
އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް މީޑިއާއަށް ވިދާޅުވީ، މި ގަރާރު މީގެ ދެ ދުވަސް ކުރިން މަޖިލީހަށް ފޮނުވާފައިވާ ކަމަށާ، އެއީ އެ ޕާޓީގެ ގައުމީ މަޖިލީހުން ހަވާލުކުރި ކަމެއް ކަމަށް ވާތީ، މަޖިލީހުގެ ތެރެއިން އެކަމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މިފަދަ ގަރާރެއް ފާސްކޮށްފައި ވާއިރު، އެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ފުށިދިއްގަރުފަޅު ހިއްކަމުން ދަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށްވުމުން، އެތަނުން ބޮޑު ބައެއް ދިގު މުއްދަތަކަށް ހިލޭ ބަޔަކަށް ދިނުމަކީ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވުން ކަމަށް ބުނެފައިވެއެވެ.
މިކަމުގައި މީހުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް އެމްޑީޕީން ގޮވާލާފައިވާއިރު، އެފަދަ ވޯޓެއްގެ ނަތީޖާ ލިބުމުގެ ކުރިން އެ މަޝްރޫއާ ގުޅޭ އެއްވެސް އެއްބަސްވުމެއް ނުހިންގުމަށް ވެސް އެމްޑީޕީން އެދިފައިވެއެވެ.
ސަރުކާރުން މިކަމަށް އިންކާރުކޮށްފި ނަމަ، އެހެން ޕާޓީތަކާ އާންމުންނާ ގުޅިގެން މަގުމައްޗަށް ނުކުމެ ހަރަކާތްތައް ހިންގަން ވެސް އެމްޑީޕީން ހުށަހަޅާފައި ވާއިރު، އަދި މިގޮތަށް މި ގަރާރު އެ ޕާޓީން ފާސްކޮށްފައިވީ ނަމަވެސް، އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މަޝްރޫއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.




