
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގެއްލުނު ޖުމްލަ ފައިސާގެ ތެރެއިން އަނބުރާ ހޯދިފައި ވަނީ 245,389.64 ރުފިޔާއެވެ.
މި މުއްދަތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތައް ކަމަށްވާއިރު، އެ ބާވަތުގެ 12 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، އޮންލައިން ވިޔަފާރި (އީ-ކޮމާސް) އާ ގުޅުންހުރި 9 މައްސަލައަކާއި، އިންވެސްޓްމަންޓްގެ ނަމުގައި އޮޅުވާލި 4 މައްސަލައެއްގެ އިތުރުން، ބުކިން ކެންސަލްކުރުމާއި ރިފަންޑް ހޯދުމުގެ 4 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާއިރު، އެހެނިހެން ގޮތްގޮތުން ފައިސާ އަތުލި 4 މައްސަލައެއް ވެސް މި ތަފާސްހިސާބުން ދައްކައެވެ.
ސްކޭމަރުން މި އަމަލުތައް ހިންގުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ޓިކްޓޮކް، އައިބޭ، ފޭސްބުކް މާކެޓްޕްލޭސް، ފިޝިން ލިންކުތަކާއި އޮންލައިން މެސެޖުތަކުގެ އިތުރުން ފޯނު ކޯލުތަކެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ، ބޭންކު އެކައުންޓުގެ ޕިން ނަންބަރާއި އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ.
އަދި ބޭންކެއް ނުވަތަ އެހެންވެސް އިދާރާއެއްގެ ނަމުގައި ގުޅައި އެފަދަ މައުލޫމާތެއް ހޯދަން އުޅެފި ނަމަ، ވަގުތުން ފޯނު ކަނޑާލުމަށް ފަހު ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.




