ޓީއެމްއޭގެ ސީޕްލޭނެއް އަރިއަޅާލާފައި.---- ފޮޓޯ: މޯލްޑިވްސް އޭވިއޭޝަން
ސީޕްލޭން އެކްސިޑެންޓުގައި ކްރޫއަކަށް އަނިޔާވެ، ވެންޓިލޭޓަރުގައި ފަރުވާދެނީ
މަރްޔަމް މުޙައްމަދު 12 ނޮވެމްބަރ 2026 (ބުރާސްފަތި)   06:41
ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިނދި އިއްޔެ މެންދުރުފަހު ހިނގި އެކްސިޑެންޓުގައި ކްރޫއަކަށް އަނިޔާވެ، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މި ހާދިސާގެ މައުލޫމާތު ޓީއެމްއޭ އިން އާންމުކުރިއިރު، އެއްވެސް މީހަކަށް އަނިޔާވިކަން އާންމުނުކުރިނަމަވެސް، ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީއެމްއޭގެ ކްރޫއަކަށް ހުރި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ސީރިއަސްކަމުން ފުރަތަމަ ވެސް ފަރުވާ ދޭން ފެށީ އައިސީޔޫގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމަށް އިއްޔެ މެންދުރު 2:25 ހާއިރު ކައިރި ކުރަނިކޮށް ހިނގި މި ހާދިސާގައި އަނިޔާވީ ކަނދުމަތީގައި އެ ވަގުތު ހަރަކާތްތެރިވި ކްރޫއަކަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އެ ޒުވާނާ ކަނދުމަތިން ކަނޑަށް ވެއްޓުމުން ނަގަން ވެސް އިރުގަނޑެއްވި ކަމަށް އެނގިފައި ވެއެވެ.

ދިވެހި އެ ޒުވާނާ އަށް ވެފައިވާ އަނިޔާގެ ތަފުސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު، ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނީ، ސީޕްލޭންގެ ކަނދު ބިންދައިގެން ދިޔަ ވަގުތު އެ ކްރޫ އޭގައި ތާށިވި ކަމަށެވެ.

ޓީއެމްއޭއިން މީޑިއާއަށް ބުނީ، ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ތިބި ފަސިންޖަރުންނައި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ބަލައި، ތަފުސީލް އާންމު ކުރާނެ ކަމަށް ބުންޏެވެ.

ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ޓީއެމްއޭއިން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައި ނެތެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، ހާދިސާ ހިނގުމާއެކު، އެއާޕޯޓް އިމަޖެންސީ ސާވިސަސް އިން އެ ސަރަހައްދުގައި  ހަރަކާތްތެރިވި އެވެ. އަދި އެ ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

"އަދި ހަމައެއާއެކު، ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅިފައިވާކަން ފާހަގަކުރަމެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް