
މިކަމާ ގުޅިގެން މޭޔަރ އާޒިމް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހު ކުރެވުނު ބުރަ މަސައްކަތުން، މާލޭގައި ފެންބޮޑުވާ މައްސަލައަށް ރަނގަޅު އެދެވޭ ހައްލެއް ހޯދިފައި ވަނިކޮށް، އަނެއްކާވެސް ރައްޔިތުން މިފަދަ ހާލެއްގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މަގު ހެދުމުގެ މަސައްކަތަށް ކަމަށް ބުނެ ޕަމްޕްތައް ނަގާފައިވަނީ އެއްވެސް ބަދަލު އިންތިޒާމެއް ނެތި ކަމަށް ވިދާޅޫވެ މޭޔަރ އާޒިމް ވިދާޅުވީ، ފެން ހިންދާ ނިޒާމު ބެލެހެއްޓުން އެކި މުއައްސަސާތަކުގެ މެދުގައި ބެހިފައި އޮތުމަކީ ނިޒާމު ހިންގުމަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.
އެހެންކަމުން، (ސަރުކާރުން) ނަގާފައިވާ ޕަމްޕްތަކަށް އަވަސް ހައްލެއް ހޯދައި، މި ނިޒާމު އެއް ފުރާޅެއްގެ ދަށުން ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މިހާރުން މިހާރަށް ގުޅިގެން ހައްލެއް ހޯދައިދިނުމަށް މޭޔަރ ވަނީ ގޮވާލައްވާފައެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ މާލެއާއި ހުޅުލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައި ވާއިރު، އިއްޔެ އިރުއޮއްސުނު ފަހުން މާލެ ސަރަހައްދަށް މެދު ނުކެނޑި ގިނައިރުތަކެއް ވަންދެން ވާރޭ ވެހި، އާދަޔާ ހިލާފަށް މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން، އަތޮޅުތެރޭގެ އެކި ރަށްތަކަށް ވެސް ވިއްސާރަކޮށް، އެކި ވަރުގެ ގެއްލުންތައް އަންނަނީ ލިބެމުންނެވެ.
މެޓް އޮފީހުގެ ރެކޯޑުތައް ދައްކާ ގޮތުން، މިދިޔަ 24 ގަޑިިއިރު އެންމެ ގިނައިން ވާރޭ ވެހުނީ، ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މާލެއަށް ބޯކޮށް ވާރޭވެހޭ ދުވަސްތަކުގައި މަގުތަކުން ފެން ހިންދަން ސިޓީ ކައުންސިލުން ގެނައި ޕަމްޕުތައް ބޭނުންކުރަން ފަށާފައި ވަނީ، މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.
މޭޔަރު އާދަމް އާޒިމް އޭރު ވިދާޅުވީ މިއީ އާންމުކޮށް ބޭނުންކުރާ ޕަންޕުތަކަށް ވުރެ 10 ގުނަ ބާރުމިނުގައި ފެންބޭރުކުރާ ޕަމްޕުތަކެއް ކަމަށާ، އަދި އާންމުކޮށް ގެންގުޅޭ ޕަމްޕުތަކުން ފެން ނަގާ ހޮޅީގައި ކުނިޖެހުމުން ދޭތެރެ ދޭތެރެއިން ހުއްޓާލަން ޖޭހޭނެ ނަމަވެސް އަލަށް ގެނައި ޕަންޕްތައް ފެންނަގާ ހޮޅީގައި ކުނިޖެހިގެން ނުހުއްޓޭތީވެ، ހުއްޓުމެއް ނެތި ބާރު ސްޕީޑުގައި ފެންބޭރު ކުރަމުންދާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި މާލޭގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށްވެސް އާޒިމް އޭރު ވިދާޅުވި އެވެ.




