
އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ 1 ނޮވެމްބަރު ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް ބާއްވަނީ ރަސްމާލެ ޑީލާ ގުޅިގެން އެ ޕާޓީން އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމުމަށް ކަމަށެވެ.
މި ބައްދަލުވުން ބާއްވަން އެމްޑީޕީން ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނޭ 60 އަށްވުރެ ގިނަ މެންބަރުން އެދިގެންނެވެ. އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުން ވަނީ މިދިޔަ ހުކުރު ދުވަހު ނުރަސްމީކޮށް ވެސް ބައްދަލުކޮށްފަ އެވެ.
ރަސްމާލެ ޑީލާ ގުޅިގެން އެމްޑީޕީން ވަނީ ނޫސް ބަޔާނެއް ނެރެ، އެ ޑީލުގައި ހިމެނޭ ކަންކަން ހާމަކުރުމަށް ގޮވާލާފަ އެވެ. އެމްޑީޕީން ބުނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންނުވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމޭނީ ރައްޔިތުންނަށް ކަމަށެވެ.
ނަމަވެސް އީގަލް ހިލްސްއާ ދެކޮޅަށް ވާހަކަދައްކާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ނުސީދާ އިންޒާރެއް މިދިޔަ ހަފްތާގައި ވަނީ ދެއްވާފަ އެވެ.
ނަޝީދުގެ މި މެސެޖާ ގުޅިގެން ބައެއް ބޭފުޅުން ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕްގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ބޭފުޅުން ދެކޭ ގޮތުގައި މި މަޝްރޫއުއަށް ދީލައިގެން އެމްޑީޕީ އޮވެގެން ނުވާނެ އެވެ. އަދި އެކަމާ ދެކޮޅު ހަދަން އެމްޑީޕީން މަސައްކަތް ކުރަން ޖެހޭނެއެވެ.
އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް، އެ މަޝްރޫއުއާ ދެކޮޅަށް ނަޝީދު މަސައްކަތެއް ނުކުރައްވައެވެ. އަދި އެ މަޝްރޫއު ދެފުށް ފެންނަގޮތަށް ހިންގުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މައްސަލައަކީ މާލެ ސަރަހައްދުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޝްރޫއުއާ މެދު ސުވާލު އުފައްދަވައި، އެމްޑީޕީގެ ސަރުކާރެއްގައި އެ މަޝްރޫއުއަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެ ހުންނަވައި ހަރަކާތެއް ފައްޓަވާފައިވާއިރު އެކަމުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެއެވެ. ނަމަވެސް، އެމްޑީޕީން ރަސްމީކޮށް ހަރަކާތުގައި މިހާތަނަށް ބައިވެރިވެފައެއް ނުވެއެވެ.




