
އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވާ ޝާހިދު ހައްޔަރުކުރީ މިރޭ 21:59 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމާއި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމަށެވެ.
ޝާހިދު ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ހުޅުމާލެ އޯޝަން ފްރޮންޓު ރެޒިޑެންސްގެ އެޕާޓްމަންޓު ބަލައި ފާސްކުރުމަށްފަހު، އެ އެޕާޓްމަންޓުންނެވެ. އެޕާޓްމަންޓުން ޝާހިދު ނެރެގެން ފުލުހުންގެ ވެހިކަލްގައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒަށެވެ. އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދޫ އަށް ގެންދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އދ. ގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ތަފުސީލީ ވާހަކަތަކެއް ނުދައްކައި ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




