ދީނާ މިއަދު ޝަރީއަތުގެ މަޖިލީހުގައި: އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި.--
ފެނަކަ ހިޔާނާތުގެ މައްސަލަ، ދީނާ ޖަލަށްލާން ހުކުމްކޮށްފި
މަރްޔަމް މުޙައްމަދު 27 އޮކްޓޯބަރ 2026 (އަންގާރަ)   14:28
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިންގެ މައްޗަށް ކުރަމުން އައި ހިޔާނާތުގެ ތުހުމަތު ތަކުގެ މައްސަލައިގައި، އެ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ދީނާގެ މައްޗަށް ދައުވާކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ.

އެ މައްސަލައިގައި ދީނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅީ އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ. އެހެންވެ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަން މިމަހުގެ 20 ވަނަ ދުވަހު ތާވަލު ކުރުމަށްފަހު ފަސްކުރީ އޭނާގެ ބަލި ހާލަތު ހުރި ގޮތުގެ ސަބަބުންނެވެ.

މިއަދު ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން އެދުނީ ދީނާގެ މައްޗަށް ކުށުގެ އަސާސީ އަދަބު އިއްވުމަށެވެ. އެ ކުށަކީ ބޮޑު އަދަބެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ދައުލަތުން ގަބޫލުކުރިޔަސް، ދީނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލާ މީހަކަށްވެފައި އޭނާއަށް މިކަމުން ސީދާ މަންފާއެއް ލިބިފައިނުވާތީ އަދަބު ބޮޑުކުރަން ދައުލަތުން ބޭނުމެއް ނުވެއެވެ.

ދީނާގެ ވަކީލް ވަނީ އޭނާގެ މައްޗަށް އެންމެ ލުއި އަދަބެއް އިއްވަން އެދިފަ އެވެ. އެގޮތުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ އާއި ގޭބަންދު އަދަބަށް ބަދަލުކޮށްދޭން އެދުނެވެ. އެގޮތަށް އެދުނީ އޭނާއަކީ ބަލި މީހަކަށްވެފައި، އެކަނި ތުއްތު ކުދިންތަކެއް ބަލަހައްޓާތީ އެވެ.

ވަކީލް ވިދާޅުވި ގޮތުގައި ދީނާގެ ނޭވާލާ މައްސަލަތަކެއް ހުންނާތީ ވައި ބަންދުވާ ތަންތަނުގައި ނޫޅުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ.

 ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ނިންމެވީ ދީނާގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުމަށެވެ. އެއީ، އޭނާއަކީ ޖަލު ނުބެހެއްޓޭނެ ވަރުގެ މީހެއް ކަމަށް އެއްވެސް ޑޮކްޓަރަކު ލިޔުމެއް ދީފައި ނެތުމުންނާއި އޭނާ ކުރި ކުށަކީ މުޅި މުޖުތަމައު ފަސާދައަށް ހުށަހެޅޭ ކުށަކަށްވާތީ އެވެ.

ގާޒީ އިއްވެވީ ދައުލަތުން އެދުނު ގޮތަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މައްސަލައިގައި ދެން ދައުވާކުރި ފެނަކަގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވީ 2025 ސެޕްޓެމްބަރު 28 ގައެވެ. ސައީދާ އެކު ދީނާގެ މައްޗަށް ވެސް ހުކުމް އިއްވަން ކޯޓުން މަސައްކަތްކުރި ނަމަވެސް، އޭނާ އޭރު ވެސް ހޮސްޕިޓަލްގައި އޮތުމުން އެކަން ނުވީއެވެ. އޭގެ ފަހުން ވެސް ދީނާގެ ސިއްހީ ހާލަތާ ގުޅޭ އެތައް ލިޔުމަކާ އެކު އޭނާއަށް ކޯޓަށް ހާޒިރު ނުވެވޭނެކަން އެންގިއެވެ.

މި މައްސަލައިގެ އިތުރުން ވެސް ދީނާގެ މައްޗަށް އެހެން ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެއީ 2018 ޖޫން ގައި ފެނަކަގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރާ ދައުވާގެ މައްސަލައެކެވެ.

ކޮމެންޓް