މާލެ ސިޓީ މޭޔަރު އާދަމް އާޒިމް.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ދޭންޖެހޭ 74 މިލިޔަން ރުފިޔާ އުނިކޮށްފި
ފިޔެސް 21 އޮކްޓޯބަރ 2026 (ބުދަ)   13:45
ފިނޭންސް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ދޭންޖެހޭ ބްލޮކް ގްރާންޓުން ޖުމްލަ 74 މިލިޔަން ރުފިޔާ ކަނޑާލާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދު ބޭއްވި އެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ، މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ ބަޖެޓުން މި އަދަދު އުނިކޮށްފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ހުރަސްއަޅައި، މަސައްކަތްތަކަށް ދަތިކުރުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް، ލިބިފައިވާ ވަސީލަތްތަކާއި ބަޖެޓުގެ ތެރެއިން ވީ އެންމެ ރަނގަޅަކަށް ރައްޔިތުންނަށް ހިދުމަތް ދެމުންދާނެ ކަމަށް ވިދާޅުވެ މޭޔަރ އާޒިމް ވިދާޅުވީ، ކައުންސިލަށް ގާބިލު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެކަމަށްވެސް ސަރުކާރުގެ އެކި ފަރާތްތަކުން ހުރަސްއަޅައި ދަތިކުރަމުންދާ ކަމަށެވެ.

"މުވައްޒަފުން ނެގުމުގެ ދަތިކަމާއި މި ހުރިހާ ކަމެއްގެ ދަތިކަމެއް ޖައްސާތީވެ އަޅުގަނޑުމެންނަށް މަސައްކަތް ކުރަން ދަތިވެފައި މިތިބީ. އެވާހަކަވެސް ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ހިއްސާކޮށްލަން ބޭނުން އަސްލު. ކެޕަބަލް މީހުން ނަގަންވެގެން މަސައްކަތް ކުރަމުންދަނިކޮށް މި އުނދަގޫތަކެއް މި އަންނަނީ،" – މޭޔަރ އާޒިމް

މާލެ ސިޓީ ކައުންސިލަށް ލިބެންޖެހޭ ބްލޮކް ގްރާންޓުން މި ފައިސާ ކަނޑާލާފައިވަނީ، ކައުންސިލުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ ހުރުމާ ގުޅިގެން ކަމަށް ބުނެއެވެ.

މި ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ސަބަބުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސިޓީކައުންސިލުން މީގެ ކުރިން ވެސް ވަނީ އެކިފަހަރުމަތިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް