މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާ
މާލެސިޓީގެ ބޯހިޔާވަހިކަމުގެ ނިންމުންތަކާ ގުޅޭ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވަނީ
ރައްޔިތުންގެ ބައިވެރިވުމެއް ނެތި މާލެސިޓީ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅުންހުރި ނިންމުންތައް ނިންމާތީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ މި ބައްދަލުވުން ބާއްވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު
ހަސަން އިބްރާހީމް 28 އޮކްޓޯބަރ 2026 (ބުދަ)   12:44
މާލެ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުންކުރުމުގެ ނިންމުންތައް ރައްޔިތުންގެ ބައިވެރިވުމެއް ނެތި ނިންމަމުންދާތީ، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ހާއްސަ ބައްދަލުވުން އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 23 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު މިކާއީލް މުހައްމަދު ރިޔާޒް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމާއި ބިން ބޭނުންކުރުމާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމަމުންދާއިރު ރައްޔިތުންގެ ބައިވެރިވުން ކުޑަކޮށް އޮތުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

އަދި ކައުންސިލް ތަޅުމުން ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވާ، އެފަދަ ނިންމުންތަކުގައި ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަޑުއެހުމަށް ވެސް މިއަދުގެ ޖަލްސާގައި ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައި ވާއިރު، ސިޓީ ކައުންސިލުން އެދެނީ ގިނަ އަދަދެއްގެ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ، އެމީހުންގެ ހިޔާލު ހިއްސާކުރުމަށް ކަމަށް ވެސް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު މިކާއީލް މުހައްމަދު ރިޔާޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާލެސިޓީ ކައުންސިލްގެ ބޯހިޔާވަހިކަމާ ބެހޭ ކޮމެޓީގެ ޗެއާ ކައުންސިލަރ ޒާޔާ ވެސް ފާހަގަކުރެއްވީ، މާލެ ސިޓީގެ ބިން ބޭނުންކުރުމުގެ މުހިއްމު ނިންމުންތައް ރައްޔިތުންގެ މަޝްވަރާއެއް ނެތި ސަރުކާރުން ނިންމަމުން ގެންދިޔުމަކީ ނުހަނު ކަންބޮޑުވެލައްވާ ކަމެއްކަމަށެވެ.

ރައްޔިތުންނާއި ކައުންސިލްގެ ބައިވެރިވުމެއް ނެތި ސަލްޓަންޕާކާއި، އާޓިފިޝަލް ބީޗް، އަދި މަސްމާރުކޭޓް ހިމެނޭހެން މާލެ ސިޓީ ކައުންސިލްގެ ދަށުގައި ހުރި އެފަދަ މުހިންމު 14 ބިމެއް މި ސަރުކާރުން އަތުލާފައިވަނީ ކައުންސިލްގެ މަޝްވަރާއެއް ނެތި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި މާލެ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޝްރޫއުތަކުގެ މައުލޫމާތު މި ސަރުކާރުން ރައްޔިތުން އަދި ކައުންސިލްތަކާ ވެސް ހިއްސާނުކުރާއިރު، ގާނޫނީ ގޮތުން ކައުންސިލްތަކާ މަޝްވަރާކޮށް އާންމުންގެ ހިޔާލު ހޯދަން ޖެހޭނެ ކަމަށް ބުނާ މާއްދާތައް އެބަހުރިކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް، އަމަލީ ގޮތުން މަޝްރޫއުތަކުގެ ލިޔެކިޔުންތައް ހިއްސާނުކޮށް ބިންތައް އަތުލަމުންދާ ކަމުގެ ތުހުމަތުތައް ކުރާއިރު، މި ސަރުކާރުން ބުނަނީ، ބޯހިޔާވަހިކަމުގެ އުސޫލުތައް ކަނޑައެޅުމުގައި އާންމުންގެ ފީޑްބެކަށް ބަލާފައިވާ ކަމަށެވެ.

ކޮމެންޓް