
މިކަން ހާމަކޮށްފައިވަނީ ހައުސިން މިނިސްޓްރީން މިއަދު ނެރުނު ހާއްސަ އިއުލާނެއް މެދުވެރިކޮށެވެ.
އެ އިއުލާނުގައި ވާގޮތުން، މި ބަދަލު އަންނަ މައިގަނޑު ސަރަހައްދުތަކަކީ:
އެސްޓީއޯ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރު: މިހާރު އެ ސެންޓަރު ހިންގަން ކުއްޔަށް ދީފައިވާ ބިން ހިމެނެ އެވެ.
ކޯލްޑް ސްޓޯރޭޖް: އަމިއްލަ ކުންފުންޏެއް ކަމަށްވާ "ހޭންޑީ ހޯލްޑިންސް" އަށް ކޯލްޑް ސްޓޯރޭޖް އެޅުމަށް ދޫކޮށްފައިވާ ބިން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
މި ބިންތައް ދައުލަތަށް ނެގުމާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް އޮތް ނަމަ، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މި ބިން ނަގަނީ ޕޯޓު ފުޅާކުރުމުގެ މަޝްރޫއު ހިންގުމަށް ކޮންމެހެން ބޭނުންވާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
އެހެންކަމުން އެ މަޝްރޫއުގެ ދަށުން ކުރެވޭ ކަންތައްތަކަކީ:
ބަނދަރު ބޮޑުކުރުން: މަލްޓިޕާޕަސް ޕޯޓުގެ ކީ ވޯލް ބޭރަށް ދިގުކޮށް، ބަނދަރު ފުންކޮށް ބޮޑެތި ބޯޓުތައް ވަދެވޭ ފެންވަރަށް ތަރައްގީކުރުން.
ޑިސްޓްރިބިއުޝަން ސެންޓަރު: އެންކާ ސާވިސް މެދުވެރިކޮށް ގެންނަ ކޮންޓެއިނަރުތައް ސަރަހައްދަށް ބަހާލައިގެން ހިދުމަތްދިނުން.
ޒަމާނީ ހިދުމަތްތައް: ފްރީ ޒޯން ހިދުމަތާއި، ވެއާހައުސިން އަދި ބޮންޑެޑް ވެއާހައުސިންގެ ހިދުމަތްތައް ތައާރަފުކުރުން.
ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވެއްޖެ ހިނދެއްގައި ބިން ނެގޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް މި ސަރުކާރުން އިސްލާހު ގެނެސްފައި ވާއިރު، އެ ގާނޫނު ބުނާގޮތުން މިހާރުވެސް ކައުންސިލެއްގެ އިހުތިސާސްގައި އޮތް ބިމެއް ނަމަ، މަޝްރޫއުގެ ފުރިހަމަ މައުލޫމާތާއި ލިޔެކިއުންތައް ކައުންސިލާ ހިއްސާކޮށް، ކައުންސިލާއި ރައްޔިތުންގެ މަޝްވަރާ ހޯދަންޖެހެ އެވެ.
މިއީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއްގެ ބާރުގެ ދަށުން ބިމެއް ނެގި ދެވަނަ ފަހަރެވެ.
މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސްގައި އޮތް 14 ބިމެއް ވެސް މީގެކުރިން ސަރުކާރަށް ނަގާފައިވާއިރު، އެ މައްސަލަ މާލޭ ސިޓީ ކައުންސިލުން ވަނީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
ކައުންސިލްތަކުގެ ބާރުތައް ހަނިވަމުންދާ ކަމަށާ، އެއްވެސް ލިޔެކިއުމެއް ހިއްސާނުކޮށް ބިންތައް ނަގަމުންދާ ކަމަށް ކައުންސިލްތަކުން މި ސަރުކާރަށް ތުހުމަތުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.




