
އެމަނިކުފާނު މިކަން ހާމަކުރައްވާ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް އެމަނިކުފާނު ދެކޮޅު ނޫންކަމަށާ، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވެ، މިއަދު މިދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ބޭރުގެ އިންވެސްޓްމަންޓްތަކުން ނުހަނު ބޮޑު ހިއްސާއެއް ވެފައިވާކަމަށް ވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވާ ހުންނެވި ފައިސަލް ނަސީމް ވިދާޅުވިއެވެ.
އަދި އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގެއްކަން ފާހަގަކުރައްވަމުން، ރައްޔިތުންގެ އަޑުއަހައި އެމީހުންގެ ކަންބޮޑުވުންތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއްކަން އަޅުގަނޑު ގަބޫލުކުރަމެވެ. ރައްޔިތުންގެ އަޑުއަހައި، އެ މީހުންގެ ކަންބޮޑުވުންތަކަށް އިހުތިރާމްކުރަންޖެހޭނެއެވެ. އަދި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެއެވެ." - ފައިސަލް ނަސީމް
އޮގުތިސޯދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ އެދުމާ ހިލާފަށް ނުވަތަ ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށްވެސް، ރަސްމާލޭގެ ބިމުން ބޮޑުބައެއް ބޭރުގެ ބަޔަކަށް ދިނުމުގައި ދެފުށްފެންނަ އުސޫލެއް ގެންގުޅުމަށް ގޮވާލައްވަމުން ފައިސަލް ނަސީމް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓްގައި ވިދާޅުވިއެވެ.
އަބޫދާބީގެ ވިޔަފާރި ކުންފުނި، އީގަލް ހިލްސްއަށް ރަސްމާލެއިން ބޮޑު ބައެއް މި ސަރުކާރުން ދިނުމުން އެ މައްސަލަ މިހާރު ރާއްޖޭގައި އެންމެ ހޫނުވެފައިވާ މައްސަލައަކަށް ބަދަލުވެފައިވާއިރު، އެކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 500 ހެކްޓަރުގެ ބިން 99 އަހަރަށް، ސަރުކާރުން ބުނާ ގޮތުގައި އެއްވެސް އެކްކިއުޒިޝަން ފީ ނުވަތަ ރެންޓެއް ނުދީ، 99 އަހަރަށް ކުއްޔަށް ދީފައިވުން ހިމެނެއެވެ.
އަދި އެ ލީސް ވިއްކުމުން ނުވަތަ ވިރާސަތުކުރުމުން އަލުން 99 އަހަރު ފެށޭ (rolling lease) އުސޫލަކަށް އެކަން ވުމާއެކު، އެ އެއްބަސްވުމުގެ ތަފްސީލް ހާމަނުކުރުން ވެސް މިކަމުގެ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގަ އާއި ދީނީ އިލްމުވެރިންގެ މެދުގައި ވެސް މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މި މައްސަލަ، ނުވަތަ މި މަޝްރޫއު ޓެންޑަރ ކުރުމެއް ވެސް ނެތުމާއި، އަގު ކަނޑައަޅުމެއް ވެސް ނެތުމުން އެކަމާ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި، އާންމުން ވެސް ބޮޑެތި ސުވާލުތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން އެންމެ ބޮޑު އެއް ކަމަކީ، އިސްރާއީލުގެ ގުޅުންތަކާ ބެހޭ ބިރު އޮތުންކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އިސްރާއީލާ އެކުގައި އުފައްދާފައިވާ ގުޅުންތަކާ ބެހޭ ޚަބަރުތަކެއް ވެސް މަންޒަރާއެކުގައި ދައުރުވަމުން އަންނައިރު، އެކަންކަމުގެ ސަބަބުން ވެސް، ރަސްމާލެ ޔަހޫދީންގެ ސެޓަލްމަންޓަކަށް ބަދަލުވާނެ ކަމަށް ބިރު ފޯރާފައިވާތީ، ދީނީ އިލްމްވެރިންގެ ގުޅުންތަކުން ވެސް އެކަންކަމުގެ އިންޒާރުތައް މި ސަރުކާރަށް ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ރަސްމާލެ މައްސަލައިގެ މިހާރުގެ ހާލަތަށް ބަލާއިރު، ގާނޫނީ ދާއިރާގައި ފުންނާބު އުސް ބޭފުޅެއް ކަމަށްވާ އަލް އުސްތާޛް އަލީ ހުސެއިން ސުޕްރީމް ކޯޓަށް އެ އެއްބަސްވުން ބާތިލުކުރުމަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީ އަދި އެހެން ބައެއް ފަރާތްތަކުން ވެސް އެއްބަސްވުމުގެ ހުރިހާ ތަފްސީލް އާންމުކުރުމަށާއި، އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ވެސް ގޮވާލައިފައިވެއެވެ.
މީގެއިތުރުން ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، މި އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައެވެ.
ނަމަވެސް މި ސަރުކާރުން ބުނާގޮތުގައި "އެންމެ އިންޗިއެއް ވެސް" ރަސްމާލެއިން ވިއްކާލާފައި ނުވާނެއެވެ. އަދި އެ ބިން ދައުލަތުގެ މިލްކިއްޔާތުގައި އަބަދުމެ އޮންނާނެ ކަމަށާ، އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފެންނާނެ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ކަމަށްވާއިރު، މިކަމުގެ ސަބަބުން 54،000 ވަޒީފާ އުފެދި، އާންމުންނަށް 5،000 ހައުސިން ޔުނިޓް އެޅިގެން ދާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.




