
ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗް ސަރަހަށްދަށް މަދު ބަޔަކު އެއްވެ ވަނީ މުޒާހަރާކޮށްފަ އެވެ. ހުކުރު ދުވަހުގެރޭ އެ ސަރަހައްދުގައި ސަރަހައްދުގައި ބޭއްވި އެއްވުމުގައި އަލީ ހުސައިން ވިދާޅުވީ ކުރީރޭވެސް އެ އެއްވުމުގައި ބައިވެރިވި ކަމަށާއި "ރެއަށްވުރެ މިރޭ ތަންކޮޅެއް މީހުން ގިނަ" ކަމަށެވެ. އަދި އެމީހުން ދައްކާ ވާހަކައަށް މީހުންދޭ ސަމާލުކަންވެސް އިތުރުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"މިއަދު މިވަގުތު މަދު މީސްކޮޅެއް ނަމަވެސް، އަޅުގަނޑުމެންގެ ހިތްވަރު ހުރީމާ މި ތަނަށް އެއްވެ މި ތިބީ ދިވެހި ގައުމިއްޔަތާ މިއަދުގެ ވެރިކަމާ ހަވާލުވެފައި ހުރި މުޙައްމަދު މުޢިއްޒު ކުޅޭތީ، ގައުމިއްޔަތު ފުނޑާލަން މަސައްކަތްކުރާތީ، ގައުމިއްޔަތު ވެއްޔާ މޮޑެލަށް މަސައްކަތްކުރާތީ. އެހެންވެ އަޅުގަނޑުމެން މި ނިކުތީ." އަލީ ހުސައިން ވިދާޅުވިއެވެ.
ޒަމާނުއްސުރެވެސް ދިވެހި ބިމަކީ ދިވެހިންނަށް ނިސްބަތްވާ ދިވެހިން ދިރިއުޅޭ ތަނެއްގެ ގޮތުގައި އޮތް އޮތުން މިއަދު ބަދަލުކުރުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުންކަން އަލީ ހުސައިން ފާހަގަ ކުރެއްވިއެވެ.
"މިއަދު މަސައްކަތް ކުރަމުން އެ ދަނީ ބޭރުގެ މީހުން މި ތަނަށް ގެނެސް އާބާދުކޮށް، ބޭރުގެ މީހުންނަށް ދިވެހި ބިމުގެ މިލްކުވެރިކަން ދިނުމަށްޓަކައި. އެހެންވީމާ ދިވެހިރާއްޖެ ފުނޑާލަން ހަގީގަތުގައި ކުރާ މަސައްކަތް އެ ކުރަމުން އެ ދަނީ މުއިއްޒު. ކޮންބަޔަކަށްޓަކައިތޯ އެކަމެއް ކޮށްދަނީ؟ ކޮށްދަނީ. އާދެ، ޒަޔަނިސްޓުންނަށް ތާއީދުކުރާ، ޒަޔަނިޒަމަށް ތާއީދުކުރާ ބަޔަކަށް އެކަން ކޮށްދެމުން އެދަނީ." އަލީ ހުސައިން ވިދާޅުވި އެވެ.
"އެހެންވީމާ، އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް މިއީ. ދިވެހި ޤައުމިއްޔަތުގެ އެއް ރުކުން، ދިވެހި ގައުމިއްޔަތުގެ އެއް ރުކުން ސީދާކޮށް ނައްތާލަން މަސައްކަތްކުރަނީ މުޙައްމަދު މުޢިއްޒު. އެހެންވީމާ، އަޅުގަނޑުމެން މަޑުން ތިބެގެންނެއް ނުވާނެ. އެޓްލީސްޓް އެންމެ ކުޑަވެގެން ރައްޔިތުންގެ ގާތުގައި އަހާލަންޖެހޭނެ. އަޅުގަނޑުމެން މި ޑިމާންޑުކުރަނީ ކުރަނީ ދިވެހި ބިމުން އެއްވެސް މިންވަރެއްގެ ބައެއް ބޭރު ބަޔަކަށް ދޭކަމަށް ވަންޏާ އެކަމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް އަހާށޭ. ދިވެހި ރައްޔިތުން ކުރެން އަހާށޭ، ދިވެހި ޤައުމުގެ ވެރީން ކުރެން އަހާށޭ."
ދިވެހިރާއްޖެއަކީ މުއިއްޒުގެ އަމިއްލަގެ ދިމްޔާތު ނޫންކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ ދިމްޔާތު ފޮތިފޮތިކޮށްފައި ބޭރުގެ މީހުންނަށް އެއް މިލިޔަން އަހަރަށް ދިނަސް ފަރުވާލެއް ނެތް ކަމަށެވެ.
"ފުށިދިއްގަރު ފަޅަކީ އެއީ ދިވެހީންގެ ބިމެއް. ފުށިދިއްގަރު ފަޅަކީ އެއީ އަހަރެމެންގެ ބިމެއް. އަހަރެމެން ގާތުގައި ނާހާ، އަހަރެމެންގެ ހުއްދަ ނުހޯދާ މުޙައްމަދު މުޢިއްޒަކަށް އެ ބިން ބޭރުގެ ފަރާތަކަށް ދެވޭނެ އެއްވެސް ހަމަ އެއް އުސޫލެއް ނޯންނާނެ."
އެހެންނަމަވެސް ވެރިކަމުގެ އާރާއި ބާރުގައި ހުރެވުނީ ހިތުހުރިހާ ކަމެއް ކުރެވިދާނެކަމަށް ހިތަށް އަރާފާނެކަމަށް ވިދާޅުވެ އަލީ ހުސައިން ވިދާޅުވީ، މާ ގަދަފަދަކޮށް ތާއަބަދު ވެރިކަމުގައި ހުރެވޭނެ ކަމަށް ގަބޫލުކުރި ކިތަންމެ ބަޔަކުގެ ނިމުން އައިސްފައިވާ ކަމަށެވެ.
"ދާރައާ ސިކަންދަރާ ސީޒަރާ ނަޕޯލިއަން، މާ ދުރަށް ވިދާލިނަން އޮބައިފިއޭ އެ ފަނޑުވެގެން."
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ މަޝްރޫއާ ގުޅޭގޮތުން ގިނަބަޔަކު ސުވާލު އުފެއްދި ނަމަވެސް އެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ބަދަލުގައި ސަރުކާރުން އަންނަނީ އެ މަޝްރޫއު ދިފާއުކުރަމުންނެވެ. އަދި އެ މަޝްރޫއުގެ ދާއިމީ އެގްރީމެންޓްގައި މި ފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.




