
ފުލުހުން ބުނީ، ސެންޓްރަލް ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގެ ސްކޫލު ކުދިންތަކެއް، އޮންލައިންކޮށް ކުއްޖަކަށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
ކުޑަކުދިންނާ ގުޅުން ހުންނަ މިފަދަ މައްސަލަތަކުގައި ރަށާއި ކުދިންގެ އިތުރު ތަފުސީލު އާންމުކޮށް ހާމަނުކުރާ ކަމަށްބުނެ ފުލުހުން ބުނެފައިވަނީ، މީސްމީޑިއާ އާއި އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކުދިން އެކަކު އަނެކަކަށް ގަނާކުރުމުގެ އަމަލުތައް އިތުރުވަމުންދާތީ، އެކަމުގެ ކަންބޮޑުވުން މިހާރު ވަރަށް ބޮޑުކަމަށެވެ.
އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާޖޭގައި ގަނާކުރުމާއި ޖިންސީ ގޯނާ ކުރުން، ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ މި ފަހަކަށް އައިސް އިތުރުވެފައި ވާއިރު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ (ނުވަތަ މިހާރުގެ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީތަކާ ބެހޭ ވުޒާރާ) ގެ މައްސަލަތަކުގެ ހިސާބުތަކުން ފެންނަގޮތުގައި، ކޮންމެ މަހަކުވެސް ޖިންސީ ގޯނާގެ މައްސަލަ 20އާއި 25 އާ ދެމެދުގެ އަދަދަކަށް ރިޕޯޓުކުރެއެވެ.
އެގޮތުން އަންހެން މިފަދަ ގޯނާތަކުގެ ޝިކާރައަކަށް ގިނައިންވެފައި ވަނީ، އަންހެންކުދިން ކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ ޑޭޓާއާއި ޔުނިސެފްގެ 2025 ސިޓުއޭޝަން އެނަލިސިސް ގައި ބުނެފައިވާ ގޮތުގައި، 2021 އިން 2024 ސެޕްޓެމްބަރަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 800 އަށްވުރެ ގިނަ މައްސަލަ ވަނީ ބަލާފައެވެ.
އޭގެތެރެއިން 80 އިންސައްތައަކީ އަންހެން ކުދިން ކަމަށް ވާއިރު، ކުރީގެ ޔުނިސެފް ނޭޝަނަލް ސްޓަޑީ (2009) ގައި ވެސް ނަތީޖާ ދައްކާފައި ވަނީ، ކުޑަކުދިންކަމަށް ބެލެވޭ އުމުރުގެ ކޮންމެ 7 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކަށް ޖިންސީ ގޯނާ ކުރެވިފައިވާ ކަމަށެވެ.
މިފަދަ އަމަލެއް ހިންގާކަމަށް ބެލެވޭނަމަ، ރިޕޯޓުކުރަންޖެހޭ ހެލްޕްލައިންއަކީ 1412 ނުވަތަ އެކަމާބެހޭ ވުޒާރާތަކުގެ ރަސްމީ ނަމްބަރުތަކެވެ. މުޖުތަމައުގެ ކޮންމެ ފަރުދަކު ވެސް، ކުދިންނަށް ސަލާމަތްތެރި މާހައުލެއް ހޯދައިދިނުން މުހިންމެވެ.




