
އީގަލް ހިލްސް އަށް ރަސްމާލެއިން 500 ހެކްޓަރު، އެއްވެސް އިކުޒިޝަނެއް ނުވަތަ ސަރުކާރުގެ ހިއްސާއެއްނެތި 99 އަހަރަށް ދޫކޮށްލައިގެން ހިންގަން މި ސަރުކާރުން އިއުލާންކޮށްފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެކަމަށް ސަރުކާރުން އިޖާބަ ނުދީފި ނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު އެވެ. ގަރާރަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.
މި ގަރާރު އެޖެންޑާކޮށް އެމްޑީޕީން މިރޭ ބޭއްވި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވާހަކަ ދެއްކެވީ ގަރާރަށް ތާއީދު ކުރައްވައެވެ. ގިނަ ބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި ފޮރިން އިންވެސްޓްމަންޓަށް ތާއީދު ކުރިނަމަވެސް، މި މަޝްރޫއުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށްބޮޑަށް އޮޅުވާލައިގެންކަން ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތު ތަކުންވެސް އެނގެނީ މަޝްރޫއުގެ އެންމެ ބޮޑު ފައިދާއެއް އޮތީ އީގަލްސް ހިލްސް އަށް ކަމަށާއި ދިވެހީންނަށް އެ މަޝްރޫއުން ލިބެނީ ހައްގު މިންވަރުގެ ބަދަލުގައި "ޕީނަޓްސް" ކަމަށްވެސް ބައެއް މެންބަރުން ފާހަގަ ކުރެއްވި އެވެ.
އެހެންނަމަވެސް ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެ މަޝްރޫއަށް އެ މަނިކުފާނު ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
ގަރާރަށް ބަހުސްކުރުމަށް ސާޅީހަކަށް މިނެޓުގެ ފުރުސަތު ދިނުމަށްފަހު، ގަރާރާމެދު މެންބަރުން ދެކެވަޑައިގަންނަވާގޮތެއް ބެލުމަށް ނެގި ވޯޓުގައި ގަރާރު ފާސްކުރަން ފެންނަކަމަށް ފާސްވީ ވަރަށް ބޮޑު އަގުލަބިއްޔަތަކުންނެވެ. ބައްދަލުވުމުގައި އެމްޑީޕީ ގައުމީ މަޖިލިސްގެ 57 މެންބަރުން ބައިވެރިވެވަޑައިގަތްއިރު، އެ ގަރާރަށް ވޯޓު ނުދެއްވަނީ އެންމެ މެންބަރެއް ކަމަށް ރިޔާސަތުން އިއުލާން ކުރިއެވެ.
ގަރާރުގައި ބުނެފައިވާގޮތުން މި މަޝްރޫއުގެ ޕްރޮޕޯސަލްގެ ސްކޯޕްގައި ހިމެނޭ ކަންކަމުގެ މައުލޫމާތު އާންމުކޮށް ހާމަކުރުމަކީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ސަރުކާރަށް ލާޒިމުކުރާ ކަމެކެވެ. މި މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ހިޔާރުކުރެވުނީ ކޮން އުސޫލަކުން ކަމާއި، އީގަލް ހިލްސް އިން އަންސޮލިސިޓަޑް ޕްރޮޕޯސަލް އެއް ހުށަހަޅާފައި އޮތްނަމަ، އެ ހުށަހެޅުމުގެ ދާއިރާގައި ހިމެނޭ ކަންކަމަކީ ކޮބައިކަން، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން އާންމުކޮށްފައެއް ނުވެއެވެ.
އެހެންކަމުން މި މަޝްރޫއު ހިންގުން އީގަލް ހިލްސް އާ ހަވާލުކޮށްފައިވަނީ ގާނޫނީ އުސޫލުތައް ފުރިހަމަ ނުކޮށެވެ. އަދި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައި ވާކަމަށް ބެލެވޭކަން ފާހަގަކޮށް، ސަރުކާރުގެ އިތުރުން އެމްޑީޕީ އަމަލު ކުރާނެ ކަންތައްތަކެއް ހުށަހަޅާފައި ވެއެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމަކީ؛
މިރޭގެ ބައްދަލުވުމުގައި ގަރާރު ފާސްކުރުމުގެ އިތުރުން، އެ ގަރާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި 7 މެންބަރުންގެ ކޮމިޓީއެއްވެސް ނެގިއެވެ.




