ފުލުހުން ޓްރެފިކް ބަލަހައްޓަނީ.--
ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ފުލުހަކަށް އަނިޔާވެގެން ފަރުވާދެނީ
މަރްޔަމް މުޙައްމަދު 17 އޮކްޓޯބަރ 2026 (ހޮނިހިރު)   07:26
ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ބްރިޖު ހައިވޭގައި ޑިއުޓީ ކުރަމުންދިޔަ ފުލުހެއްގެ ގައިގައި ޖެހި އަނިޔާވެގެން ފަރުވާ ދެމުން އެބަދެއެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، ރޭ ފަތިހު 4:29 ހާއިރު ބާރު ސްޕީޑުގައި މާލެއިން ހުޅުމާލެއަށް ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ބްރިޖު ހައިވޭގައި ޑިއުޓީ ކުރަމުންދިޔަ ފުލުހެއްގެ ގައިގައި ޖެހި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުންގެ ފަރާތުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް އެ އަނިޔާތަކާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ބާރު ސްޕީޑްގައި ދުއްވި އެ ސައިކަލު ވަނީ އެވަގުތު ޑިއުޓީގައި ތިބި ފުލުހުން ހުއްޓުވާފައެވެ.

ބާރު ސްޕީޑްގައި ނުވަތަ ގަވާއިދާ ހިލާފަށް ދުއްވާ އުޅަނދުތަކުގެ ސަބަބުން އެކްސިޑެންތައް އިތުރުވަމުން ދާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. އެގޮތުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް އަންނަނީ ކުރަމުންނެވެ.

އަދި މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް