މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރަސްމާލެ ވިއްކާލުން ހުއްޓުވާ، ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ގޮވާލާ މުޒާހަރާކުރަނީ
މި ބޮޑު މުޒާހަރާ އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށް "ދިވެހީންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނޭ
ހަސަން އިބްރާހީމް 27 އޮކްޓޯބަރ 2026 (އަންގާރަ)   17:56
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިމުން ބޮޑުބައެއް ދިނުމާ ދެކޮޅަށް މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާއިރު، އެ ހަރަކާތުގެ އެންމެ ބޮޑު މަގުސަދަކީ މި މައްސަލާގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް "ދިވެހީންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ފަރާތުން ބުނެފިއެވެ.

އެ ހަރަކާތުގެ ފަރާތުން މިއަދު ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން ހަރަކާތުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ، ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ވަގުތުން މަޑުޖައްސާލައި، މިކަމުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓަކަށް ދާންޖެހޭ ކަމަށެވެ.

އަދި ބޭރުގެ ފަރާތްތަކަށް ބިންތައް ދޫކުރުމަކީ ރާއްޖޭގެ ސަރަހައްދަށް އަންނާނެ ވަރަށް ބޮޑު ބަދަލެއް ކަމަށް ފާހަގަކުރައްވާ އަލީ ހުސެއިން ވަނީ އެކަމުގައި ހުރި ނުރައްކާތެރިކަން ތަފްސީލްކޮސްދެއްވާފައެވެ.

ހަރަކާތުގެ އެންމެ އިސް އެއްފަރާތް ކަމަށްވާ، ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތުޕާޓީގެ ކުރީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ ހުއްދަ ނެތި ގައުމުގެ މުސްތަގުބަލު ބަދަލުކޮށްލެވޭނެ އެއްވެސް ގޮތެއް ނާންނާނެ ކަމަށެވެ. އަދި މި ބޮޑު މުޒާހަރާ އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށްވެސް އެ ފަރާތްތަކުން ހާމަކުރިއެވެ.

ސަރުކާރުން ބުނެފައިވަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް ބިން ގަންނަ ފަރާތުން ބުނާގޮތުން، އެ މުއްދަތު ހަމަވުމުގެ ކުރިން އެތަން އެހެން ފަރާތަކަށް ވިއްކާލައިފިނަމަ އަނެއްކާވެސް އާ 99 އަހަރުގެ މުއްދަތެއް ފެށިގެންދާނެއެވެ.

ދައުލަތުގެ ބަޖެޓުން ހަރާދުކޮށްގެން ހިއްކަމުންދާ ރަސްމާލެއިން 500 ހެކްޓަރުގެ ބިމެއް ވިއްކާލުމުގެ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. އަދި މިކަމުގެ ދާއިމީ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހާ ދިމާކޮށް ނޮވެމްބަރު 11 ގައި ސޮއިކުރުމަށް ކުރިން ނިންމާފައި ވީނަމަވެސް މިހާރު މައުލޫމާތު ލިބޭގޮތުގައި އެކަން ކުރުމަށް މިހާރު ހަމަޖައްސާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ރަސްމާލެއިން އެއްވެސް މިންވަރެއް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭވެސް ނދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެކުރިން ވައުދުވެވަޑައިގެންފައިވާއިރު، މި ޑީލާއެކު އެ ވައުދުތަކާ ހިލާފުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

ކޮމެންޓް