
މިއީ ގަރާރު ހުށަހެޅުމުން ބަހުސް ނުކޮށް ގަރާރު ބަލައިގަތުމާމެދު ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލިސް ގަވާއިދު ބަދަލުކުރިފަހުން ފުރަތަމަ އެޖެންޑާކުރި ގަރާރެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ގަރާރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރުންގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ކަނޑައަޅައި، ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމުމާ ގުޅިގެން، އެ ފަނޑިޔާރުން މަގާމުން ވަކިކުރީ އެއްވެސް އަސާސެއް ނެތިކަން އެނގޭ ކަމަށެވެ.
އެހެންކަމުން، އެ މައްސަލައިގައި ޖޭއެސްސީގެ މެންބަރުން ޖަވާބުދާރީ ކުރުވުމަށް އެ ގަރާރުގައި ގޮވާލައިފައިވެއެވެ.
އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް 28 މެންބަރުން ވޯޓް ދެއްވިއިރު، ގަރާރު މަޖިލީހަށް ބަލައިގަންނަން ވޯޓުދެއްވީ 7 މެންބަރުންނެވެ.
މަޖިލީހަށް މިފަދަ ގަރާރެއް ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ޖިނާއީ ދައުވާއެއް ނުކުރުމަށް ނިމިގެންދިޔަ ސެޕްޓެމްބަރު 30 ގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.
ގަރާރުގައި، ޕީޖީ އޮފީހުގެ ނިންމުމަށް އިޝާރާތްކޮށް ބުނެފައިވަނީ، "އެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެގެންދާ" ކަމަށެވެ.
އަދި މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ސަބަބުން ޖޭއެސްސީން ޒިންމާދާރުވާންޖެހޭނެކަން ފާހަގަކުރައްވައި ގަރާރުގައި އިތުރަށް ބުނެފައިވަނީ، "ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައިކަމަށް ވުމާއެކު، އެކަމުގެ ޒިންމާ ޖުޑީޝަލް ސަރވިސް ކޮމިޝަން އިން އުފުލައި، އެ ކަމަށް ޖަވާބުދާރީވާންޖެހޭނެ" ކަމަށެވެ.
ފަނޑިޔާރުން ނާޖާއިޒުގޮތުގައި ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ މަގާމުން ވަކިކުރީ ޖޭއެސްސީގެ ލަފަޔާއެކު މެއި 14، 2025 ގައި ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުންނެވެ.
ނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށްފަހު، އެއްވެސް ޖިނާއީ ކުށެއް ހިނގާފައިވާކަމަށް ބެލެވެން ނެތުމުން، ސެޕްޓެންބަރު 30، 2026 ގައި ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ފައިލްކޮށްފަ އެވެ.
އަޒްމިރަލްދާ އާއި މަހާޒު އަދި ފަނޑިޔާރު ހުސްނުއް ސުއޫދު، ޖޭއެސްސީން ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ނިންމައި، އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށެވެ.




