކުރިއިރު ވެސް އަދި ކުރިއަށް ރާވާފައިވާ މުއާމަލާތްތަކުގައި ވެސް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ހިމެނިފައި ނުވާނެ ކަމަށް ވެސް ބަންޑާރަ ނައިބް ވިދާޅުވި އެވެ.




