
މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވާ 1.7 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %17 އިތުރު އަދަދެކެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ކަނޑައަޅާފައިވާ އަހަރު ކަން ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.
ކައުންސިލުތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލުތަކަށް ކަމަށްވާއިރު، އޭގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ލިބެނީ މާލޭ ސިޓީ ކައުންސިލަށް ކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ވަނީ ކައުންސިލުތަކަށް އެހީދޭ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. އެގޮތުން އަތޮޅު ކައުންސިލުތައް އުވާލައި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަދި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް ވެސް އުސޫލު ބަދަލުކުރުމަށް ސަރުކާރުން ނިންމާފައި ވެއެވެ.




