
ރޭ އާންމުކުރި އެޖެންޑާގައި މި ބިލުގެ ފުރަތަމަ ކިޔުން ތާވަލުކޮށްފައި އޮތް ނަމަވެސް، ފަހުން ނެރުނު އާ އެޖެންޑާގައި މި ބިލު ހިމަނާފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ ވެބްސައިޓުން މި ބިލު އަދިވެސް ފެންނަން އެބައޮތެވެ.
މި ބިލާ ގުޅޭގޮތުން މީޑިއާތަކުގައި ރިޕޯޓްކުރުމާއެކު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވާއިރު، ހާއްސަކޮށް މި ދަނޑިވަޅާ ދިމާކޮށް މިފަދަ ބިލެއް ހުށަހެޅުމުން ބައެއް ފަރާތްތަކުން ވަނީ އެކަން ރަސްމާލޭގެ މަޝްރޫއާ ގުޅުވާފައެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މިއީ ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތަށް ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ހުށަހެޅި އިސްލާހެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކކޮށްފައިވާ ކަންކަން ފުރިހަމަކުރުމަކީ ރާއްޖޭގެ ގާނޫނީ ސްޓޭންޑަށް ކޮންމެހެން ބޭނުންކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ހުށަހެޅި މި ބިލުގައިވަނީ ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ބަޔަކާ ދެކޮޅަށް ހިންގާ އަމަލުތަކާއި، އެފަދަ ކަންކަމަށް ފާޅުގައި ގޮވާލުމަކީ ޖިނާއީ ކުށެއް ކަމުގައެވެ. އަދި މިފަދަ ކުށެއް މަގާމުގެ ނުފޫޒު އޮތް މީހަކު ކޮށްފިނަމަ އެއީ ޖިނާއަތުގެ ފުރަތަމަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅާފައިވެއެވެ.




