ރައީސް މުއިއްޒު އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފުއާ ސަލާންކުރައްވަނީ.--
ނިއުޅެމުންދާ ސަފުހާތަކުން ފެންނަނީ ކަރަޕްޝަނުގެ މަންޒަރުތަކޭ...!
ދާލުމީމު 8 ނޮވެމްބަރ 2026 (އާދީއްތަ)   17:36
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލް އޮތީ އާދައިގެ މަތިން ފުރިބާރުވެފައެވެ. އެކި ގައުމުތަކުގެ ފަތުރުވެރިންނާއި، ފުރަންދާ ދިވެހިންގެ ހަލަބޮލިކަމުގެ ތެރެއިން، ކޮފީ މޭޒެއްގެ ދޮށުގައި ތިބި ދެ ރަހުމަތްތެރިއެއްގެ ސަމާލުކަން ހުއްޓިފައި ހުރީ މުޅިން ތަފާތު ދިމާލަކަށެވެ. އެމީހުންގެ އަތުގައި އޮތީ އިހަށްދުވަހު ނެރުނު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެކުންފުނީގެ ސަބްސިޑިއަރީތަކުގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓެވެ.

ވާހަކަ ކުރިއަށްދިޔައީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި އެންމެ ނާޒުކު ނުކުތާތަކަށެވެ. އެމްއޭސީއެލް އިން އެއާޕޯޓް ތަރައްގީ ކުރުމުގެ ނަމުގައި ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ބިލިއަނުން ގުނާލެވޭ ބޮޑެތި ލޯނުތަކާއި، އޭގެ ސަބަބުން އުފެދިފައިވާ މާލީ އިލްތިޒާމްތަކުގެ ވާހަކައެވެ.

"އެންމެ ބޮޑު މައްސަލައަކީ ކުންފުނީގެ އަސްލު ވިޔަފާރީގެ ބޭރުން ހިންގާފައިވާ ކަންކަން،" އަލީ ކިޔައިދިނެވެ. "ގިރާވަރު ފަޅު ހިއްކުން ފަދަ އެމްއޭސީއެލްގެ މައިގަނޑު މަސްއޫލިއްޔަތާ ނުގުޅޭ ބިންހިއްކުމުގެ ބިޔަ މަޝްރޫއުތަކަށް ކުންފުނީގެ ފައިސާ މިއޮތީ ހޭދަކޮށްފަ. މިގޮތުން ބިންހިއްކުމުގެ މަޝްރޫއުތަކަށް އެކަނިވެސް 150 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.3 ބިލިއަން ދިވެހި ރުފިޔާ) ކުންފުނީގެ މާލީ ތާށިކަމުގެ ތެރެއިން ވަނީ ހަރަދުކޮށްފައި. އޭގެ އިތުރުން، އެކި ފަރާތްތަކަށް 'ބަދަލުދިނުމުގެ' ނަމުގައި ހިނގާފައިވާ ބޮޑެތި ހަރަދުތަކުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯ މިއޮތީ މުޅިން ހުލިވެފަ، އެއްބަސްވުންތައް އުވާލުމުން ބަދަލުގެ ގޮތުގައި ދޭންޖެހުނު 45 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 693 މިލިއަން ރުފިޔާގެ ސަބަބުން ކުންފުންޏަށް ވަނީ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާންޖެހިފަ".

އަހުމަދު ބޯޖަހާލިއެވެ. "އާނ، އޮޑިޓާ ޖެނެރަލްވެސް އެ ވިދާޅުވަނީ އެހެންވެއެއްނު؟ މިފަދަ ބިލިއަން ރުފިޔާގެ މާލީ ބުރަތައް އުފުލަން ޖެހުމަކީ މުސްތަގުބަލުގައި ކުންފުންޏަށާއި މުޅި ދައުލަތަށް އޮތް ބޮޑު މާލީ ނުރައްކަލެއް".

އަލީ ރިޕޯޓުގެ ވަރަށް ހާއްސަ ސަފުހާއަކަށް އިނގިލި ދިއްކޮށްލިއެވެ. "މި ބަލާބަލަ! އެންމެ ބޮޑު ހައިރާންކަމެއް މި އޮތީ ރަސްމާލޭ ބިންހިއްކުމުގެ މަޝްރޫއުގެ ތެރޭގައި. ކުރިން އެތަން ހިއްކަން ހަވާލުކުރި އިންޑިއާގެ ވިޔަފާރިވެރި ރާޖޫގެ ކެޕިޓަލް މެރިން ރިސާޗް ސީ ކޮމްމްޕެނީ އާ، ސީއެމްސީއަށް ފައިސާ ނުހޯދުމުން ސަރުކާރުން އެގްރިމެންޓް ބާތިލުކުރި. އެކަމަކު ހައިރާންވަނީ، އެގްރިމެންޓް ބާތިލުކޮށްފައިވެސް ބަދަލުގެ ނަމުގައި 77  މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ސީދާ އެ ކުންފުންޏަށް ދައުލަތުން ސިއްރިއްޔާތުގައި، ބަދަލުގެ ގޮތުގައި ދޫކޮށްފައިވާތީ!"

"އެހެންވީމާ ދެން އެތަން ހިއްކަން އެހެން ބަޔަކާ ހާވާލުކުރީ ދޯ"؟ އަހުމަދު އަހާލިއެވެ."ލިޔެކިޔުންތަކުގައި އޮތީ އެހެން،" އަލީ މަލާމާތުގެ ހިންޏެއް ހީލިއެވެ. "އެމްއޭސީއެލްގެ މުޅިން އާ ސަބްސިޑިއަރީއެއް ކަމަށްވާ 'ޕެނިންސިއުލާ އިންފްރާސްޓްރަކްޗަރ' އާ އެ މަސައްކަތް ހަވާލުކުރި، ނަމަވެސް، އަމަލީ ގޮތުން މިއަދުވެސް އެތަނުގައި ކޮންޓްރެކްޓަރުންގެ ގޮތުގައި ބިންހިއްކަނީ ހަމަ ކުރިންވެސް އެ މަޝްރޫއު ހިންގި ރާޖޫގެ ސީއެމްސީ ކުންފުނިތަކުން! މިއީ ހަމަ އެއް ބަޔަކަށް ނުސީދާ މަގުން ފައިސާ އޮއްސަންވެގެން ކަރުދާހުގައި ހަދާފައިވާ ބޮޑު އޮޅުވާލުމެއް. މި މަޝްރޫއުގެ ބިން ހިއްކުމުގެ ޖުމްލަ ހަރަދު700  މިލިއަން ޑޮލަރަށްވުރެ ނުވަތަ  10.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެގެންދާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ކުންފުނީގެ ހަޒާނާ ހުސްވާން ދިމާވި މައިގަނޑު ސަބަބު".

"އެކަމަކު ހަގީގީ މަސައްކަތް ކުރަނީ ކޮން ބައެއް؟" އަހުމަދު އަހާލިއެވެ.

"އެއީ ހެއްވާ ކަމަކީ"! އަލީ ހީލިއެވެ. "ލިޔެކިޔުންތަކުގައި އެމްއޭސީއެލްގެ ސަބްސިޑިއަރީ އޮތް ނަމަވެސް، އަމަލީ ގޮތުން މިހާރުވެސް އެތަނުގައި ބިންހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ކުރިންވެސް އެ މަޝްރޫއު ހިންގި ބޭރުގެ ރާޖޫ  ކުންފުނިން! މިއީ ހަމަ އެއް ކުންފުންޏަކަށް ނުސީދާ މަގުން ފައިސާ އޮއްސަންވެގެން ކަރުދާހުގައި ހަދާފައިވާ ބޮޑު އޮޅުވާލުމެއް".

އެމްއޭސީއެލްގެ ދަށުން އުފައްދާފައިވާ ސަބްސިޑިއަރީ ކުންފުނީ ވާހަކަ ފެށުމުން ދެމީހުންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ރިޕޯޓުން އެނގޭ ގޮތުގައި، 'ޕެނިންސިއުލާ އިންފްރާސްޓްރަކްޗަރ' ފަދަ ސަބްސިޑިއަރީތަކަކީ އެއްވެސް އާމްދަނީއެއް ނުލިބި، ހަމައެކަނި މައި ކުންފުނީގެ އެހީތެރިކަމުން ނޭވާލަމުންދާ ކުންފުނިތަކެކެވެ.

"މިއީ ހަމަ އަސްލުވެސް އަޖައިބެއް. އާމްދަނީއެއް ނުލިބި ގެއްލުމުގައި ހިނގާއިރުވެސް، މައި ކުންފުނިން އެދަނީ ފައިސާ އޮއްސަމުން،" އަހުމަދު ފާހަގަކުރިއެވެ. "އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސަބްސިޑިއަރީ ކުންފުނިތަކުގެ ގެއްލުން ފޫބެއްދުމަށް މައި ކުންފުނިން 85 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައި. މިއީ ހީވާގޮތުން ރަނގަޅަށް ހިނގާ ކުންފުންޏެއްގެ ލޭ ބޯން އުފައްދާފައިވާ ދަރިއެއްހެން".

"އެކަމަކު މިއަށްވުރެ މާ ބިރުވެރި ކަމެއް އެބައޮތް،" އަލީގެ ރާގު ބަދަލުވިއެވެ. "އެމްއޭސީއެލްގެ ހިންގުމުގެ ހަރަދާއި ޓާމިނަލްގެ ދަރަނިތައް ފޫބެއްދުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކަނިވެސް 1.6 ބިލިއަން ރުފިޔާގެ ބޮޑު ލޯނެއް ވަނީ ނަގާފައި. މީގެ ތެރޭގައި ކޯޕަރޭޓް ބޭނުންތަކަށް ނެގި 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިއަން ރުފިޔާގެ ލޯނަކާއި، އޭގެ ފަހުން ނެގި 30 މިލިއަން ޑޮލަރުގެ ނުވަތަ 462 މިލިއަން ރުފިޔާ) ލޯނު ހިމެނޭ".

އަހުމަދު ސިހިފައި އަހާލިއެވެ. "މިހާ ބޮޑު ލޯނެއް ދިނީ ކޮން އެއްޗެއް މޯގޭޖު ކޮށްފައި"؟

"އެއީ އެންމެ ނުރައްކާތެރި ހިސާބަކީ،" އަލީ ބުންޏެވެ. "މި ލޯނުތައް ސެކިއު ކުރަން މޯގޭޖު ކޮށްފައިވަނީ ސީދާ ހުޅުލޭގެ ލީސްހޯލްޑް ރައިޓްސް ނުވަތަ ކުލީގެ ހައްގުތައް! އަދި އެއީ ލޯނުގެ ޖުމްލަ އަދަދަށްވުރެ 150 އިންސައްތަ މަތީގެ ރޭޝިއޯއެއްގައި. މާނައަކީ ކުންފުންޏަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި، ގައުމުގެ އެންމެ މައި އިގުތިސޯދީ ދޮރޯށި ކަމަށްވާ ހުޅުލޭގެ ކޮންޓްރޯލް ބޭންކުގެ އަތްމައްޗަށް ދިއުމުގެ ގާނޫނީ ފުރުސަތު އެބައޮތް. މިއީ ހަމައެކަނި ކުންފުންޏެއް ބަގުރޫޓުވުމެއް ނޫން، މިއީ މުޅި ގައުމުގެ އިގުތިސޯދީ ސޮވަރެންޓީ ރަހުނުކުރުން".

އަހުމަދު ވިސްނުންތެރިކަމާއެކު އިތުރުކޮށްލިއެވެ. "މި ހުރިހާ މާލީ ގަޑުބަޑެއްގެ ތެރެއިންވެސް އަހަރެމެން ވިސްނާލަންޖެހޭ ކަމެއް އެބައޮތް. މާލީ އިސްލާހުތަކާ އެކު ކުންފުނީގެ 'އީ-ވޮލެޓް' ޑިޖިޓަލް ނިޒާމު މިހާރު ވަނީ ތައާރަފުކޮށްފައި. އެކަމަކު އޮޑިޓް ރިޕޯޓުން ދައްކަނީ އެ ނިޒާމުގެ ސައިބަރ ސެކިއުރިޓީއަށް އެކަނިވެސް 12 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރުވެސް، މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭކަން. މިއީ ސީދާ ލާރިތައް ގެއްލިގެންދާން ހުޅުވިފައި ހުރި ދޮރެއް".

"އަދި އެއާއެކު ސިޔާސީ ނިންމުންތަކުގެ އަސަރުވެސް ކުޑައެއް ނޫން،" އަލީ ބުންޏެވެ. "ކުންފުނީގެ މާލީ މިނިވަންކަން ގެއްލި، އިންތިހާބުތަކާ ދިމާކޮށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ކުންފުނި މިވަނީ ރޭޓިން އެޖެންސީތަކުގެ ކުރިމަތީގައިވެސް ނާޒުކު ފައްތަރަކަށް ވެއްޓިފައި".

އަލީ އޭނާގެ އައިޕެޑުން ދައުލަތުގެ މާލީ ސިޔާސަތުތަކުގެ ލިޔުމެއް ހުޅުވާލިއެވެ. "މިކަމުގެ އަސްލަކީ ހަމައެކަނި އެމްއޭސީއެލްއެއް ނޫން. މިއީ މުޅި ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމަށް އައިސްފައިވާ ބޮޑު ހީނަރުކަމެއް. ސިޔާސީ ބޭނުންތަކަށް ކުންފުނިތައް ބޭނުންކުރުމާއި، ކުންފުނިތަކުގެ ހިންގުން ދޯހަޅިވުމުގެ ނަތީޖާ މިއަދު މި ފެންނަނީ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން، މިސާލަކަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން ތަކުރާރުކޮށް އެދެމުންދަނީ މިފަދަ ކުންފުނިތައް ހަރުދަނާކޮށް، ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށް. އެމްއޭސީއެލް ފަދަ ރަނގަޅަށް ހިނގަމުންދިޔަ ކުންފުންޏެއްގެ މާލީ މިނިވަންކަން ގެއްލި، ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކުރަމުންދާ ދަނޑިވަޅެއްގައި، މިއީ މުޅި ގައުމީ އިގުތިސޯދަށް އޮތް ބޮޑު ރެޑް އެލާޓެއް".

"އާނ، ތިޔައީ ހަމަ ހަގީގަތް،" އަހުމަދު އެއްބަސްވިއެވެ. "ދައުލަތުގެ މާލީ ނިޒާމު ޒަމާނީކުރުމަށްޓަކައި ކުންފުނިތަކުގެ ރިފޯމްތަކަކީ މިއަދު މަޖުބޫރު ކަމެއް. ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް ނާޅައިފިނަމަ، ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި ދައުލަތުގެ ރިޒާވް އެއްކޮށް ހުސްވެ، ގައުމުގެ ބޭންކިން ނިޒާމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ. މިއީ ސީދާ ދިވެހި ރުފިޔާގެ އަގު ވެއްޓި، ތަކެތީގެ އަގު އުފުލިގެންދާނެ ކަމެއް".

ޓާމިނަލްގެ ލައުޑްސްޕީކަރުން ފުރާ މީހުންނަށް ގޮވާލި އަޑަށް ދެ ރަހުމަތްތެރިން ތެދުވިއެވެ. ނަމަވެސް އެމީހުންގެ ހިތުގައި ބާކީ އޮތީ ބޮޑު ސުވާލެކެވެ: ރާއްޖޭގެ އިގުތިސޯދުގެ މައިބަދަ ކަމަށްވާ އެއާޕޯޓް ކުންފުނި މި ބޮޑު އަނދަވަޅުން ސަލާމަތް ކުރަން ފިޔަވަޅެއް އެޅޭނެބާވައެވެ؟ ނުވަތަ ފެންނަން އޮތް ހަގީގީ ނަތީޖާއަކީ އެސްޓޮޕެލް އާއި ވެވިވަރ  ގެ ގާނޫނީ ހަމަތަކުގެ ދަށުން ކުންފުނީގެ ހައްގުތައް ގެއްލި، ބަގުރޫޓުވުމުގެ ސިއްކަ ޖެހުންތޯއެވެ؟

ކޮމެންޓް