
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މުޅި ގައުމުގެ ވައިގެ ދަތުރުތައް ހުއްޓުވުމަށް ހުކުރު ދުވަހު ނެރުނު އަމުރާ ގުޅިގެން އެތައް ހާސް ފަސިންޖަރުންނެއް ވަނީ އެއާޕޯޓްތަކުގައި ތާށިވިއެވެ. ބައެއް ފްލައިޓްތައް ފުރަން ތައްޔާރުވެފައި ވަނިކޮށް، ވާނުވާ ނޭނގޭ ހާލަތެއްގައި އެއާލައިންތަކުގެ މުވައްޒަފުން ވަނީ ފަސިންޖަރުން ބޯޓުން ބޭލިއެވެ.
އެތައް ހާސް ފްލައިޓެއް ޑިލޭވެ އަދި ކެންސަލްވާން ދިމާވި ހާދިސާ ހަތަރުވަރަކަށް ގަޑިއިރަށް ދިގުދެމިގެން ދިއުމަށްފަހު، އެފްއޭއޭ ގެ އަމުރު މިހާރު ވަނީ މިހާރު ވަނީ އުވާލާފައެވެ. އެހެންނަމަވެސް ފްލައިޓްތައް ޑިލޭ ވުމާއި ކެންސަލްވުން އަދިވެސް ކުރިމަތިވެދާނެ ކަމަށް އެފްއޭއޭ އިން ބުނެފައި ވެއެވެ.
މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، އެމެރިކާގެ ވައިގެ ސަރަހައްދުގައި މިފަދަ އިންޒާރެއް ދީ، މުޅި ގައުމުގެ ފްލައިޓްތައް ހުއްޓުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕައިލެޓުންނަށް މައުލޫމާތު ދޭ ނިޒާމަކަށް މައްސަލަ ޖެހިގެން ކުޑަ ވަގުތުކޮޅަކަށް ދަތުރުތައް ހުއްޓުވި އެވެ.
އެފްއޭއޭ އިން ބުނެފައިވާ ގޮތުގައި ހުރިހާ އެއާޕޯޓްތަކެއްގެ އުދުހުންތައް ހުއްޓާލުމަށް އަމުރު ނެރުނީ އެއާ ރޫޓް ޓްރެފިކް ކޮންޓްރޯލް ސެންޓަރުތަކަށް ދިމާވި މުއާސަލާތީ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ހުކުރު ދުވަހުގެ ހަވީރު ނޫސްވެރިންނަށް ވިދާޅުވީ، ފްލައިޓްތަކަށް އަސަރުކުރި މުވާސަލާތީ މައްސަލައިގެ ފަހަތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް އޮތް ކަމަށް ޝައްކުކުރެވޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށެވެ.
"އާންމު ރައްޔިތުން އެމީހުންގެ ލޯބިވާ މީހުންނާ މެދު ބިރުގަންނަންވީ ނުވަތަ ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ނެތް،" މުލިން ވިދާޅުވިއެވެ.
"މިއީ އިތުރު 9/11 އެއް ނޫން. މިހާތަނަށް ބެލި ބެލުމުން މިއީ ހަމަލާއެއް ކަމަކަށް ނުބެލެވޭ، މިއީ ހަމައެކަނި ޓެލެކޮމިއުނިކޭޝަން ނިޒާމަށް ދިމާވި މައްސަލައެއް. ނަމަވެސް އެއްވެސް ކަމެއް އަދި މުޅިން ވަކި ގޮތަކަށް ނުނިންމަން،" މުލިން ވިދާޅުވިއެވެ.
ފްލައިޓްތައް ވަގުތުން ޓްރެކްކުރާ ވެބްސައިޓެއް ކަމަށްވާ ފްލައިޓްއަވެއާ.ކޮމް އިން ބުނި ގޮތުގައި، ގަޑިން ހަވީރު 6:45 އާ ހަމައަށް އެމެރިކާގެ އެތެރޭގައާއި، އެމެރިކާއަށް އަންނަ އަދި އެމެރިކާއިން ފުރަން އޮތް 10،000 އަށް ވުރެ ގިނަ ފްލައިޓް ޑިލޭވެ 3،200 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްވެފައެވެ.
މި ހާދިސާ ދިމާވެފައި މިވަނީ، އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމު ޒަމާނީކޮށް ތަރައްގީކުރުމަށްޓަކައި 30 ބިލިއަން ޑޮލަރުގެ ބަޖެޓެއް ދިނުމަށް ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ކޮންގްރެސްގައި ރަސްމީކޮށް އެދިވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ. އަދި މިއީ މައިކްރޮސޮފްޓްގެ ހިދުމަތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ބުރުލެއް އަރައި، އެ ކުންފުނިން މާފަށް އެދުނު ދުވަހު ހިނގި ކަމެކެވެ.




