
ފުލުހުން ބުނި ގޮތުގައި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ޝާހިދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ބުނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށް ބުނެ، 30 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވާއިރު، އެ ތުހުމަތުތަކަށް ޝާހިދުގެ ފަރާތުން އިންކާރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މީގެ އިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ހިމެނޭ 18 އަހަރު ނުފުރޭ ކުއްޖާގެ ބަޔާނެއް ފުލުހުން މިހާތަނަށް ނަގާފައެއް ނުވެއެވެ. ނަމަވެސް، މިއަދުގެ ވަގުތެއްގައި އެ ކުއްޖާގެ ބަޔާން ނަގާނެ ކަމަށް ކޯޓުގައި ފުލުހުން ބުނި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ރޭ ހާމަކޮށްފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދެވި ޝާހިދު ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ވިދާޅުވީ އޭނާއާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ," އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ހުޅުމާލެ އޯޝަން ފްރޮންޓު ރެޒިޑެންސްގެ އެޕާޓްމަންޓު ބަލައި ފާސްކުރުމަށްފަހު، އެ އެޕާޓްމަންޓުންނެވެ. އެޕާޓްމަންޓުން ޝާހިދު ނެރެގެން ފުލުހުންގެ ވެހިކަލްގައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒަށެވެ. އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދޫ އަށް ގެންދިޔައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އދ. ގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ތަފުސީލީ ވާހަކަތަކެއް ނުދައްކައި ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




